”އަޕަރ ނޯތް ޔުޓިލިޓީޒް ލިމިޓެޑް“ މި ނަމުގައި ދަރަންޏަށް ޒިންމާވާންޖެހޭ މިންވަރު ކަނޑައެޅިފައިވާ ދިވެހި ސަރުކާރުގެ ސައްތައިންސައްތަ ޙިއްޞާ އެކުލެވިގެންވާ، ސަރުކާރުގެ ކުންފުންޏެއް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އުފައްދަވައިފިއެވެ. މިކުންފުންޏަކީ، ދިވެހިރާއްޖޭގެ އިޤްތިޞާދީ ތަރައްޤީއާއި އިޖްތިމާޢީ ދުޅަހެޔޮކަމަށް މަގުފަހިކޮށްދޭނެ ފަދަޔަކުން، ދިވެހިރާއްޖޭގެ މަތި އުތުރު ރީޖަންގައިވާ އާބާދީއަށް، ކަރަންޓާއި، ފެނާއި، ނަރުދަމާއާއި ގޭހުގެ ޚިދްމަތްތައް ޤާއިމުކޮށްދެއްވުމަށާއި، އެ ޚިދްމަތް ދެމެހެއްޓެނިވި ގޮތަކަށް ރައްޔިތުންނަށް ފޯރުކޮށްދެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާގެ ޤަރާރަކުން އުފެއްދެވި ކުންފުންޏެކެވެ.

އަޕަރ ނޯތު ޔުޓިލިޓީޒް ލިމިޓެޑް އުފެއްދެވުމާ ގުޅިގެން، އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑަށް ރައީސުލްޖުމްހޫރިއްޔާ މިއަދު މެންބަރުން ޢައްޔަން ކުރައްވައިފިއެވެ. ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، މާލެ ވިލިނގިލި އަސްނި އަލްފާޟިލް ޢަބްދުއްލަޠީފް ޤާސިމެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، ހއ. ދިއްދޫ ބޮކަރުމާގޭ އަލްފާޟިލް ޢަބްދުﷲ ވަޙީދާއި، ށ. މިލަންދޫ ޗާނދަނީގޭ އަލްފާޟިލް ޢަލީ ރަޝީދާއި، ށ. ކޮމަންޑޫ ގުލްބަކާގޭ އަލްފާޟިލް ޢަލީ އިސްމާޢީލާއި، ހދ. ހަނިމާދޫ ކޮމެޓް އަލްފާޟިލް ޝާހިދު ސަލީމާއި، ހދ.ކުޅުދުއްފުށީ ދެރަހާ އަލްފާޟިލް ޢަލީ މުޙަންމަދާއި، ހއ. ކެލާ ތޮށިމަތީގޭ އަލްފާޟިލް އަޙްމަދު ޝަފީޤެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުވެސް ހަމަޖައްސަވާފައެވެ. މި ބޯޑުގެ ޗެއަރމަނަކަށް ހަމަޖެއްސެވީ، ޅ.ހިންނަވަރު ދޭލިޔާގޭ އަލްފާޟިލް މަޙްމޫދު މުޙަންމަދެވެ. ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންނަކީ، ހެންވޭރު ކުރެދިމާގޭ އަލްފާޟިލް އާދަމް ޢަބްދުލްޣަފޫރާއި، މާފަންނު ތަންތާރަ، ހުޅުމާލެ 4-3-08 އަލްފާޟިލާ މަރިޔަމް ވަޙީދާ އާއި، މާފަންނު ފެހިގިރި އަލްފާޟިލް ޢަބްދުލްޢަޒީޒު ޢަބްދުލްޙަކީމާއި، މާލޭ މުނިސިޕަލްޓީގެ ޚާއްޞަ ދަފްތަރު 5259 އަލްފާޟިލް ޙަސަން މުޙަންމަދެވެ.

މީގެއިތުރުން، ދިވެހިރާއްޖޭގެ ގުޅުން ޕްރައިވެޓް ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑަށް ސަރުކާރުން ބޭފުޅުން ޢައްޔަން ކުރައްވައި، މި ބޯޑު ރައީސުލްޖުމްހޫރިއްޔާ މިއަދު ވަނީ އަލުން އެކުލަވާލައްވާފައެވެ. އެ ބޯޑުގެ ޗެއަރޕަރސަނަކަށް ހަމަޖެއްސެވީ، މައްޗަންގޮޅީ ކޮށީގޭ އަލްފާޟިލާ ޖުވައިރިޔާ ސަޢީދެވެ. މި ބޯޑުގައި ހިމެނިވަޑައިގަންނަވާ އެހެން ބޭފުޅުންނަކީ، މާފަންނު ފްލޮރެންސް އަލްފާޟިލް މުޙަންމަދު ޢާމިރާއި، ސ. ހުޅުދޫ ބްލޫ ސްކައި އަލްފާޟިލް އަޙްމަދު ޒަރީރާއި، މައްޗަންގޮޅީ އޮނިކްސް އަލްފާޟިލާ ސަޢީދާ ޚާލިދެވެ.