މެދު ދެކުނު ސަރަޙައްދުގައި ހިމެނޭ ކޮޅުމަޑުލާއި ހައްދުންމަތި، ލާމަރްކަޒީ އުޞޫލުން ހިންގެވުމަށްޓަކައި އިއްޔެ ފެށްޓެވި މަސައްކަތު ބައްދަލުވުމުގެ ބައިވެރިންނާ ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ރޭ ބައްދަލުކޮށްލައްވައިފިއެވެ. މިބައްދަލުކޮށްލެއްވުން އޮތީ، ހައްދުންމަތީ ގަމުގައި ހުންނަ ޙަމަދު ބިން ޚަލީފާ އާލް ޘާނީ ސްކޫލްގައެވެ.

މިބައްދަލުކޮށްލެއްވުމުގައި އެދެއަތޮޅުގެ ކަމާބެހޭ ފަރާތްތަކާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި، ލާމަރްކަޒީ އުޞޫލުން އެދެއަތޮޅު ހިންގެވުމާ ބެހޭގޮތުން އެބޭފުޅުންނާ މަޝްވަރާ ކުރައްވައި ޚިޔާލު ހޯއްދެވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ މިދަތުރުފުޅުގައި، މިއަދު އެއަތޮޅު މާވަށަށާއި އިސްދުއަށް ވަޑައިގަންނަވާނެއެވެ.