ރައީސް މުޙަންމަދު ނަޝީދު، ރައްޔިތުންގެ މަޖިލީހުގެ އާ ރައީސް ޢަބްދުﷲ ޝާހިދާއި، އެ މަޖިލީހުގެ އާ ނައިބު ރައީސް އަޙްމަދު ނާޒިމާ މިއަދު ބައްދަލުކުރައްވައި، އެދެބޭފުޅުންނަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ބޭއްވެވި މިބައްދަލުވުމުގައި، ރައީސް ނަޝީދު ވާހަކަފުޅުދައްކަވަމުން، މިހާރުގެ ރައްޔިތުންގެ މަޖިލީހަކީ، ވަރަށް ގިނަ ބައެއްގެ ވަރަށް ބުރަ މަސައްކަތުން އެކުލަވާލެވުނު އާ ޤާނޫނުއަސާސީގެ ދަށުން އިންތިޚާބު ކުރެވުނު ފުރަތަމަ މަޖިލިސްކަން ފާހަގަކުރެއްވިއެވެ. އަދި، މަޖިލީހުގެ ރައީސާއި ނައިބުރައީސް ކުރައްވަން ޖެހިވަޑައިގެންފައިމިވަނީ، ވަރަށް ބޮޑު އަދި ވަރަށް މުހިންމު މަސައްކަތްޕުޅެއް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސް ނަޝީދުގެ ވާހަކަފުޅުގައި، މަޖިލީހުގެ މަސައްކަތް ވީހާވެސް އޮމާންކަމާއި އިންސާފުވެރިކަމާއެކު، މަޖިލީހުގެ އާ ރައީސާއި ނައިބު ރައީސްގެ ބެއްލެވުމުގެ ދަށުން ކުރިއަށް ގެންދަވާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ. އަދި، އެބޭފުޅުންގެ މަސައްކަތްޕުޅަށް ސަރުކާރުން ވެދެއްވެން އޮތް އެއްބާރުލެއްވުމެއް ވެދެއްވާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުﷲ ޝާހިދު ދެއްކެވި ވާހަކަފުޅުގައި، ރައްޔިތުންގެ މަޖިލީހުގައި ތަމްސީލުވާ ޕާޓީތަކާއި ވަކިވަކި ބޭފުޅުންނާއެކު މަޝްވަރާކުރައްވައިގެން، ވީހާވެސް އިންޞާފުވެރިގޮތަކަށް މަޖިލީހުގެ ރިޔާސަތު ބެލެހެއްޓެވުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި، ޤައުމަށް އެންމެ ފައިދާހުރިގޮތަކަށް ކަންތައްތައް ނިންމެވުމަށް ސަރުކާރަށް އެހީތެރިކަން ފޯރުއްވައިދެއްވާނެކަމުގައިވެސް ވިދާޅުވިއެވެ.
މަޖިލީހުގެ ނައިބު ރައީސް އަޙްމަދު ނާޒިމް ދެއްކެވި ވާހަކަފުޅުގައި، މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދެވުމުގައި، މަޖިލީހުގެ މެންބަރުންގެ އެހީތެރިކަމާއި އެއްބާރުލެއްވުން ވަރަށް މުހިންމުކަން ބަޔާންކުރައްވަމުން، މެންބަރުންގެ ފުރިހަމަ އެއްބާރުލެއްވުން ހޯއްދެވުމަށް މަސައްކަތްޕުޅުކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމުގައި ނައިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުވެސް ބައިވެރިވެވަޑައިގެންނެވިއެވެ.