ރައްޔިތުންގެ މަޖިލީހަށް ހުށަހެޅިފައިވާ ”ދިވެހި ރެޑް ކްރެސެންޓްގެ ބިލް“ މަޖިލީހަށް ފެނިވަޑައިގަންނަވާ ގޮތެއްގެ މަތިން، ވެވަޑައިގެންނެވި އެންމެ އަވަސް ފުރްޞަތެއްގެ ތެރޭގައި ނިންމަވައި ދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު އެދިވަޑައިގެންފިއެވެ. ރައީސުލްޖުމްހޫރިއްޔާ މިކަމަށް އެދިވަޑައިގެންފައިވަނީ، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަލްފާޟިލް މުޙަންމަދު ޝިހާބަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ.

މޯލްޑިވިއަން ރެޑް ކްރެސެންޓް ސޮސައިޓީ (އެމް.އާރު.ސީ.އެސް) އަކީ ދިވެހިރާއްޖޭގައި ރެޑް ކްރޮސް ނުވަތަ ރެޑް ކްރެސެންޓްގެ ޖަމްޢިއްޔާތަކާއި، ޖަމާޢަތްތައް ތަމްސީލުކުރާ ހަމައެކަނި ނޭޝަނަލް ސޮސައިޓީ ކަމަށްވާތީ، 1949ގެ ޖެނީވާ ކޮންވެންޝަންތަކާއި، އެ މުޢާހަދާތަކުގެ އެޑިޝަނަލް ޕްރޮޓޮކޯލްތަކާއި، ”ރެގިއުލޭޝަން އޮން ދަ ޔޫސް އޮފް ދަ އެމްބްލެމް އޮފް ރެޑް ކްރޮސް އޯ ރެޑް ކްރެސެންޓް ބައި ނޭޝަނަލް ސޮސައިޓީސް“ އާ އެއްގޮތްވާ ގޮތުގެ މަތިން، އެމް.އާރު.ސީ.އެސް އަކީ ވަކި ޤާނޫނީ ޝަޚްޞެއްގެ ހައިސިއްޔަތު ލިބިގެންވާ ހިލޭ ސާބަހަށް މަސައްކަތްކުރާ ޖަމްޢިއްޔާއެއް ކަމަށް ހެއްދެވުމަށް ދިވެހި ސަރުކާރުން ބޭނުންފުޅުވަނީ ކަމުގައި ރައީސުލްޖުމްހޫރިއްޔާގެ މިސިޓީފުޅުގައި ވިދާޅުވެފައިވެއެވެ.