بســم اللّـه الرّحمـن الرّحيــم

الحمـد لِلّـه ربّ العـالمـين، والصّـلاة والسّلام علـى خاتم الأنبياء وسيّدالمرسلين، سيّدنا محـمَّدٍ وعلى آلـه وأصـحابه أجمعـين.

އާދެ، މިއަދު އަޅުގަނޑު ފާދިއްޕޮޅު ހިންނަވަރަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށް މަތިވެރި އުފަލެއް. އަޅުގަނޑު މިއަދު ހެނދުނު މާލެއިން ފުރައިގެން، އެންމެ ފުރަތަމަ ދިޔައީ މިއަތޮޅު ވެރިކަންކުރާ ރަށަށް. ނައިފަރަށް. އެއަށްފަހުގައި އަޅުގަނޑު މިއައީ ތިޔަބޭފުޅުންގެ މިލޮބުވެތި ރަށަށް. މިރަށަށް އައުމާއެކީގައި، ހިންނަވަރުގެ ވެރިންނާއި، ރައްޔިތުންގެ ފަރާތުން، އާދެ، ރައްޔިތުންގެ ވަރަށް ގިނަ އަދަދެއްގެ ބައެއްގެ ފަރާތުން، އަންހެން ފިރިހެން، ކުދިބޮޑު ވަރަށް ގިނަ ބަޔަކު އަޅުގަނޑަށް މަރުޙަބާކީ. އެކަމަށްޓަކައި، ތިޔަ ހުރިހާ ބޭފުޅުންނަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރު ދަންނަވަން. ހަމަ އެއާއެކު، ދެންމެ އަޅުގަނޑުގެ ކުރިން ވާހަކަފުޅު ދެއްކެވި މިއަތޮޅުގެ ޢިއްޒަތްތެރި އަތޮޅުވެރިޔާ އަލްފާޟިލް ޤާސިމް ޢަބްދުލްކަރީމުގެ ވާހަކަފުޅުގައިވެސް އަޅުގަނޑާ ބެހޭގޮތުން އެކުރެއްވި އިޝާރާތަށް އޭނާއަށް ވަރަށް ބޮޑަށް ޝުކުރު ދަންނަވަން.

އާދެ، މިއަދަކީ މީލާދީ އާ އަހަރެއްގެ ޖަނަވަރީމަހުގެ ދެވަނަ ދުވަސް. 2006 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ދެވަނަ ދުވަސް. އެހެންކަމުން، މިފެށުނު މީލާދީ އާ އަހަރަކީ، ހިންނަވަރުގެ ލޮބުވެތި ރައްޔިތުންނަށާއި، ފާދިއްޕޮޅުގެ ރައްޔިތުންނަށާއި، އާންމުކޮށް ދިވެހި ރައްޔިތުންނަށް ވަރަށް ފާގަތި، ހުރިހާ ރައްޔިތުންވެސް ވަރަށް އުފާކުރާ، ހުރިހާ ގޮތަކުންވެސް ރައްޔިތުންނަށް ހެވާއި ލާބަ ލިބި، ތަރައްޤީގެ މަގުގައި ކުރިއަށްދާނެ އަހަރެއްގެ ގޮތުގައި މާތް ﷲ ލެއްވުން އެދި އަޅުގަނޑު ދުޢާކުރަން.

އާދެ، މިއީ އާ އަހަރެއް. އާ އަހަރެއްގައި އަޅުގަނޑުމެން އާ ޢަޒުމުތަކެއް ކަނޑައަޅަންވާނެ. އާގޮތަކަށް ވިސްނަންވާނެ. އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ ކަންތައްތައް އެއްދުވަހުން އަނެއް ދުވަހަށް ބަދަލުވަމުންދާ ދިޔުމުގައި، އަޅުގަނޑުމެންގެ ވިސްނުމަށްވެސް ބަދަލުތަކެއް ގެންނަން އެބަޖެހޭ. ދުނިޔެ ތަރައްޤީވެ، ބަދަލުވަމުންދާގޮތަށް، ރާއްޖެވެސް ތަރައްޤީވެ ބަދަލުވާންޖެހޭ. އެގޮތުން ސަރުކާރުންވެސް މިއަހަރު ހަމަޖައްސާފައި މިއޮތީ، އެނގިވަޑައިގަންނަވާނެ ފަދައިން، ރާއްޖޭގެ ރައްޔިތުން ބޭނުންވާ، ވަރަށް ގިނަ ކަންތައްތަކެއް ކޮށްދެވޭތޯ ކަނޑައަޅާފައިވާ ވަރަށް ބޮޑު ބަޖެޓެއް. ބޭނުމަކީ އެކިއެކި ތަފާތު ޚިދުމަތްތައް ރައްޔިތުންނަށް ލިބިދިނުން. މިހާރަށްވުރެ ރަނގަޅު ފެންވަރެއްގައި. މިހެން ދަންނަވާއިރު، އަޅުގަނޑަށް އެނގޭ، މިއީ ވަރަށް އުނދަގޫ ދަތި މައްސަލައެއްކަން. އަޅުގަނޑުމެންގެ ރާއްޖެއަކީ ވަރަށް ކުޑަކުޑަ ޤައުމެއް. ވަރަށް މީސްކޮޅު މަދު ޤައުމެއް. ވަސީލަތްތައްވެސް މަދު ޤައުމެއް. މުއްސަނދި ޤައުމެއްވެސް ނޫން. އެހެންވީމާ، އަޅުގަނޑުމެން ކުރަންޖެހޭ ކަންތައްތަކަށް ޚަރަދުކުރާނެ ފައިސާ އެއީ އަޅުގަނޑުމެންގެ އަތްމަތީގައި މާތަނަވަސްކޮށް އޮތް އެއްޗެއްނޫން. އެކަމުގެ ސަބަބުން ރައްޔިތުން ބޭނުންވާ ޚިދުމަތްތައް، ބޭނުންވާ ފެންވަރަށް، ބޭނުންވާ ހަލުވިކަމާއެކު ލިބިދިނުމަށް ހުރަސްތަކެއް އެޅެނީ.

