ދިވެހިރާއްޖެއިން އިތުރު 4 މުޢާހަދާއެއްގައި ސޮއިކުރުމަށް ވަޒީރުންގެ މަޖިލީހުން ލަފާ ދެއްވާފައިވާތީ، މިކަމުގައި ރައްޔިތުންގެ މަޖިލީހުގެ ލަފާފުޅަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު ހުށައަޅުއްވައިފިއެވެ.
މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މަޝްވަރާ ކުރެއްވުމަށްފަހު ވަޒީރުންގެ ލަފާފުޅާއެކު ދިވެހިރާއްޖެއިން ސޮއި ކުރުމަށް ނިންމެވި 4 މުޢާހަދާއަކީ "ޔުނައިޓެޑް ނޭޝަންސް އާރމްސް ޓްރޭޑް ޓްރީޓީ" އާބެހޭ މުޢާހަދާއާއި، "ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓަރ މިއުނިޝަންސް ޕްރޮސީޖަރ" އާބެހޭ މުޢާހަދާއާއި، "ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއަރ ވެޕަންސް" އާބެހޭ މުޢާހަދާއާއި، "އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އޮން އަ ކޮމިއުނިކޭޝަންސް ޕްރިސީޖަރ (އޯ.ޕީ.ސީ.އާރ.ސީ)" އާބެހޭ މުޢާހަދާއެވެ. މި 4 މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ރައީސުލްޖުމްހޫރިއްޔާ ނިންމެވީ މިއަދު ބޭއްވެވި ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި މިކަމާއި ބެހޭގޮތުން މަޝްވަރާ ކުރެއްވުމަށްފަހު އެ 4 މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމަށް ވަޒީރުންގެ މަޖިލީހުން މަޝްވަރާ ދެއްވާފައިވާތީއެވެ.
މިއަދުގެ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، "ޔުނައިޓެޑް ނޭޝަންސް އާރމްސް ޓްރޭޑް ޓްރީޓީ" މުޢާހަދާއާ ބެހޭގޮތުން ކުރެވުނު މަޝްވަރާގައި، ކެބިނެޓުން ވަނީ ރާއްޖެއަކީ އަބަދުވެސް ދުނިޔޭގެ ސުލްހަޔަށް ބައިނަލްއަޤުވާމީ ފޯރަމްތަކުގައި އަޑުއުފުލާ ޤައުމެއްކަން ފާހަގަ ކުރައްވައި، ރާއްޖެއިން އ.ދ. ގެ އާންމު މަޖިލީހުގައި މި މުޢާހަދާ ފާސްކުރުމަށް ނެރުނު ޤަރާރަށް ތާއީދުކޮށް ވޯޓުދީފައިވާކަން ފާހަގަ ކުރައްވާފައެވެ. އަދި، ރާއްޖެ ކަހަލަ ކުޑަ ޤައުމަކަށް މަދަނީ ހަމަޖެހުމާއި ސަރަހައްދީ ގުޅުންތަކަކީ ނުހަނު މުހިންމު ކަމެއް ކަމުގައި ވާއިރު، ކޮންވެންޝަނަލް ހަތިޔާރުގެ މުއާމަލާތްތައް މޮނީޓަރ ކުރެވޭނެ ބައިނަލްއަޤުވާމީ ޤާނޫނީ އޮނިގަނޑެއް އޮތުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި ފެނިވަޑައިގަންނަވާކަމުގައި ވަޒީރުން ވަނީ ފާހަގަ ކުރައްވާފައެވެ.
