ބަންގްލަދޭޝް ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު ޕްރޮފެސަރ ސެލީނާ މުޙްސިނާއި، ދެކުނު ކޮރެޔާ ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މިސްޓަރ ޗޮއި ކީ-ޗުލް އާއި، އީރާން ސަރުކާރުން ރާއްޖެއަށް ކަނޑައެޅުއްވި އާ ސަފީރު މަޙްމޫދު ރަޙީމީ ގޯރުޖީ، މި ތިން ބޭފުޅުންގެ ސަފީރު ކަމުގެ ފަތްކޮޅު، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް މިއަދު އަރުއްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ހެނދުނު ވަކިވަކިން ބޭއްވެވި މި ތިން ރަސްމިއްޔާތުގައި، މި އާ ސަފީރުންނަށް ރައީސުލްޖުމްހޫރިއްޔާ ވަރަށް ހޫނު މަރްޙަބާއެއް ވިދާޅުވިއެވެ.

ބަންގްލަދޭޝް ސަފީރު ޕްރޮފެސަރ ސެލީނާ މުޙްސިން ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ބޭއްވުނު ސިޔާސީ ޕާޓީތައް ވާދަކުރި ފުރަތަމަ އިންތިޚާބު ކާމިޔާބު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ކަމަށްވާތީ، އެމަނިކުފާނަށް ފަތްކޮޅު އެރުއްވުމަކީ ލިބިވަޑައިގެންނެވި ވަރަށްބޮޑު ފަޚުރެއް ކަމަށް ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރާއްޖެއަށް މިގެންނަވަމުން ގެންދަވާ އިޞްލާޙީ ބަދަލުތަކަށް މަރްޙަބާ ވިދާޅުވިއެވެ. ޚާއްޞަކޮށް، ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގެވުމަށް ހަމަޖެއްސެވުމާއި، ޢުމުރުން 65 އަހަރު ވެފައިވާ މީހުންނަށް -/2000 ރުފިޔާގެ ޢިނާޔަތް ދެއްވުމަށް ހަމަޖެއްސެވި ހަމަޖެއްސެވުމަކީ، އެޅުއްވި ވަރަށް މުހިންމު ދެފިޔަވަޅުކަން ޕްރޮފެސަރ ސެލީނާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި ބަންގްލަދޭޝާ ދެޤައުމުގެ ދެމެދުގައި ޒަމާނުއްސުރެ އޮތީ ވަރަށް ރަނގަޅު ގާތް ގުޅުމެއް ކަމަށާއި، އެކި ދާއިރާތަކުގައި މިގުޅުން ބަދަހިކުރެއްވުމަށް ބޭނުންފުޅުވާ ކަމުގައި ވިދާޅުވިއެވެ.

ދެކުނު ކޮރެޔާއިން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މިސްޓަރ ޗޮއި ކީ-ޗުލް އާއި، އީރާނުން ރާއްޖެއަށް ކަނޑައެޅުއްވި ސަފީރު މަޙްމޫދު ރަޙީމީ ގޯރުޖީ ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއަށް ކަނޑައެޅުއްވި ސަފީރުންގެ މަގާމުގައި ތިއްބަވައިގެން ޚިދްމަތް ކުރެއްވުމަކީ، އެބޭފުޅުންނަށް ލިބިވަޑައިގަންނަވާ ވަރަށްބޮޑު އުފާފުޅެއް ކަމުގައި ވިދާޅުވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއަށް ވަރަށް ހޫނު ތަހުނިޔާއެއް ވިދާޅުވެ، އެމަނިކުފާނުގެ ޒަޢާމަތުގައި ރާއްޖެއަށް އިތުރު ކުރިއެރުންތައް ލިބިގެންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ދިވެހިރާއްޖެއާއި މިޤައުމުތަކާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިކުރައްވަން ބޭނުންފުޅުވާ ކަމަށާއި، މިމަސައްކަތުގައި ސަފީރުންގެ ފުރިހަމަ އެއްބާރުލެއްވުން ލިބިވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ. އަދި ސަފީރުން ފާޅުކުރެއްވި އިޚްލާޞްތެރި ޝުޢޫރުތަކަށްޓަކައި އެބޭފުޅުންނަށް ޝުކުރު އަދާކުރެއްވިއެވެ.