އާދެ، އަޅުގަނޑުމެން މިހާރު ވޭތުކުރަމުން މިގެންދަނީ، މުޅި ޤައުމު ހިތާމައިގެ ދުވަސްތަކެއް. އެހެން ދެންނެވީ އެއީ، ސުނާމީ ކާރިސާއަށްފަހުގައި ޤައުމަށް ލިބުނު ގެއްލުންތައް ފޫބެއްދުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކުރަމުން ގެންދާ ދުވަސްވަރެއް. އަދި އަޅުގަނޑުމެންނާ މި ކާރިސާގެ ސަބަބުން ވަކިވެގެންދިޔަ ލޮބުވެތި އަޚުންނާއި އުޚުތުންތަކެއްވާތީ، އެމީހުންގެ މަތިންވެސް ހަނދާންކޮށް، ކަންތައްތައް ކުރިއަށްވުރެ ރަނގަޅަށް ގެންދެވޭތޯ ބެލުމަށް ޢަޒުމް ކަނޑައަޅާފައިވާ ދުވަސްވަރެއް. އަދި މި ދެންނެވި ސުނާމީ ކާރިސާގެ ސަބަބުން ރާއްޖޭގެ އިޤްތިޞާދަށް، އަދި ރާއްޖޭގެ އިޖްތިމާޢީ އަދި އިޤްތިޞާދީ ބިނާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ ދުވަސްވަރެއް. މިކަންކަން ފޫބެއްދޭތޯ ސަރުކާރުން މިގެންދަނީ މަސައްކަތް ކުރަމުން.

އެނގިވަޑައިގަންނަވާނެ ފަދައިން، މި ރަށަށްވެސް ވަނީ ސުނާމީ ކާރިސާގެ ސަބަބުން ގެއްލުންތަކެއް ލިބިފައި. އަދި އެ ގެއްލުންތައް ފޫބެއްދޭތޯ، އަދި ރައްޔިތުންގެ ދިރިއުޅުމުގެ ޙާލަތު ކުރިން އޮތް ފެންވަރަށް ގެންދެވޭތޯ ނުވަތަ އެއަށްވުރެވެސް ރަނގަޅު ފެންވަރަކަށް ގެންދެވޭތޯ ސަރުކާރުން ވަރަށް ބޮޑަށް މަސައްކަތް ކުރަމުން އެބަގެންދޭ. މިކަމުގައި ބޭރުގެ އެހީ ބޭނުންވާތީ، ބޭރުގެ އެހީ ހޯދުމުގެ ކަންތައްތައްވެސް ސަރުކާރުން ވަރަށް ބާރަށް ކުރިއަށް ގެންދޭ. އޭގެތެރެއިން، ބޭނުންވާ ބައެއް އެހީ މިހާރު ވަނީ ލިބިފައި. އެ އެހީތައް ބޭނުންކުރެވެމުންދަނީ، އެންމެ ފުރަތަމަ ކަމަކަށް، ގެދޮރު ހަލާކުވެދިޔަ މީހުންނަށް ގެދޮރު އިމާރާތްކޮށްދިނުމުގައި. އަދި ގެދޮރު މަރާމާތު ކުރަންޖެހޭ މީސްމީހުންނަށް ގެދޮރު މަރާމާތުކޮށްދިނުމުގައި. އޭގެއިތުރުން، ދިރިއުޅުމަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާ މީހުންނަށް، އެމީހުންގެ ދިރިއުޅުން އަނބުރާ ގެނެސްދެވޭތޯ އެ މަސައްކަތަށް. މިގޮތުން މިހާރުވެސް ވަރަށް ގިނަ މަސައްކަތްތަކެއް ރާއްޖޭގެ އެކި ދިމަދިމާގައި ކުރެވެމުން އެބަދޭ. މިރަށަށްވެސް އޭގެ ނަތީޖާ އޮންނާނީ ފެނިފައި. ގެއްލުން ލިބުނު ބައެއް ގެދޮރު މަރާމާތު ކުރުމުގެ މަސައްކަތްތައް މިރަށުގައިވަނީ ކުރެވިފައި.

އާދެ، ސުނާމީ ކާރިސާއަކީ، ދިވެހި ޤައުމަށް ފަހަކަށްއައިސް ކުރިމަތިވި އެންމެ ބޮޑު ހިތާމައޭ ދެންނެވިއަކަސް ދޮގަކަށްނުވާނެ. އެ ހިތާމައިން އަޅުގަނޑުމެންނަށް އަރައިގަނެވޭނީ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށްވެގެން މަސައްކަތްކޮށްގެން. ސަރުކާރާއި، އާންމު ރައްޔިތުންނާއި އަދި އަޅުގަނޑުމެންގެ ތެރޭގައި އުފެދިފައިވާ އަމިއްލަ ޖަމާޢަތްތަކާއި ހުރިހާ ފަރާތްތަކެއް ގުޅިގެން މަސައްކަތްކޮށްގެން. މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ މެދުގައި އޮންނަންޖެހޭ އެއްބައިވަންތަކަމާއި، އެކުވެރިކަމަށް ވަރަށް ބޮޑު ސަމާލުކަމެއް ދޭންވާނެ. ރާއްޖެ ތަރައްޤީގެ މަގުގައި ކުރިއަށްދާއިރު ތަރައްޤީވަމުން މިދަނީ ހަމައެކަނި އެއް ރޮނގަކުން ނޫން. އަޅުގަނޑުމެންގެ އިޤްތިޞާދީ ތަރައްޤީ އިރާދަކުރެއްވީތީ ވަރަށް ބޮޑުތަން މިއޮތީ ކުރިއަށް ޖެހިލާފައި. ހަމައެހެންމެ، އިޖްތިމާއީ ތަރައްޤީގެ ކަންތައްތައްވެސް ވަރަށް ބާރަށް ކުރިއަށް އެބަދޭ. އެގޮތުން ސިޔާސީ ކަންތަކުގައިވެސް ރާއްޖެ ތަރައްޤީވެ، ކުރިއަށްދާން އެބަޖެހޭ.

މިގޮތުން އަޅުގަނޑުމެންގެ ރާއްޖޭގައި މިއޮތް ދީމިޤްރާޠީ ނިޒާމު އިތުރަށް ހަރުދަނާ ކުރުމުގެ ބޭނުމުގައި، ރާއްޖޭގައި މިހާރު ވަނީ އާ ފެށުންތަކެއް ފެށިގައި. ފުރަތަމަ ފަހަރަށް ރާއްޖޭގައި ސިޔާސީ ޕާޓީގެ ނިޒާމް ވަނީ އުފެދިފައި. އޭގެ ބޭނުމަކީވެސް ރައްޔިތުންގެ ޚިޔާލާއި، މަޝްވަރާގެ އަލީގައި އަދި ރައްޔިތުން ބޭނުންވާގޮތަށް ކަންތައްތައް ބައްޓަންކުރުމަށް މަގުފަހިކޮށްދިނުން. ސިޔާސީ ޕާޓީތަކެއް އުފެއްދުމުގެ ބޭނުމަކީ، ޤައުމުގައި ބައިބައިވުން އުފެއްދުމެއް ނޫން. އެއްބަޔަކު އަނެއްބަޔަކާ ދެކޮޅުވެރިވެ، ހަސަދަވެރިވެ، އެއްބަޔަކު އަނެއްބަޔަކަށް އެއްޗެހި ކިޔައި އަދި އެއްބަޔަކު އަނެއް ބަޔަކުގެ އަގުވައްޓާލަން މަސައްކަތްކޮށް، މިހެން ހެދުމެއްނޫން. އެގޮތަށް ބަޔަކު ކަންތައް ކުރަމުންދަނީނަމަ، އެއީ އެބަޔަކަށް ޕާޓީ ސިސްޓަމް ރަނގަޅަށް ނޭނގެނީ. އެ ނިޒާމު އޮންނަންވާގޮތް އަދި ދަސްނުވަނީ. އެކަން އެހެންވުން އެކަށީގެންވޭ. އެއީ އަޅުގަނޑުމެންގެ ރާއްޖެއަށް މުޅިން އާ ނިޒާމަކަށްވާތީ. އެހެންނަމަވެސް އަޅުގަނޑު ދަންނަވާލަން ބޭނުންވަނީ، ސަރުކާރުން މަސައްކަތް މިކުރަނީ، ހުރިހާ ޕާޓީތައްވެސް ގުޅިގެން މަޝްވަރާކޮށްގެން ކަންތައްތައް ރާވައި ހިންގުމަށޭ. އެކަމަށް އިސްކަން މިދެނީ.

