މިހާރު ނޫހުން އިންތިޒާމުކޮށްގެން މިރޭ ބޭއްވި "މިހާރު އެވޯޑްސް" ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙާއި، އެމަނިކުފާނުގެ އަނބިކަނބަލުން ފަޒްނާ އަޙްމަދު ބައިވެރިވެވަޑައިގެންފިއެވެ. "މިހާރު އެވޯޑްސް" އަކީ ދިވެހި ކުޅިވަރު ކުރިއެރުވުމަށާއި، ކުޅުންތެރިންގެ އަގު ވަޒަންކުރުމުގެ މަޤްޞަދުގައި ކޮންމެ އަހަރަކު ދެމުން އަންނަ އެވޯޑެކެވެ.
މިރޭ ބޭއްވި "މިހާރު އެވޯޑްސް" ޙައްފްލާގައި ދިވެހިރާއްޖޭގެ ކުޅުންތެރިން އިންޑިއަން އޯޝަން އައިލެންޑް ގޭމްސް، އައި.އޯ.އައި.ޖީ.ގައި ހޯދި ކާމިޔާބީއާއި އެ ކުޅިވަރު މުބާރާތް، 2023 ވަނަ އަހަރު ބާއްވަން ރާއްޖެއަށް ފުރުޞަތު ލިބުމުގެ އުފާ ފާހަގަކޮށްފައިވެއެވެ.
މިއަހަރުގެ މިހާރު އެވޯޑްސް ގައި ހަ ކުޅިވަރަކުން، އެކި ގިންތިތަކުން ވަނަތައް ހޮވައި ކުޅުންތެރިންނަށް އެވޯޑް ދީފައިވެއެވެ.
މިގޮތުން 2018 ވަނަ އަހަރުގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިޔާގެ އެވޯޑް ޙާޞިލުކުރި ޢަލީ އަޝްފާޤު (ދަގަނޑޭ) އަށް އެވޯޑް ދެއްވީ ރައީސުލްޖުމްހޫރިއްޔާއެވެ. މިރޭގެ އެވޯޑްސް ހަފުލާގައި އަލްމަރްޙޫމް ސައްޔިދު ޙަސަން، ކުޅިވަރުގެ އެކި ރޮނގުތަކުން ކުރައްވާފައިވާ މަސައްކަތްޕުޅުތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން އެމަރްޙޫމްގެ ޢާއިލާއަށް ހަނދާނީ ފިލައެއް އަރުވާފައިވެއެވެ. މި ހަނދާނީ ފިލާ ދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންނެވެ.
މި ޙަފްލާގައި އައި.އޯ.އައި.ޖީ.ގެ މެޑަލިސްޓުންނަށް އޫރިދޫއާއި އެލައިޑް އިންޝުއަރެންސްގެ ފަރާތުން ދެއްވާ ޚާއްޞަ އިނާމު އެފަރާތްކާއި ހަވާލުކޮށްފައިވެއެވެ. މީގެއިތުރުން މި ޙަފްލާގައި 2018 ވަނަ އަހަރު ސާފް ޗެންޕިއަންޝިޕް ފުޓްބޯޅަ މުބާރާތުގެ ތަށި ދިވެހިރާއްޖެ ކާމިޔާބު ކޮށްފައިވާތީ ދިވެހި ޤައުމީ ފުޓްބޯޅަ ޓީމުގެ އަގު ވަޒަންކޮށް ޤައުމީ ފުޓްބޯޅަ ޓީމަށް ވެސް އެވޯޑް ދެއްވާފައިވެއެވެ.
މީގެއިތުރުން މި ޙަފްލާގައި އަލްމަރްޙޫމް ޒާޙިރު ނަޞީރުގެ ހަނދާނުގައިވެސް އެވޯޑެއް ދީފައިވެއެވެ. އޮލިމްޕިކްސް ކޮމިޓީގެ ކުރީގެ ރައީސް އަލްމަރްޙޫމް ޒާހިރު ނަޞީރުގެ ނަންފުޅުގައި މި އެވޯޑް ދެމުންގެންދަނީ، ދިވެހި ކުޅިވަރަށް އެމަނިކުފާނު ކޮށްދެއްވި ޚިދުމަތުގެ ހަނދާނާއި ޝަރަފުގައެވެ.
މި އެވޯޑް ޙަފްލާގައި ސަރުކާރުގެ އިސްވެރިންނާއި، ގިނަ ޢަދަދެއްގެ ކުޅުންތެރިންނާއި، ކޯޗުންނާއި، ޓެކްނިކަލް އޮފިޝަލުންނާއި ރެފްރީން އަދި ކުޅިވަރު ނޫސްވެރިންގެ އިތުރުން ކުޅިވަރުގެ ދާއިރާގައި މަސައްކަތްކުރައްވާ ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ.