ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ހައްދުންމަތީގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު، މިއަދު ހަވީރު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ރެޑްކްރޮސްގެ ފަރާތުން ހައްދުންމަތީ ގަމުގައި ހަދަމުންގެންދާ ގެތައް މިއަދު މެންދުރުފަހު ބައްލަވާލެއްވިއެވެ. އޭގެފަހުން، ހައްދުންމަތީ ގަމު ރީޖަނަލް ހޮސްޕިޓަލަށް ޒިޔާރަތް ކުރައްވައި، ހޮސްޕިޓަލުގައި ތިބި ބަލިމީހުންގެ ޙާލު އޮޅުންފިލުއްވައި، ހޮސްޕިޓަލްގެ ކަންތައްތައް ހިނގަމުންދާގޮތް ބައްލަވާލެއްވިއެވެ. މީގެއިތުރުން، ހައްދުންމަތީ މާންދޫގައި ހުންނަ ފިޝަރީޒް ކޮމްޕްލެކްސްއަށް ޒިޔާރަތް ކުރައްވައި، އެތަނުގެ މަސައްކަތްތައް ހިނގަމުންދާގޮތްވެސް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މިދަތުރުފުޅުގައި، ލާމަރްކަޒީ އުޞޫލުން އަތޮޅުތައް ހިންގުމާ ބެހޭގޮތުން މެދު ދެކުނު ސަރަޙައްދު ކަމުގައިވާ ކޮޅުމަޑުލަށާއި ހައްދުންމައްޗަށް އަމާޒު ކުރައްވައިގެން ހައްދުންމަތީ ގަމުގައި ބޭއްވެވި މަސައްކަތު ބައްދަލުވުން އިއްޔެ އިފްތިތާޙު ކޮށްދެއްވިއެވެ.