މިހާރު ތިޔަބޭފުޅުންނަށްވެސް އެނގިވަޑައިގަންނަވާނެ ފަދައިން، އަޅުގަނޑުވާނެ ގޮވާލާފައި، ހުރިހާ ޕާޓީތަކުގެ މެދުގައި މަޝްވަރާ ބައްދަލުވުންތަކެއް ބޭއްވުމަށް. އެ ބައްދަލުވުންތައް ބާއްވައިގެން، އެންމެން އެއް މޭޒެއްދޮށުގައި ތިބެގެން ރަނގަޅަށް ވާހަކަ ދައްކައިގެން، ކަންތައްތައް ރާވައި ހިންގުމަށްޓަކައި. މުސްތަޤްބަލް، އަޅުގަނޑުމެން ބޭނުންވަނީ ކިހިނެއް އޮންނަންތޯ، އެއީ އަޅުގަނޑުމެން ނިންމަންޖެހޭ ނިންމުމެއް. ބޭރު ބަޔަކު ނޫން އެކަން ނިންމައިދޭނީކީ. އަޅުގަނޑުމެން ދިވެހިން ނިންމާނީ، ދިވެހިރާއްޖެ މުސްތަޤްބަލުގައި އޮންނަންޖެހެނީ ކޮންގޮތަކަށްތޯ. އަޅުގަނޑުމެން ބޭނުންވަނީ ކިހިނެއްތޯ، ކުރިއަށްދާން. އަޅުގަނޑުމެންނަކީ އިސްލާމީ ޤައުމެއްވީމާ، ރާއްޖޭގެ އިސްލާމީ ކަންތައްތައް ކުރިއަށްދާނީ ކިހިނެއްތޯ، ރާއްޖޭގައި މިއޮތް އެއްބައެއްވަންތަކަން ދަމަހައްޓާނީ ކިހިނެއްތޯ، ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރިކުރާނީ ކިހިނެއްތޯ، ރާއްޖޭގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދުމަތްތައް މިހާރަށްވުރެ ރަނގަޅަށް ދޭނީ ކިހިނެއްތޯ، މިކަންކަން ކުރުމަށް ބޭނުންވާ ނިޒާމުތަކަކީ ކޮބައިތޯ، މިކަންކަން ކުރުމަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތަކަކީ ކޮބައިތޯ، މިކަންކަން އަޅުގަނޑުމެން ބޭނުންވަނީ އެންމެން އެއްތަނެއްގައި ތިބެގެން ވާހަކަ ދައްކައިގެން ނިންމަން. އެ ނިންމާ ގޮތެއްގެމަތިން މުޅި ޤައުމުގެ ފައިދާއަށްޓަކައި އެ މަސައްކަތް ކުރަމުން ގެންދަން.

އެހެންވީމާ، އެއީ ޕާޓީ ނިޒާމު އޮތުމުގެ ބޭނުމަކީ. އަދި ކުރިއަށް ދާންވީ ގޮތަކީވެސް. އެއާޚިލާފަށް، މިހާރު ބައެއް ތަންތާނގައި ދިމާވަމުން މިދާހެން، ޕާޓީތަކުގެ މެދުގައި އޮންނަ މައްސަލަތަކެއްގެ ސަބަބުން ނަމަވެސް، އެކި ބާވަތުގެ ބައިބައިވުން އުފެދި، ހަމަނުޖެހުން އުފެދި، އެއްބަޔަކު އަނެއްބަޔަކަށް އެއްޗިހިކިޔައި، ޙަޤީޤަތް އޮޅުވާލައި، މިހެން ހަދާހެދުން އެއީކީ އެއްވެސް ޙާލެއްގައި ޤައުމުގެ މަޞްލަޙަތު ތަންދޭ ކަމެއް ނޫން. އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެންގެ ޅަދަރީން ބޮޑެތިވެ، ރަނގަޅު މީހުންނަށްވާން. އަދި އެމީހުންވެސް ހަމަޖެހޭ މާހައުލެއްގައި ދިރިއުޅެވޭނެ މަގު ތަނަވަސްވެފައި އޮންނަން. މިދާގޮތަށް ކަންތައްދަންޏާ، މިދެންނެވީ މީހުންގެ މެދުގައި ބައިބައިވުން އުފެދި މިކަހަލަ ބޮޑެތި މައްސަލަތައް ދިމާވަމުންދާ ކަމަށްވަންޏާ، އަޅުގަނޑުމެންގެ ރާއްޖޭގައި މިފަދަ އެކުވެރި މާޙައުލެއް ނޯންނާނެ. އަޅުގަނޑުމެން ބޭނުންވާ އުފާވެރި މާޙައުލެއް ނޯންނާނެ. މިއީ އަޅުގަނޑުމެން ވަރަށް ބޮޑަށް ވިސްނަންވެއްޖެ ކަމެއް. ހަމަ އެއާއެކީގައި ދަންނަވަންޖެހެނީ، އަޅުގަނޑުމެންނަށް ލިބިފައިވާނަމަ ލިބިފައިވާ އިޤްތިޞާދީ ތަރައްޤީއެއްވެސް ލިބިފައި މިވަނީ މާތް ﷲގެ ހެޔޮ ރަޙްމަތްފުޅުން، ދިވެހިރާއްޖޭގައި މިއޮތް އެކުވެރިކަމާއި އެއްބައެއްވަންތަކަމުގެ ސަބަބުންނޭ. އަޅުގަނޑުމެންގެ މެދުގައި ބައިބައިވުން އުފެދި، އެއްބަޔަކު އަނެއްބަޔަކާ ތަޅާފޮޅައި މިކަހަލަ ކަންތައްކުރާ ކަމުގައިވަންޏާ، އަޅުގަނޑުމެން އިޤްތިޞާދީގޮތުން ކުރިއަކަށްނުދާނެ. އެއްދުވަހުން އަނެއްދުވަހަށް ދާނީ ފަހަތަށް. އަޅުގަނޑުމެންގެ ރާއްޖެއަކަށް އެންމެކުޑަމިނުގައި ފަތުރުވެރިންނެއްވެސް ނާންނާނެ.

