ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދުގެ އަރިހަށް އެމެރިކާގެ ޕެސިފިކް ފްލީޓްގެ ކޮމާންޑަރ އެޑްމިރަލް ރޮބަޓް ވިލަރޑް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ.

މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، އެމެރިކާ ސަރުކާރުން ރާއްޖެއަށް ދެއްވާ އެހީތައް ފާހަގަކުރައްވައި އެކަމަށްޓަކައި އެމެރިކާ ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ރާއްޖެއަކީ ވަށައިގެން ކަނޑު އޮންނަ ޤައުމަކަށްވެފައި، ދިވެހިންނަކީ ވަރަށް ގިނައިން ކަނޑުދަތުރު ކުރަންޖެހޭ ބަޔަކަށްވާތީ، ކަނޑުދަތުރުކުރާ ދިވެހިންގެ ސަލާމަތާމެދު ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

އެމެރިކާގެ ޕެސިފިކް ފްލީޓްގެ ކޮމާންޑަރ އެޑްމިރަލް ރޮބަޓް ވިލަރޑް ދެއްކެވި ވާހަކަފުޅުގައި، ރައީސުލްޖުމްހޫރިއްޔާގެ މިކަންބޮޑުވުމާމެދު ވިސްނާވަޑައިގަންނަވާ ކަމަށާއި، އެމެރިކާ ނޭވީގެ ފަރާތުން މިކަމުގައި ދިވެހި ސަރުކާރަށް ވެދެއްވެން އޮތް އެހީތެރިކަމެއް ވެދެއްވާނެ ކަމުގައި ވިދާޅުވިއެވެ. އެޑްމިރަލް ވިލަރޑްގެ ވާހަކަފުޅުގައި، ރާއްޖޭގައި ބޭއްވުނު ސިޔާސީ ޕާޓީތައް ވާދަކުރި ފުރަތަމަ އިންތިޚާބު ކާމިޔާބު ކުރެއްވި ކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދަށް ތަހުނިޔާ ވިދާޅުވިއެވެ.

މިބައްދަލުކުރެއްވުމަށްފަހު، ރާއްޖޭގެ ޚަބަރުފަތުރާ ވަސީލަތްތަކަށް އެޑްމިރަލް ރޮބަޓް ބަޔާނެއް ދެއްވިއެވެ. މި ބަޔާނުގައި، އެމެރިކާގެ ޕެސިފިކް ފްލީޓް އަދި ޕެސިފިކް ކޮމާންޑަށް ވެދެއްވާ އެއްބާރުލެއްވުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާއަށާއި ދިވެހި ސަރުކާރަށް ޝުކުރު އަދާކުރެއްވިއެވެ. އަދި ކަނޑުގެ ސަރަޙައްދުގެ ރައްކާތެރިކަމާއި ސަލާމަތަށް މިކުރާ މަސައްކަތުގައި އެއްބާރުލެއްވުން ދެއްވަމުން ގެންދަވާނެ ކަމަށާއި، ރާއްޖޭގެ ސަރަޙައްދުގައި ގަވާއިދާ ޚިލާފު ކަންތައްތައް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އެމެރިކާގެ މިލިޓަރީ ސްކޫލްތަކުގައި ދިވެހި ސިފައިންނަށް އިތުރު ތަމްރީނު ދެއްވުމުގެ ކަންތައް ކުރިއަށް ގެންދަވާނެ ކަމުގައިވެސް އެޑްމިރަލް ރޮބަޓް ވިލަރޑް ވިދާޅުވިއެވެ.