"ސްކޫލް ކޮރިޑޯ އެކްޓިވިޓީ، ހާރޓީ ބްރޭކްސް" ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު އިފްތިތާޙް ކޮށްދެއްވައިފިއެވެ.

މިއަދު ހެނދުނު ހުޅުމާލޭގައި ހުންނަ ޣާޒީ ސްކޫލުގައި އިފްތިތާޙް ކުރި މި ހަރަކާތަކީ މިނިސްޓްރީ އޮފް އެޑިއުކޭޝަނާ ޓައިނީ ހާޓްސް އޮފް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ ހަރަކާތެކެވެ.

ކުޑަކުދިންނަށް އަމާޒުކޮށްގެން ހިންގާ މިފަދަ ހަރަކާތްތަކުގެ މުހިންމުކަން ފާހަގަ ކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވަނީ ޓައިނީ ހާޓްސް މޯލްޑިވްސް ފަދަ މުހިންމު ޖަމްޢިއްޔާއަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން މިފަދަ މަސައްކަތްތަކެއް ކުރައްވާތީ އެކަމާ އުފާކުރައްވާކަން ހާމަކުރައްވާފައެވެ. އަދި ދަރިވަރުން ކްލާހުން ނުކުންނަ ވަގުތު ސިކުނޑި ހަމަޖައްސާލަން ކުޑަ ކަސްރަތެއް ކޮއްލުމުގެ ފުރުޞަތު ލިބިދިނުމަކީ އެކުދިންގެ ދުޅަހެޔޮކަމަށް ލިބޭނެ ބާރެއްކަން ފާހަގަކުރައްވައި ކުޅިވަރުގެ ތެރެއިން އިރުޝާދުތަކަށް ތަބާވާން ކުދިންނަށް ދަސްވާނެކަން އެކަމަނާ ފާހަގަކުރެއްވިއެވެ. މީގެއިތުރުން މި ހަރަކާތުގެ ސަބަބުން، ކޮރިޑޯގައި ކުދިން ދުވެހެދުމުގެ ބަދަލުގައި ކޮރިޑޯގެ ބޭނުން ހެޔޮގޮތުގައި ކުރަން ދަރިވަރުންނަށް ދަސްވެގެންދާނެކަން ވެސް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފާހަގަކުރެއްވިއެވެ.

ޓައިނީ ހާޓްސް އާ އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ޣާޒީ ސްކޫލުގައި ފެށި އަޖުމަބެލުމުގެ މި ހަރަކާތަކީ މިއަހަރުގެ ހިތުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން، ސްކޫލް މާޙައުލުގައި ފައިދާހުރި ގޮތެއްގައި ކުދިންގެ ހަރަކާތްތެރިކަން އިތުރުކުރެވޭފަދަ ކަންތައްތަކެއް އެކުލެވޭގޮތަށް ފަރުމާކޮށްފައިވާ ހަރަކާތެކެވެ.