ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހައްދުންމައްޗަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު އެއަތޮޅު މާވަށަށާއި އިސްދޫ ކަލައިދުއަށް ވަޑައިގެން، އެ ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ.

މި ރަށްރަށުގެ ރައްޔިތުންނާ ރައީސުލްޖުމްހޫރިއްޔާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ އެންމެ މުހިންމު ކަމަކީ ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދެވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖޭގެ ސަރަޙައްދުތައް ޕްރޮވިންސްތަކަށް ބައްސަވާލެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ބައްލަވައިލައްވަމުން، އެކަމުގެ ޙަޤީޤީ ބޭނުމަކީ، އެ ސަރަޙައްދެއްގެ ރައްޔިތުންނަށް ބޭނުންވާ އަސާސީ ހުރިހާ ޚިދްމަތްތަކެއް، އެސަރަޙައްދަކުން ލިބޭނެ އިންތިޒާމެއް ހަމަޖެއްސެވުން ކަމަށް ވިދާޅުވިއެވެ. އެގޮތުން ހައްދުންމައްޗާއި ކޮޅުމަޑުލު ހިމެނޭ ގޮތަށް ޕްރޮވިންސެއް އުފެދި، އެ ޕްރޮވިންސްގެ އިދާރީ މަސައްކަތްތައް ހިންގެވުމަށް މި ސަރަޙައްދަށް މިނިސްޓަރަކު ހުންނަވައިގެން، ސަރުކާރުގެ އޮފީސްތަކުގެ ޚިދްމަތް، އެއް ފުރާޅެއްގެ ދަށުން ލިބިވަޑައިގަންނަވަމުންދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ރައްޔިތުންނަށް ބޭނުންވާ އަސާސީ ޚިދްމަތްތައް ފޯރުއްވައިދެއްވުމަށްޓަކައި، ކުންފުނި އުފައްދަވައިގެން، އެކުންފުނިތައް މެދުވެރިކޮށް އެޚިދްމަތްތައް ފޯރުއްވައިދެއްވާނެ ކަމަށާއި، އެކަމުގެ ޢަމަލީ މަސައްކަތްތައް މިހާރުވަނީ ފެށިފައި ކަމަށް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ މިއަދު ދެއްކެވި ވާހަކަފުޅުގައި، މާވަށަށާއި އިސްދޫ ކަލައިދުއަށް ސަރުކާރުން ކޮށްދެއްވުމަށް މިހާރު ނިންމަވާފައިވާ ކަންތައްތަކުގެ މަޢްލޫމާތުވެސް ރައްޔިތުންނަށް ދެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އިސްދުއަށް ކުރެއްވި ދަތުރުފުޅުގައި، އިސްދޫގެ އާސާރީ ތަނެއް ކަމަށްވާ އިސްދޫ ހައްތެލި ބައްލަވާލެއްވިއެވެ.