ޖަޕާނުގެ އައު އެމްޕެރަރ ރަސްމީގޮތުން ތަޚުތަށް އިސްކުރެއްވުމުގެ އިޙްތިފާލުގައި ބައިވެރިވެވަޑައިގަތުމަށް އެޤައުމަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި އަނބިކަނބަލުން ފަޒުނާ އަޙުމަދު މިރޭ ރާއްޖެ ވަޑައިގެންފިއެވެ.
މިދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ޖަޕާނު ސަރުކާރުގެ އިސްބޭފުޅުންނާއި ބައްދަލު ކުރައްވާފައެވެ. މިގޮތުން އެޤައުމުގެ ބޮޑުވަޒީރު ޝިންޒޯ އަބޭއާއެކު ބޭއްވެވި ބައްދަލުކުރެއްވުން ފާހަގަކޮށްލެވެއެވެ. ދެ ޤައުމުގެ ރަސްމީ ވާހަކަފުޅުތައް ކުރިއަށް ދިޔަ މި ބައްދަލު ކުރެއްވުމުގައި ދެޤައުމުގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުމާއި ބެހޭގޮތުންނާއި ދެޤައުމުގެ މިގުޅުން ކުރިމަގުގައި އެކިދާއިރާތަކުން އިތުރަށް ބަދަހި ކުރުމާއިބެހޭގޮތުން ދެބޭފުޅުންގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.
ރާއްޖެއާ ޖަޕާނުގެ ޒަމާންވީ ރަޙުމަތްތެރިކަމުގެ ގުޅުމަކީ ފާހަގަކޮށްލެވޭ ބަދަހި ގުޅުމެކެވެ. މިގުޅުމުގެ ތެރެއިން ރާއްޖޭގެ ތަރައްޤީއަށް އެކިރޮނގުތަކުން އެންމެ ބޮޑު އެހީތެރިކަމެއް ފޯރުކޮށްދީފައިވާ އެއް ޤައުމަކީ ޖަޕާނެވެ. އެގޮތުން އުމްރާނީ ތަރައްޤީގެ މުހިއްމު ބޮޑެތި މަޝްރޫއުތައް ހިންގުމުގައި ދީލަތި އެހީތަކެއް ވެދީފައިވާއިރު އިންސާނީ ވަސީލަތްތައް ތަރައްޤީ ކުރުމާއި ތަޢުލީމީ ދާއިރާއާއި މަސްވެރިކަމުގެ ދާއިރާގެ އިތުރުން ޤުދުރަތީ ކާރިސާތަކުން ރައްކާތެރިވުމަށް ޖަޕާނުގެ އެހީގައި ހިންގާފައިވާ އެކި މަޝްރޫޢުތައް ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމަށް ޖަޕާނުން ވެދީފައިވާ އެހީތެރިކަމަކީ، ދުނިޔޭގެ އެންމެ ފަގީރު ޤައުމުތަކުގެ ލިސްޓުން 2011 ވަނަ އަހަރު، މެދުފަންތީގެ އާމްދަނީ ލިބޭ ޤައުމުތަކުގެ ލިސްޓަށް އެރުމަށް ރާއްޖެއަށް މަގުފަހިވެގެންދިޔަ މުހިންމު އެހީތަކެއްކަމުގައި ވާއިރު ޖަޕާނުން ރާއްޖެއަށް ވެދީފައިވާ މިއެހީތެރިކަމަކީ ދިވެހިން ޝުކުރުވެރިކަމާއެކު ބަލައިގެންފައިވާ ކަމެކެވެ. އަދި ދިވެހި މުޅި މުޖުތަމަޢު ޝާމިލުވާ ގޮތަށް ޖަޕާނުން ވެދީފައިވާ މި އެހީތަކުގެ ސަބަބުން ރަށު ފެންވަރުގައާއި ފަރުދީ ފެންވަރުގައި ވެސް ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި ވަރަށް ޚާއްޞަ ގުޅުމެއް އުފެދިފައިވާކަން ފާހަގަކޮށްލެވެއެވެ.
ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ޖަޕާނު ސަރުކާރުގެ އެހީގައި ހިންގާފައިވާ ކާމިޔާބު ބިޔަ ބޮޑެތި މަޝްރޫޢުތަކުގެ އިތުރުން ޖަޕާނުގެ އިންވެސްޓްމަންޓްތައް ރާއްޖޭގެ ތަރައްޤީގައި ބޮޑު ދައުރެއް އަދާކޮށްފައިވާކަމީ ދެ ޤައުމުގެ މެދުގައި އޮތް ގާތް ރަޙުމަތްތެރި ގުޅުން ރަމްޒުކޮށްދޭ އަލިގަދަ ހެއްކެކެވެ. ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ރާއްޖޭގައި ޖަޕާނުގެ ގިނަ މަޝްރޫޢުތަކެއް ކާމިޔާބުކަމާއެކު ކުރިޔަށްގެންދާތާ އެތައް އަހަރެއްވެފައިވާ ޖަޕާން އިންޓަރނޭޝަނަލް ކޯޕަރޭޝަން އެޖެންސީ (ޖައިކާ)ގެ ރައީސް ސިނީޗީ ކިޓައޯކާއާ ބައްދަލު ކުރައްވާފައިވެއެވެ. މިބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖައިކާއިން ރާއްޖޭގައި ކުރަމުންގެންދާ އަގުހުރި މަސައްކަތްތައް ފާހަގަކުރައްވާ އެކަމަށްޓަކައި ޝުކުރުއަދާކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޖަޕާނަށް ކުރެއްވި މި ތާރީހީ ދަތުރުފުޅުގައި އެޤައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލު ކުރައްވާ، ދިވެހި އާއިލާތަކާއެކު ވަގުތުކޮޅެއް ހޭދަކޮށްލެއްވިއެވެ. މިބައްދަލުކުރެއްވުމުގައި ދެއްކެވި ވާހަކަފުޅުގައި، ބޭރު ޤައުމުތަކަށް ކުރައްވާ ދަތުރުފުޅުތަކުގެ އެންމެ ބޮޑު އެއް ބޭނުންފުޅަކީ ރާއްޖޭގެ ތަރައްޤީގެ މަޝްރޫޢުތަކަށް ތަފާތު ދާއިރާތަކުން އެހީތެރިކަން ހޯއްދެވުމާއި ބޭރު ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނަށް އެޤައުމުތަކުގައި ރަނގަޅުފެންވަރުގެ ޚިދުމަތްތަކެއް ފޯރުކޮށްދިނުމުގެ މަގުތަނަވަސްކޮށްދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވެއެވެ.