ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ޖަޕާނަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގައި، ޖަޕާނުގެ އޮދަވަރާ ސިޓީއަށް ވަޑައިގެން އެސިޓީގެ މޭޔަރ ކެނީޗީ ކާތޯއާ ބައްދަލުކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ޖަޕާނަށް ކުރައްވާ މި ދަތުރުފުޅަކީ ޖަޕާން ސަރުކާރުގެ ދަޢުވަތަކަށް ކުރައްވާ ރަސްމީ ދަތުރުފުޅެކެވެ. މިދަތުރުފުޅުގައި އެޤައުމުގެ ރަސްކަމުގެ ތަހުތަށް ކްރައުން ޕްރިންސް ނަރުހީޓޯ އިސްކުރުމަށް ބާއްވާ ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އޮދަވަރާ ސިޓީއަކީ ރާއްޖޭގެ ރަށްތަކާ އެއްގޮތް ގިނަ ކަންތައްތަކެއް އެކުލެވޭ ސިޓީއެކެވެ. އޮދަވަރާ ސިޓީއަކީ ރާއްޖެއެކޭ އެއްފަދައިން އައްސޭރިފަށުގެ ސަރަހަށްދެއް ހިމެނޭ ސިޓީއެކެވެ. މީގެއިތުރުން މަސްވެރިކަމުގެ ސިނާޢަތަށް ބަރޯސާވެފައިވުމާއި ރައްޔިތުންގެ ކެއިންބުއިމުގެ އާދަކާދައިގައި ވެސް ރާއްޖެއާ އެއްގޮތް ކަންތައްތަކެއް ހުރެއެވެ.

ޖަޕާނުގެ އޮދަވަރާ ސިޓީގެ މޭޔަރާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެޤައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ. މިގޮތުން ޖަޕާނުން ޤައުމީ އަދި ޕްރޮވިންސް ތަކުގެ ފެންވަރުގައި ޢަމަލުކުރާ ރަނގަޅު އުސޫލުތައް ރާއްޖޭގައި ލާމަރުކަޒީ ނިޒާމު ހަރުދަނާކުރުމުގައި ބޭނުންކުރުމުގެ މުހިއްމުކަމުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލައްވާފައިވެއެވެ.

މީގެ އިތުރުން "ހަގިބިސް" ތޫފާނުގެ ސަބަބުން ގެއްލުން ލިބުނު އޮދަވަރާގެ ރައްޔިތުންނަށް ހަމްދަރުދީ ފޮނުއްވަވާ، އެފަރާތްތަކަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރައްވާފައިވެއެވެ. މި ތޫފާނުގައި ހާލުގައި ޖެހުނު ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދީ، ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ޖަޕާނު ސަރުކާރުން އަޅުއްވާފައިވާ އަވަސް، ހަރުދަނާ ފިޔަވަޅުތަކަށްޓަކައި، ޖަޕާނު ސަރުކާރަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ތަޢުރީފުކުރައްވާފައެވެ.

އަންނައަހަރު ސަމަރ އޮލިމްޕިކްސް ޖަޕާނުގައި ބޭއްވޭއިރު ދިވެހިރާއްޖޭގެ ކޮންޓިންޖެންޓް ޖަޕާނުގައި ތިބުމަށް ހަމަޖެހިފައިވަނީވެސް އޮދަވަރާ ސިޓީގައެވެ. އެގޮތުން ރާއްޖޭގެ އެތްލީޓުންގެ ތަމްރީނުތައް ކުރިޔަށް ގެންދިއުމަށްވެސް ހަމަޖެހިފައިވަނީ މި ސިޓީގައެވެ.

މި ބައްދަލުކުރެއްވުމުގައި މޭޔަރ ކެނީޗީ ކާތޯ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއިން އޮދަވަރާގެ ރައްޔިތުންނާމެދު ބަހައްޓަވާ ގާތްކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށް ޝުކުރު އަދާކުރެއްވިއެވެ. އޮދަވަރާއަކީ ޖަޕާނުގެ އިޤްތިޞާދީ އަދި ސަގާފީ މައި މަރުކަޒަށްވެފައި، ދިވެހި އެތްލީޓުން ތިބޭ ސިޓީއަށްވާއިރު ސަމަރ އޮލިމްޕިކްސްގެ އެކިއެކި މުބާރާތްތަކުގައި އެސިޓީގެ ރައްޔިތުން ރާއްޖޭގެ އެތްލީޓުންނަށް ތަރުޙީބުދޭނެ ކަމަށް މޭޔަރ ކެނީޗީ ކާތޯ ވިދާޅުވިއެވެ.އަދި ރާއްޖޭގެ އެތްލީޓުންނަށް ބޭނުންވާ އެންމެހާ ޚިދުމަތްތައް އޮދަވަރާ ސިޓީން ލިބޭނެކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙަށް އަރުވާފައިވެއެވެ.

މި ބައްދަލުކުރެއްވުމަށްފަހު މޭޔަރ ކެނީޗީ ކާތޯ ދެއްވި ޚާއްޞަ މެންދުރުގެ ފަރިއްކޮޅެއްގައި ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެ ވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވަނީ ސަމަރ އޮލިމްޕިކްސްގައި ބައިވެރިވުމަށް ޖަޕާނަށްދާ ރާއްޖޭގެ އެތްލީޓުންގެ ތަމްރީނުތައް ބޭއްވުމަށް ހަމަޖެހިފައިވާ ޝިރޮޔާމާ އެތްލެޓިކް ފީލްޑުގެ އިތުރުން ސުޒުހިރޯ ކަމަބޯކޯ (ފިޝް ކޭކް) ފެކްޓަރީއަށް ޒިޔާރަތް ކުރައްވާފައެވެ. މި ކާރުޚާނާއަކީ ޖަޕާނުގައި މަހުގެ ހުދުބައިން ޕްރޮސެސްކޮށްގެން އުފައްދާ ސީފުޑްގެ އުފެއްދުންތަކަށް ޚާއްޞަ ފެކްޓަރީއެކެވެ. މިއީ ތިމާވެއްޓާ ރައްޓެހި އަދި ޒަމާނީ އާލާތްތަކުގެ އެހީގައި މަހުގެ އުފެއްދުންތައް ތައްޔާރު ކުރުމަށް ޚާއްޞަ ކާރުޚާނާއެކެވެ.