”ޔުނެސްކޯ އެވޯޑް އޮފް އެކްސަލަންސް ފޮރ ހޭންޑީ ކްރާފްޓްސް 2008“ އެވޯޑް، މައިޒާން އާދަމް މަނިކަށް ލިބިވަޑައިގަތުމާ ގުޅިގެން، އެމަނިކުފާނަށް ރައީސް މުޙަންމަދު ނަޝީދު ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެއްޖެއެވެ. މި އެވޯޑަކީ އަތްތެރިމަސައްކަތުގެ ފެންވަރު ހިފެހެއްޓުމާއި، ޒަމާންވީ މަސައްކަތްތެރިކަން އާލާކޮށް، އެކަމުގެ ހޭލުންތެރިކަން އިތުރުކުރުމުގެ މަޤްޞަދުގައި ޔުނެސްކޯއިން ދެއްވަމުން ގެންދަވާ އެވޯޑެކެވެ.

ރައީސް މުޙަންމަދު ނަޝީދު، މައިޒާން އާދަމް މަނިކަށް ތަހުނިޔާ ވިދާޅުވީ، މިކަން ފާހަގަކުރެއްވުމުގެ ގޮތުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ. މިރަސްމިއްޔާތުގައި ޚަބަރުފަތުރާ ވަސީލަތްތަކުން ރިޕޯޓަރުންވެސް ބައިވެރިވިއެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، މިފަދަ އެވޯޑެއް މައިޒާން އާދަމް މަނިކަށް ލިބިވަޑައިގެންނެވީތީ، ވަރަށް ބޮޑަށް އުފާފުޅު ކުރައްވާ ކަމަށް ވިދާޅުވިއެވެ. އަދި މައިޒާން އާދަމް މަނިކަކީ، އަތްތެރި މަސައްކަތުގެ ދާއިރާގައި މަސައްކަތް ކުރައްވަމުން ގެންދަވާތާ ދުވަސްތަކެއް ވެފައިވާ ބޭފުޅެއްކަން ފާހަގަކުރައްވައި، މިއީ ރާއްޖެއަށް ލިބުނު ވަރަށްބޮޑު ޝަރަފެއް ކަމަށްވެސް ރައީސް ނަޝީދު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި މައިޒާން އާދަމް މަނިކު ދެއްކެވި ވާހަކަފުޅުގައި، މި އެވޯޑު ލިބިވަޑައިގަތުމާ ގުޅިގެން، ސަރުކާރުން މިހާ ފުރިހަމަ ގޮތެއްގައި މިކަން ފާހަގަކުރެއްވީތީ، ރައީސް ނަޝީދަށާއި، ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މިއީ އެމަނިކުފާނަށް ލިބިވަޑައިގެންނެވި އެވޯޑެއް ކަމަށް ދެކެވަޑައިނުގަންނަވާ ކަމަށާއި، މިއީ މިކަމުގައި މަސްއޫލުވެގެން މަސައްކަތް ކުރަމުން އައި ކުދިންނަށާއި، ދިވެހި ފަންނާނުންނަށާއި، ދިވެހި ރައްޔިތުންނަށް ލިބުނު އެވޯޑެއް ކަމަށް ވިދާޅުވިއެވެ. އާދަމް މަނިކުގެ ވާހަކަފުޅުގައި، އިމްޕޯޓް ކުރެވޭ ”މޭޑް އިން މޯލްޑިވްސް“ ޖަހާފައި ހުންނަ ދިވެހި އުފެއްދުން ނުފެންނާނެ ދުވަހަކީ، އަޅުގަނޑުމެން ދެކެން ބޭނުންވާ ދުވަސް ކަމުގައި ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ތާނގައިވެސް ދިވެހި ފަންނުވެރިންނަށް މަސައްކަތްތެރިކަމުގެ ރޮނގުގައި ކުރިއަށް ދިޔުމުގެ މަގު ތަނަވަސްވެގެންދާނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ވިދާޅުވިއެވެ.

މައިޒާން އާދަމް މަނިކަށް ލިބިވަޑައިގެންނެވި އެވޯޑުގެ ކޮޕީއަކާއި ހަދިޔާއެއް، މިއަދުގެ މިރަސްމިއްޔާތުގައި ރައީސް ނަޝީދަށް އެރުއްވިއެވެ. މި އެވޯޑު ރައީސް ނަޝީދަށް އެރުވީ، މައިޒާން އާދަމް މަނިކުގެ ފަންނީ މެނޭޖަރ މައުމޫން ރިޒާއެވެ.

މި އެވޯޑު ލިބިވަޑައިގަތުމާ ގުޅިގެން، ނޫސްވެރިން ދެންނެވި ސުވާލުތަކަށްވެސް މައިޒާން އާދަމް މަނިކު ޖަވާބު ދެއްވިއެވެ.

މިއަދުގެ މިރަސްމިއްޔާތުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.