ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އެދިވަޑައިގަތުމުގެ މަތިން، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީ، މަތީ އުތުރު ޕްރޮވިންސް ސަރަޙައްދަށް ދަތުރުފުޅެއް ފަށްޓަވައިފިއެވެ. މި ދަތުރުފުޅުގެ ބޭނުންފުޅަކީ، ރައްޔިތުންނަށް ބޭނުންވާ ތަރައްޤީގެ މަޝްރޫޢުތަކަކީ ކޮބައިތޯ ބައްލަވައި، ލާމަރްކަޒީ އުޞޫލުން މި ސަރަޙައްދުގައި ސަރުކާރުން ކުރައްވަމުން ގެންދަވާ ކަންތައްތައް ރައްޔިތުންނަށް އޮޅުންފިލުއްވައިދެއްވުމެވެ. އަދި 65 އަހަރު ވެފައިވާ މީހުންނަށް ސަރުކާރުން ދެއްވަން ހަމަޖައްސަވާފައިވާ ދެހާސް ރުފިޔާގެ އެލަވަންސް ދެއްވުމުގެ ކަންތައްތައް އިންތިޒާމު ކުރައްވަމުން ގެންދަވާ ގޮތުގެ މަޢްލޫމާތު ދެއްވުމެވެ.

މިހާރު އެމަނިކުފާނު ވަނީ ތިލަދުންމަތީ ދެކުނުބުރީ ކުޅުދުއްފުށީ ރަށްކުރިއަރުވާ ކޮމިޓީގެ ބޭފުޅުންނާއި، ކަމުވޮށިވެގެންވާ ބޭފުޅުންނާ ބައްދަލުކުރައްވައި، މިކަންކަމާ ބެހޭގޮތުން މަޝްވަރާ ކުރައްވައި މަޢްލޫމާތު ދެއްވާފައެވެ.