ތިޔަބޭފުޅުންނަށް އެނގިވަޑައިގަންނަވާނެ، ދުނިޔޭގެ ބައެއް ތަންތާނގައި މި ހިނގާ ހަރުކަށި ހާދިސާތަކުގެ ސަބަބުން އެތަންތަނަށް ފަތުރުވެރިން އައުންވެސް އެބަ ހުއްޓާލާ. ލިބޭ އާމްދަނީކޮޅުވެސް ގެއްލެނީ. އެ ފަތުރުވެރިކަމާ ގުޅިފައިވާ މަސައްކަތްތެރިކަންވެސް ދަނީ. މިހާރު ރާއްޖޭގައި ފަތުރުވެރިކަމާ ގުޅިފައިވާ ވަރަށް ގިނަ ކަންތައްތައް އެބަހުރި. މުޅި ރާއްޖޭގެ ވިޔަފާރި، އޮޑިދޯނިފަހަރުގެ ވިޔަފާރި. މި ދެންނެވީ، ދަތުރުފަތުރުކުރާ ވަސީލަތްތައް. އަދި އެހެންގޮސް އަމިއްލަ މަސައްކަތްތެރިކަން، އިމާރާތްކުރުން، މިހެންގޮސް ފަތުރުވެރިކަމާ ނުގުޅޭ އެއްވެސް ދާއިރާއެއް ރާއްޖެއަކު ނެތް. އެންމެންގެ ދިރިއުޅުން ބިނާވެފައި މިއޮތީ ފަތުރުވެރިކަމާއި، މަސްވެރިކަމާއި، މި ދެ ކަންތަކާ ގުޅިފައިވާ ކަންތައްތަކާ. މިކަންތައްތައް އަޅުގަނޑުމެންގެ އަތުން ބީވެގެން ހިނގައްޖިއްޔާ، އަޅުގަނޑުމެން ކޮންތާކުންތޯ އާމްދަނީ ހޯދަނީ. ކޮންތާކުންތޯ ދިރިއުޅުން ތަނަވަސްކުރަނީ. ކޮންތާކުންތޯ އަޅުގަނޑުމެންގެ ކުދިންނަށް ކިޔަވައިދެނީ. ކޮންތާކުންތޯ އަޅުގަނޑުމެންގެ މީހަކު ބަލިވެއްޖިއްޔާ ބޭސްކޮށްދެނީ. މިކަންކަމެއް ނުވާނެ. މިކަންކަން ވާނީ ވަރަށް ހަމަހިމޭންކަމާއި، ހަމަޖެހުމާއި ޞުލްޙަމަސަލަސްކަންމަތީގައި ތިބެގެން، އަޅުގަނޑުމެން ހިންމަތާއެކީގައި މަސައްކަތްކޮށްގެން.

އެހެންވީމާ، މާތް ﷲ އަންގަވާފައިވަނީ މުއުމިނުންނަށް، "إِنَّـمَاالْـمُؤْمِنُوْنَ إِخْوَةٌ" "މުއުމިނުންނަކީ ހަމަކަށަވަރުން އަޚުން ތަކެކެވެ." އެހެން އެއްވެސް ދީނެއްގައި އެހެނެއްނެތޭ، ދަންނަވަންތޯ؟ ދުނިޔޭގައި ވަރަށް ގިނަ ދީންތައް އެބަހުރި. އެނގިވަޑައިގަންނަވާނެ، ވަރަށް ގިނަ ދީންތަކުގެ ނަންތައް އަޅުގަނޑުމެން އަހަމު. އެއިން އެއްވެސް ދީނެއްގައި މިހާ ޞަރީޙަކޮށް، މި ޢިބާރާތެއް ނެތޭ. "إِنَّـمَاالْـمُؤْمِنُوْنَ إِخْوَةٌ" "ހަމަކަށަވަރުން މުއުމިނުންނަކީ އަޚުންތަކެކޭ." މިބޮޑު ޙަޤީޤަތް ކީރިތި ޤުރްއާނުގައި ތަކުރާރުކޮށް އަންގަވާފައި އެބައޮތް. މުއުމިނުންނަކީ އަޚުންތަކެއް ކަމަށް. މުއުމިނުންގެ މެދުގައި އޮންނަންޖެހޭނީ އުޚުއްވަތްތެރިކަންކަން. އެކުވެރިކަން، އެއްބަނޑު އެއްބަފާކަން، އެކަކު އަނެކަކަށް އަޅައިލުން، އެއްބަޔަކު އަނެއްބަޔަކަށް ކަމޭހިތުން، އިޙްތިރާމު ކުރުން. މިއީ ކަނޑައެޅިގެން މާތްވެގެންވާ އިސްލާމްދީނުގައި އެ އުސޫލުތަކެއްގައި ހިފެހެއްޓުމަށް އަންގަވާފައިވާ މަތިވެރި އުސޫލުތައް. މި އުސޫލުތަކުގެ މަތިން އަޅުގަނޑުމެން ހަނދާން ނައްތާލައިގެން ނުވާނެ. ހަމައެކަނި ވަގުތީ ފައިދާއަކަށްޓަކައި ނުވަތަ ކޮންމެވެސް އެހެން އުންމީދެއް ހާސިލުކުރުމަށްޓަކައި ނަމަވެސް ރައްޔިތުންގެ މެދުގައި ބައިބައިވުން އުފައްދައިގެން ނުވާނެ. އޭގެ ހިތިނަތީޖާ ފެންނާނީ މުޅި ޤައުމަށް. ވަކި ބަޔަކަށްނޫން.