"ޔުނައިޓެޑް ނޭޝަންސް ކޮންވެންޝަން އޮން ކްލަސްޓަރ މިއުނިޝަންސް" މުޢާހަދާއާ ބެހޭގޮތުން ވަޒީރުންގެ މަޖިލީހުގައި ކުރެއްވި މަޝްވަރާގައި ރާއްޖެއިން އ.ދ. ގެ އާންމު މަޖިލީހުގައި މި މުޢާހަދާ ޕްރޮމޯޓް ކުރުމަށް ފާސްކޮށްފައިވާ ޤަރާރަށް ތާއީދުކޮށް ވޯޓުދީފައިވާކަން މެންބަރުން ފާހަގަކުރައްވާފައިވެއެވެ. މީގެ އިތުރުން ސީރިޔާގައި ކްލަސްޓަރ މިއުނިޝަންސް ބޭނުންކުރުން ކުށްވެރިކޮށް އ.ދ. ގެ އާންމު މަޖިލީހާއި، ހިއުމަން ރައިޓްސް ކައުންސިލުން ފާސްކޮށްފައިވާ ޤަރާރުތަކަށް ރާއްޖެއިން ތާއީދުކޮށް، 2019 ވަނަ އަހަރުގެ މާރޗް މަހު ހިއުމަންރައިޓްސް ކައުންސިލްގެ ޤަރާރު ދިވެހި ރާއްޖެއިން ކޯ-ސްޕޮންސަރ ކޮށްފައިވާކަންވެސް ވަޒީރުން ފާހަގަކުރެއްވިއެވެ. ދިވެހިރާއްޖެއަކީ ކްލަސްޓަރ މިއުނިޝަންސް ނެތް ޤައުމަކަށް ވެފައި، ޑިސްއާމަމަންޓް އެންޑް ނޮން-ޕްރޮލިފަރޭޝަން ގެ ކަންކަމަށް ބައިނަލްއަޤުވާމީ މައިދާނުގައި އަބަދުވެސް ތާއިދުކުރަމުންދާ ޤައުމަކަށްވާތީއާއި ދިވެހިރާއްޖެއަކީ ނޮން-ޕްރޮލިފަރޭޝަން ޓްރިޓީ ގެ މެންބަރު ޤައުމަކަށް ވާތީ ވަޒީރުންގެ މަޖިލީހުން މި މުޢާހަދާގައި ސޮއިކުރެއްވުމަށް ފެނިވަޑައިގަންނަވާކަމުގައި ވަނީ ނިންމަވާފައެވެ.
"ޓްރީޓީ އޮން ޕްރޮހިބިޝަން އޮފް ނިއުކްލިއަރ ވެޕަންސް" މުޢާހަދާގައި ދިވެހިރާއްޖެއިން ސޮއިކުރުމާ ބެހޭ ގޮތުން ވަޒީރުން ދެއްކެވި ވާހަކަފުޅުގައި މިދަފަ މުޢާހަދާއެއް އޮތުމަކީ މުޅި އިންސާނިއްޔަތުގެ ލާބަޔާ މަންފާއާ ގުޅުންހުރި ކަމެއްކަމަށާއި، ރާއްޖެ އަކީ ނިއުކްލިއަރ ހަތިޔާރު ނެތް ޤައުމަކަށް ވެފައި ޑިސްއާމަމަންޓް އެންޑް ނޮން-ޕްރޮލިފަރޭޝަންގެ ކަންކަމަށް ބައިނަލްއަޤުވާމީ މައިދާނުގައި ރާއްޖެއިން އަބަދުވެސް ތާއީދުކުރަމުންދާތީ މި މުޢާހަދާގައި ސޮއިކުރުމަށް ފެނިވަޑައިގަންނަވާ ކަމުގައި ވިދާޅުވެފައިވެއެވެ.
"އޮޕްޝަނަލް ޕްރޮޓޮކޯލް ޓު ދަ ކޮންވެންޝަން އޮން ދަ ރައިޓްސް އޮފް ދަ ޗައިލްޑް އޮން އަ ކޮމިއުނިކޭޝަންސް ޕްރޮސީޖަރ (އޯ.ޕީ.ސީ.އާރު.ސީ)" މުޢާހަދާއާ ބެހޭގޮތުން ވަޒީރުން ކުރެއްވި މަޝްވަރާގައި ދިވެހިރާއްޖެއަކީ އިންސާނީ ޙައްޤުތައް ރައްކާތެރިކުރުމުގައި ބައިނަލްއަޤްވާމީ މައިދާނުގައި ވަރަށް އިސް ދައުރެއް އަދާކުރަމުން އަންނަ ޤައުމަކަށްވެފައި ރާއްޖެއަކީ ސީ.އާރު.ސީ ގެ މެމްބަރު ޤައުމަކަށް ވާތީ އެ މުޢާހަދާއަށް ޢަމަލުކުރެވެން އަންނަނީ މި ޕްރޮޓޮކޯލް ތަސްދީޤު ކޮށްގެން ކަމުގައި ވާތީ، މި މުޢާހަދާގައި ސޮއި ކުރެއްވުމަކީ ބޭނުންތެރިކަމެއްކަމުގައި ވަޒީރުން ފާހަގަކުރެއްވިއެވެ.