ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އޯޑިޓް ރިޕޯޓުގެ މައްޗަށް ދިވެހި ސަރުކާރުން ދެއްވަންޖެހޭ ފުރިހަމަ ސަމާލުކަން މިހާރުން މިހާރަށް ދެއްވައި، މިކަމާ ގުޅިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ދިވެހި ރައްޔިތުންނަށް ދެއްވައިފިއެވެ. މި ޔަޤީންކަން ރައީސުލްޖުމްހޫރިއްޔާ ދެއްވާފައިވަނީ، އެމަނިކުފާނު މިއަދު ނެރުއްވި ބަޔާނެއްގައެވެ. މިދަންނަވާލަނީ މިކަމާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ ނެރުއްވި ބަޔާނެވެ.

”2009 ޖަނަވަރީ މަހުގެ 18 ވަނަ ދުވަހު ދިވެހިރާއްޖޭގެ އޮޑިޓަރ ޖެނެރަލް ޢާންމު ކުރެއްވި ބޭންކް އޮފް މޯލްޑިވްސްގެ އަހަރީ އޯޑިޓް ރިޕޯޓުގެ މައްޗަށް ދިވެހި ސަރުކާރުން ދޭންޖެހޭ ފުރިހަމަ ސަމާލުކަން މިހާރުން މިހާރަށްދީ، މިކަމާ ގުޅިގެން އަޅަންޖެހޭ ފިޔަވަޅުތައް އަޅައި، މިކަމުގައި ޝާމިލުވާ ކޮރަޕްޝަނާއި، ނާޖާއިޒު ފައިދާ ނެގުމާއި، މަކަރާއި ހީލަތާއި، އިހުމާލުވުމާއި، ބޭންކް އޮފް މޯލްޑިވްސްގެ ޑިރެކްޓަރުންގެ ބޯޑާއި މެނޭޖްމަންޓުން މިކަމުގައި ޒިންމާ ނަގަންޖެހޭނޭ މިންވަރު ދެނެގަނެވޭނެ ފުރިހަމަ ތަޙުޤީގެއް ހިންގައި، ޒިންމާދާރު ކުރުވަންޖެހޭ ފަރާތްތައް ޒިންމާދާރު ކުރުވައި، ބޭންކް އޮފް މޯލްޑިވްސްއާއި އެބޭންކުގެ ކަސްޓަމަރުންނާއި ދިވެހި ރައްޔިތުންގެ އެއްވެސް ޙައްޤެއް ގެއްލެނިވި ގޮތުގައި ހިންގާފައިވާނަމަ، އެ މައްސަލަތައް ޤާނޫނުގައިވާ ގޮތުގެ މަތިން ތަޙުޤީޤުކޮށް، ދިވެހި ސަރުކާރަށް ލިބެންޖެހޭ ބަދަލެއްވާނަމަ، އެ ބަދަލު ހޯދުމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާއެކު، ބޭންކް އޮފް މޯލްޑިވްސް ނަގަހައްޓައި، އެ ބޭންކުގެ ޚިދްމަތް އިތުރަށް ފުޅާކޮށް ވަރުގަދަ ކުރާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް އަރުވަމެވެ.“