އެހެންވީމާ، އަޅުގަނޑު ދަންނަވަން ބޭނުންވާ ވާހަކައަކީ، އަޅުގަނޑުމެންގެ ސިޔާސީ ނިޒާމު އިޞްލާޙުކުރުމަށްޓަކައި ސަރުކާރުން ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންގެންދާ ވަގުތެއްގައި ރައްޔިތުންގެ މެދުގައި އޮންނަންޖެހޭނީ އެއްބައިވަންތަކަމޭ. އެކުވެރިކަމޭ. އެންމެން ގުޅިގެން މަސައްކަތް ކުރުމުގެ ރޫޙޭ. އެއިއްޔޭ މާތްވެގެންވާ އިސްލާމްދީން އަޅުގަނޑުމެންނަށް ދަސްކޮށްދޭ ފިލާވަޅަކީ. އެހެންވީމާ، އެކަން އަޅުގަނޑުމެން އެބަޖެހޭ ވަރަށް ބޮޑަށް ހަނދާން ބަހައްޓަން.

އާދެ، ހިންނަވަރަކީ ވަރަށް މަސައްކަތްތެރި ވަރަށް ހީވާގި ރައްޔިތަކު ދިރިއުޅޭ ރަށެއް. މަސްވެރިކަމުގެވެސް ވަރަށް ބޮޑު ރަށެއް. މީގެކުރިން އެތައް ފަހަރެއްގެ މަތިން އަޅުގަނޑު ވާނީ ހިންނަވަރަށް ޒިޔާރަތްކޮށްފައި. އަދި ހިންނަވަރުގައި މިވާހަކަތައްވެސް ވަނީ ދައްކާފައި. އެންމެފަހުން އަޅުގަނޑަށް އާދެވުނީ މީގެ 7 އަހަރު ކުރިން ކަމުގައިވިޔަސް، އޭގެކުރިންވެސް އެތައްފަހަރަކު އަޅުގަނޑުވަނީ ހިންނަވަރަށް ޒިޔާރަތްކޮށްފައި. އަދި ހިންނަވަރަކީ އަބަދުވެސް ރިޔާސީ އިންތިޚާބުގައި އަޅުގަނޑަށް ވަރަށް މަތީ އަޣްލަބިއްޔަތެއް ހޯއްދަވައިދެއްވާ ރަށެއް. އެކަމަށްޓަކައި ހިންނަވަރުގެ ލޮބުވެތި ރައްޔިތުންނަށް އަޅުގަނޑު ހިތުގެ އެންމެ ފުންމިނުން ޝުކުރު ދަންނަވަން.

އާދެ، ކޮންމެ ރަށަކަށްވެސް ބޭނުންވާ ތަފާތު ކަންތައްތައް ހުންނާނެ. އަޅުގަނޑު މިރަށަށް އައިސް މިރަށުގެ ވެރިންނާ ބައްދަލުކުރިކުރުމުގައިވެސް، އެބޭފުޅުންވެސް އޭގެ ބައެއް ވާހަކަ ވިދާޅުވެއްޖެ. އެކަންތައްތަކަކީ ސަރުކާރުން އަބަދުވެސް ސަމާލުކަންދޭނޭ ކަންތައްތައް. ކުއްލިއަކަށް އަޅުގަނޑުމެންނަށް ނުކުރެވުނަސް، އެކަންތައްތައް ކުރެވުމުގެ މަގު އިރާދަކުރެއްވިއްޔާ ސަރުކާރުން ފަހިކޮށްދޭނެ. އޭގެތެރެއިން އެއްކަމަކީ، މި ރަށުގެ ބަނދަރުގެ ކަންތައް. ވަރަށް ދަތިކޮށް މިއޮންނަނީ. އެވާހަކަވެސް ރަށުގެ ވެރިންވެސް ވިދާޅުވެފައިވަނީ. އޭގެކުރިންވެސް އެކަންއޮތީ އެނގިފައި. އަޅުގަނޑު ދެންމެވެސް މިނިސްޓަރ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާ މިވާހަކަ މި ދެއްކީ. މިނިސްޓްރީ އޮފް އެޓޮލްސް އެޑްމިނިސްޓްރޭޝަނާއި، ޕްލޭނިންގ މިނިސްޓްރީއާ ގުޅިވަޑައިގަންނަވައިގެން މިކަމަށް ހައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކުރައްވާށޭ! އެހެން އަޅުގަނޑު ދަންނަވައިފިން.

އެހެންވީމާ އިރާދަކުރެއްވިއްޔާ، މުސްތަޤްބަލުގައި މިހިރީ އަޅުގަނޑުމެންގެ އެކުވެރިކަމާއި އެއްބާރުލުމާއެކީގައި ތިބޭ ކަމަށްވަންޏާ، ވާނެ ކަންތައްތައް. އަދި އަޅުގަނޑުމެން އެންމެން އެއްބާރުލައިގެން މިކަންތައްތައް ކުރެވެންވާނެ. ބަނދަރު ހެދުމަކީ ހަމައެކަނި މިރަށަށް އޮތް ކަމެއްނޫން އިނގޭތޯ؟ ރާއްޖޭގެ ވަރަށް ގިނަ ރަށްރަށުގެ ފަޅުވަނީ ފުންކުރަންޖެހިފައި. ނެރުވަނީ ހަދަންޖެހިފައި. ބަނދަރު ވަނީ ހަދަންޖެހިފައި. މިހުރިހާ ކަމަކަށް ވަރަށް ގިނަ އަދަދަކަށް ފައިސާ ބޭނުންވޭ. އެ ފައިސާ އަޅުގަނޑުމެންނަށް ހޯދޭނެގޮތްތައް މެދުވެރިވީމާ، އެކަން ކުރެވެން މިއޮންނަނީ. އެހެންވެގެން ބަޖެޓް މިކަނޑައަޅަނީ. އެހެންވީމާ، އަޅުގަނޑު މިދަންނަވަން އުޅޭ ވާހަކައަކީ، ރައްޔިތުން ބޭނުންވާ ކަންތައްތައް އިރާދަކުރެއްވިއްޔާ މުސްތަޤްބަލުގައި އަޅުގަނޑުމެންގެ ފޯރުންތެރިކަންހުރި މިންވަރަކުން ކުރަމުން ގެންދެވޭނެއޭ. އެހެންވީމާ، ރައްޔިތުން އެކަމާ އެއްބާރުލައްވައިދެއްވާށޭ! ސަރުކާރާއި، ސަރުކާރުގެ ފަރާތްތަކާ. އޭރުން އިރާދަކުރެއްވިއްޔާ މިކަންތައްތައް ކުރަމުން ގެންދެވޭނެ.

