ދިވެހިރާއްޖޭގައި ބްރިޓިޝް ރެޑް ކްރޮސްގެ ފަރާތުން ހިންގެވި މަސައްކަތްތައް ނިމިފައިވުމާއެކު، އެކަން ފާހަގަކުރައްވައި، ރައީސް މުޙަންމަދު ނަޝީދު، އެފަރާތަށް ހަނދާނީ ފިލައެއް ދެއްވައިފިއެވެ. މި ހަނދާނީ ފިލާ ބްރިޓިޝް ރެޑް ކްރޮސްއާ ރައީސުލްޖުމްހޫރިއްޔާ ހަވާލުކުރެއްވީ ބްރިޓިޝް ރެޑް ކޮރޮސްގެ ފަރާތުން ރާއްޖޭގައި ހުންނަވާ ހެޑް އޮފް މިޝަން، މިސްޓަރ އެލެސްޓެއަރ ބަރނެޓާއި ބްރިޓިޝް ރެޑް ކްރޮސްގެ ބައެއް މުވައްޒަފުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައެވެ. މިބައްދަލުކުރެއްވުން އޮތީ މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކުރެއްވުމުގައި، މިސްޓަރ ބަރނެޓް ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖޭގައި ބްރިޓިޝް ރެޑް ކްރޮސްގެ މަސައްކަތް ނިންމަވާފައި އެނބުރި މިވަޑައިގަންނަވަނީ ވަރަށް ހިތްޕުޅު ހަމަޖެހިވަޑައިގެން ހުންނަވައިގެންކަމަށް ވިދާޅުވިއެވެ. އަދި، ދިވެހި ސަރުކާރާއި ރައްޔިތުންގެ ފަރާތުން ބްރިޓިޝް ރެޑް ކްރޮސްއަށް ވެދެއްވި އެހީއާއި އެއްބާރުލެއްވުން ވަރަށް ބޮޑަށް ފާހަގަކުރައްވައި އެކަމަށްޓަކައި ޝުކުރުއަދާކުރެއްވިއެވެ. އަދި، ބްރިޓިޝް ރެޑް ކްރޮސްގެ ޓީމުގައި ވަރަށް ގިނަ އަދި ޤާބިލު ދިވެހިންތަކެއްވެސް ހިމެނޭ ކަމުގައި ވިދާޅުވިއެވެ.

ރައީސް ނަޝީދު ދެއްކެވި ވާހަކަފުޅުގައި، ބްރިޓިޝް ރެޑް ކްރޮސްގެ ފަރާތުން ރާއްޖެއަށް ވަރަށް ގިނަގުނަ އެހީތައް ވެދެއްވާފައިވާކަމަށާއި، ސުނާމީގެ ސަބަބުން ގެދޮރުނެތިދިޔަ މީހުންނަށް ބްރިޓިޝް ރެޑް ކްރޮސްއިން ކޮށްދެއްވާފައިމިވަނީ ވަރަށް އަގުހުރި މަސައްކަތްތަކެއްކަމަށް ވިދާޅުވިއެވެ.