ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގެވުމުގެ މަޝްރޫޢުގެ ދަށުން މެދު ދެކުނު ސަރަޙައްދު ކަމުގައިވާ ކޮޅުމަޑުލު އަދި ހައްދުންމައްޗަށް އަމާޒު ކުރައްވައިގެން ބާއްވަވާ މަސައްކަތު ބައްދަލުވުން، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު ހަވީރު އިފްތިތާޙު ކޮށްދެއްވައިފިއެވެ. މި މަސައްކަތު ބައްދަލުވުން އިފްތިތާޙުކޮށްދެއްވުމަށް ޤަޠަރު އަމީރު ސްކޫލްގައި މިއަދު ހަވީރު އޮތް ޖަލްސާގައި، ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގެވުމުގެ މުހިންމު ކަމުގެ މައްޗަށާއި، އެކަމުން އެ ސަރަޙައްދުގެ ރައްޔިތުންނަށް ލިބޭނެ ފައިދާތަކުގެ މައްޗަށް ބައްލަވާލެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، މިކަމުގެ ބޭނުމަކީ، ރާއްޖޭގެ އަތޮޅުތަކަށް ފުރިހަމަ ތަރައްޤީއެއް ގެންނެވުމެވެ. އަތޮޅުތަކުގައި މަގުތައް ހަދައި، ކަރަންޓާއި ފެނާއި ނަރުދަމާއާއި އަދި އެހެންވެސް ބޭނުންވާނެ އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުއްވައިދެއްވޭނެ ނިޒާމެއް ޤާއިމު ކުރެއްވުމެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެމަނިކުފާނުގެ ސަރުކާރު ދެމިއޮންނަނީ ހަމައެކަނި އެންމެ ބޭނުމަކު ކަމަށާއި، އެއީ ރައްޔިތުންނަށް ވެފައިވާ ވަޢުދުތައް ފުއްދަވައިދެއްވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ތަރައްޤީއަށްޓަކައި ސަރުކާރުން ހިންގަވާ މަޝްރޫޢުތަކަށް ބޭރުގެ އެކިއެކި ފަރާތްތަކުން ބައިވެރިން ހޯއްދެވުމަށް އިޢްލާނު ކުރައްވަމުން އެބަ ގެންދަވާ ކަމަށާއި، މިކަމަށް ބޭރުގެ ފަރާތްތަކުން ވަރަށް ހަލުވިކަމާއެކު އިޖާބަ ދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ. އަދި ބޭރުގެ ފަރާތްތަކުން އެކަންކަމަށް އެ އިޖާބަދެނީ، އަޅުގަނޑުމެންނާ އެފަރާތްތަކާ ދެމެދު އޮންނަ ރަށްޓެހި ކަމަކުން ނޫން ކަމަށާއި، ރާއްޖެއަށް ތަޢާރުފު ކުރައްވަން މިއުޅުއްވާ އުޞޫލުތަކަކީ ބައިނަލްއަޤްވާމީ ދުނިޔެ ގަބޫލުކުރާ އުޞޫލުތަކަކަށްވާތީ ކަމުގައި ވިދާޅުވިއެވެ.