އާދެ، މިރަށުގައި މިހާރު ޔުނިސެފްގެ އެހީގައި، ލޮނުން ފެންހަދާ މެޝިނެއް، ޑީސެލިނޭޝަން ޕްލާންޓެއް ބެހެއްޓުމަށް ވަނީ ހަމަޖެހިފައި. ހަމަ އެއާއެކީގައި ކުވައިތު ފަންޑުގެ އެހީގައި ނަރުދަމާގެ ނިޒާމެއް ޤާއިމުކުރުމަށް ހަމަޖެހި، ލޯނު އެގްރީމަންޓުގައި މިހާރުވަނީ ސޮއިކުރެވިފައި. އެހެންވީމާ، ލޯނުގެ ބައި އެއޮތީ ނިމިފައި. ދެން އޮތީ މަސައްކަތް ރޭވުމާއި، ހިންގުން. މިކަހަލަ، އިރާދަކުރެއްވިއްޔާ، ރައްޔިތުން އެދޭ ގިނަ ކަންތައްތަކެއް މުސްތަޤްބަލުގައި ވަމުންދާނެ.

ދެން މިރަށުގެ އެންމެ ބޮޑު އަނެއް ދައްޗަކީ، ގޯތިގެދޮރުގެ ދަތިކަންކަން އަޅުގަނޑަށް އެނގޭ. މިރަށަކީ މިހާރު 4300 އަށްވުރެ ގިނަ އަދަދެއްގެ މީހުން ދިރިއުޅޭ ރަށެއް. އެންމެފަހުން ހިއްކާފައި އޮތް ތަނަކުންވެސް ނުފުދޭނެ. އިތުރަށް ބިން ހިއްކަންވެސްޖެހޭ. އެހެންވީމާ، މިކަންކަމަކީ ސަރުކާރުގެ ވިސްނުމުގެ ތެރޭގައި ހުރި ކަންތައްތައް. އެހެންނަމަވެސް ދަންނަވާލަން ބޭނުންވަނީ، ބޭނުންވަނީ ރައްޔިތުންގެ އެއްބާރުލެއްވުމާއި، ރައްޔިތުންގެ ކެތްތެރިކަމޭ. އެއީ، ރާއްޖޭގެ ވަރަށް ގިނަ ރަށްރަށަށް މި ޚިދުމަތްތައް މިގޮތަށް ބޭނުންވެފައިވޭ، އެހެންވީމާ، އެކަންތައްތައް އެގޮތަށް ކުރެވޭތޯ މިބަލަނީ. ވަކި އުސޫލަކުން އިސްކަންދޭ ރަށްތަކެއް ކަނޑައަޅައިގެން، އެ ތަރުތީބުން މިގެންދަނީ. އެކިއަހަރު އެކިވަރަށް އެކަން ކުރެވެން އޮންނަނީ. އަޅުގަނޑުމެންނަކީ މާ މުއްސަނދި ބައެއްނޫން. ކުރިންވެސް ދެންނެވިހެން، ރާއްޖެއަކީ ވަރަށް އާދައިގެ ޤައުމެއް. އެހެންނަމަވެސް، މި ވޭތުވެދިޔަ ތިރީހަކަށް އަހަރުގެ ތެރޭގައި ރާއްޖެވަނީ ތަރައްޤީގެ މަގުގައި ވަރަށް ހަލުވި ފިޔަވަޅުތަކެއް އަޅާފައި. އޭގެ އެންމެ ބޮޑު ސަބަބަކީ އަޅުގަނޑުމެންގެ ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވުމާއި، މަސްވެރިކަން ކުރިއަށް ދިޔުމާ އަދި އެއާ ގުޅިފައިވާ ވިޔަފާރިއާއި އެހެނިހެން މަސައްކަތްތެރިކަން ކުރިއަށް ގެންދިޔުން. މިކަންތައްތަކުގެ ސަބަބުން އަޅުގަނޑުމެންގެ ރާއްޖެ މިހާރު މިވަނީ އިރާދަކުރެއްވީތީ، ވަރަށް ރަނގަޅު ފެންވަރަކަށް ގޮސްފައި. އެކަމަކު މިއީކީ އަދި އަޅުގަނޑު ބޭނުންވާ ފެންވަރެއް ނޫން. މިއަށްވުރެވެސް ކުރިއަށްދާން ބޭނުންވަނީ. މިއަށްވުރެވެސް ކުރިއަށް ދިޔުމަކީ އަޅުގަނޑުމެންގެ އަތްމަތީގައި އޮތްކަމެއް. މާތް ﷲ އަށް އީމާންވެ، އެކަލާނގެ އެންގެވި ތެދުމަގުގައި އަޅުގަނޑުމެން ފައިތިލަ ސާބިތުކޮށްގެން ތިބެގެން، އެންމެން ގުޅިގެން އެކުވެރިކަމާއެކީގައި މަސައްކަތްކޮށްފިއްޔާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެންނަށް ހާސިލުނުކުރެވޭނެ އެއްވެސް އަމާޒެއް ނޯންނާނެ.

