އިންޓަރނޭޝަނަލް ފެޑެރޭޝަން އޮފް ރެޑްކްރޮސް އެންޑް ރެޑްކްރެސެންޓް ސޮސައިޓީޒް (އައި.އެފް.އާރު.ސީ)ގެ ފަރާތުން ރާއްޖޭގައި ހުންނަވާ އިސް މަންދޫބު މިސްޓަރ ޕެއެރ ޔެންސްނަސް އާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ބައްދަލުކުރައްވައިފިއެވެ.

މިބައްދަލުކުރެއްވުމުގައި ރާއްޖޭގައި ރެޑްކްރެސެންޓް ސޮސައިޓީއެއް ޤާއިމު ކުރެއްވުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގައި ރެޑްކްރެސެންޓް ސޮސައިޓީއެއް އުފެދުމަކީ ވަރަށް މުހިންމު ކަމެއް ކަމަށާއި، މިފަދަ ޖަމާޢަތެއް އުފެއްދުމަށް ބޭނުންވާ އެހީތެރިކަމާއި އެއްބާރުލެއްވުން ދިވެހި ސަރުކާރުން ދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އައި.އެފް.އާރު.ސީ.އިންނާއި، ރެޑްކްރޮސް އަދި ރެޑްކްރެސެންޓުގެ އެހެން ޖަމްޢިއްޔާތަކުން ރާއްޖެއަށް ވެދެއްވާ އެހީތަކަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، ރެޑްކްރެސެންޓް އުފެއްދުމަށް މަސައްކަތް ކުރައްވާ ވަރކިންގ ގްރޫޕްގެ އިސްބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.