މިދިޔަ ހުކުރު ދުވަހުގެ ރޭ ހެންވޭރުގައި ހިނގި އަލިފާނުގެ ހާދިސާގައި ގެއްލުންވި ގެތަކާއި އެ ސަރަޙައްދުގެ ޙާލަތު ބައްލަވާލެއްވުމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އެސަރަޙައްދަށް ޒިޔާރަތް ކުރައްވައިފިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބު މިއަދު ހެނދުނު ކުރެއްވި މި ޒިޔާރަތުގައި އެސަރަޙައްދުގައި މިހާރު ކުރިޔަށްދާ މަސައްކަތްތައް އޮޅުންފިލުއްވައި އަލިފާނުގެ ސަބަބުން އެ ސަރަޙައްދަށް ލިބިފައިވާ ގެއްލުންތައް ބައްލަވާލައްވާފައިވެއެވެ. އަދި އެ ސަރަޙައްދުގެ ގެތަކަށް ލިބިފައިވާ ގެއްލުން ވަޒަންކުރުމަށް ހަރަކާތްތެރިވާ ފަރާތްތަކާ އަދި އެ ސަރަޙައްދު ސާފު ކުރުމުގެ މަސައްކަތްކުރާ ފަރާތްތަކާ ނައިބު ރައީސް ބައްދަލުކުރައްވާފައިވެއެވެ.
އެސަރަޙައްދު ބައްލަވާލެއްވުމަށްފަހު، އެމަސައްކަތުގައި ހަރަކާތްތެރިވާ ފަރާތްތަކާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ މިފަދަ ނުރައްކާތެރި ހާދިސާތައް ތަކުރާރު ނުވާނެ ގޮތަށް ކަންކަން ބައްޓަން ކުރުމަށް ސަރުކާރުން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް ސަރުކާރުން ޚާއްސަ އިސްކަމެއްދެއްވައިގެން މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.