އެހެންވީމާ އަޅުގަނޑު އެދެނީ، ހިންނަވަރުގެ ލޮބުވެތި ރައްޔިތުން އަޅުގަނޑު މިދެންނެވި ވާހަކަތައް ރަނގަޅަށް އައްސަވައި، ހިންނަވަރުގެ ލޮބުވެތި ރައްޔިތުންނަކީ މާތްވެގެންވާ އިސްލާމްދީނަށް ޙުރްމަތްތެރިކޮށްހިތާ، ދިވެހި ޤައުމުދެކެ ލޯބިވާ، ޤައުމަށް ވަފާތެރި، އެކުވެރި އެއްބައިވަންތަ ބަޔަކަށްވުން. އެގޮތުގައި އަޅުގަނޑުމެން ތިބިކަމަށްވަންޏާ، އިރާދަކުރެއްވިއްޔާ އަޅުގަނޑުމެން ބޭނުންވާ ކަންތައްތައް މާތް ﷲ ފުއްދަވައިދެއްވާނެ. އަޅުގަނޑުމެންނަކީ އަޅުން. މާތް ﷲ ގެ އަޅުން. އަޅުގަނޑުމެން ޖެހެނީ އެކަލާނގެ އަންގަވާފައިވާ ގޮތަށް ކަންތައްތައް ކުރަން. މާތް ﷲ އަންގަވަނީ، މުއުމިނުންވާނޭ ހެޔޮބަސް އަހާ، ހެޔޮބަސް ގަބޫލުކުރާ ބަޔަކަށްވާން. އެހެންވީމާ، އަޅުގަނޑުމެންނަށް އިވޭ އަޑުތަކާ ދޭތެރޭގައި ވިސްނާފައި، އޭގެތެރެއިން ހެޔޮބަސް އަޅުގަނޑުމެން ގަބޫލުކުރަންޖެހޭނީ. ނުބައި ބަހެއްނޫން. އަޅުގަނޑުމެން އަބަދުވެސް އިވޭ އަޑުތަކާ ދޭތެރޭގައި ވިސްނާފައި، ޙަޤީޤަތަކީ ކޮބައިތޯ ބަލަންވީ. ބަލާފައި އެ ޙަޤީޤަތެއް ގަބޫލުކުރަންވީ. ބަޔަކު އަދި ޙަޤީޤަތް އޮޅުވާލަން މަސައްކަތް ކުރިޔަސް، އެކަމަކަށް އަޅުގަނޑުމެން ހެއްލިގެން ނުވާނެ.

އެހެންވީމާ، އަޅުގަނޑު މި ދެއްކި ވާހަކަތަކަށް ހިންނަވަރުގެ ރައްޔިތުން ވަރަށް ބޮޑަށް ސަމާލުކަން ދެއްވައި، ސަރުކާރާ އަތުގުޅުއްވައިލައްވައިގެން ކުރިއަށް ގެންދެވުން އެދެން. އޭރުން އިރާދަކުރެއްވިއްޔާ، މާތް ﷲ އަޅުގަނޑުމެންނަށް އިތުރު ކުރިއެރުމާއި، ތަރައްޤީ މިންވަރުކޮށްދެއްވާނެ.

އާދެ، އަދިވެސް އެއްފަހަރު، އާ އަހަރުގެ ތަހުނިޔާ ތިޔަބޭފުޅުންނަށް ދަންނަވަމުން، އަދި ހިންނަވަރަށް އައުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއްކަމާއި، ހިންނަވަރުގެ ރައްޔިތުންނާ ބައްދަލުވުމަކީ އަޅުގަނޑަށް ލިބުނު ވަރަށް ބޮޑު އުފަލެއް ކަމުގައި ދަންނަވާލަމުން، އަދި ހިންނަވަރަށާއި، ފާދިއްޕޮޅަށާއި، ރާއްޖޭގެ ލޮބުވެތި އެންމެހައި ރައްޔިތުންނަށް ބާއްޖަވެރި އަދި ހިތްހަމަޖެހުމާއި، އަމަންއަމާންކަމާއި، ޞުލްޙަމަސަލަސްކަމުން ފުރިގެންވާ ކުރިމަގެއް މިންވަރުކޮށްދެއްވުން އެދި ﷲގެ ޙަޟްރަތުގައި ދުޢާ ދަންނަވަމުން، އަޅުގަނޑު މިއަދު އިށީންނާނަން.

ހުރިހާ ބޭފުޅުންނަށް ޝުކުރިއްޔާ!

والسّلام عليكم ورحمـة اللّـه وبركاته.