ލުބުނާނުގައި ހުންނަވާ ދިވެހިރާއްޖޭގެ އޮނަރަރީ ކޮންސަލް މުޙަންމަދު ޙުސައިން ފާކިޙު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް މިއަދު ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި އޮތް މިބައްދަލުކުރެއްވުމުގައި ދިވެހިރާއްޖެއާއި ލުބުނާނާ ދެޤައުމުގެ ދެމެދުގައިވާ ގުޅުމާ ބެހޭގޮތުން ދެބޭފުޅުން ވާހަކަފުޅު ދެއްކެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިގުޅުން އިތުރަށް ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމަށް ވިދާޅުވިއެވެ.

އޮނަރަރީ ކޮންސަލްގެ ވާހަކަފުޅުގައި، ރާއްޖޭގައި ފުރަތަމަ ބޭއްވެވި ސިޔާސީ ޕާޓީތައް ވާދަކުރި އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށްޓަކައި މުޙަންމަދު ނަޝީދަށް ތަހުނިޔާ ވިދާޅުވިއެވެ. އަދި އެމަނިކުފާނު ރާއްޖެއަށް ގެންނަވަމުން ގެންދަވާ އިޞްލާޙީ ބަދަލުތަކަށް ކާމިޔާބީއަށް އެދިވަޑައިގެންނެވިއެވެ.