ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު، އެމެރިކާގެ އާ ނާއިބު ރައީސް މިސްޓަރ ޖޯސަފް ބައިޑްންއަށް ތަހުނިޔާ ވިދާޅުވެއްޖެއެވެ.

ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ފޮނުއްވި މެސެޖުގައި، ދިވެހިރާއްޖެއަކީ މިނިވަންކަމާއި ހަމަހަމަކަމުގެ އުސޫލުތައް ޤާއިމުކުރި ދުނިޔޭގެ އެންމެ އާ ޤައުމުކަމަށްވުމާއެކު، އެމެރިކާގައި އަލަށް މި އިންތިޚާބު ވެވަޑައިގެންނެވި ލީޑަރުންނަކީ، މި އުސޫލުތައް ދެމެހެށްޓެވުމަށާއި ދުނިޔޭގެ އިންސާފަށާއި ކުރިއެރުމަށް ބާރުއަޅުއްވާ ބޭފުޅުން ކަމަށްވާތީ އެކަމަށް އުފާފުޅުކުރައްވާ ކަމުގައި ވިދާޅުވެފައިވެއެވެ. ހަމައެއާއެކު، ޚާރިޖީ ދާއިރާގައި މިސްޓަރ ބައިޑެނަށް ލިބިވަޑައިގެންފައިވާ ތަޖުރިބާވެސް ނާއިބު ރައީސްގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ނާއިބު ރައީސްގެ މެސެޖްގައި، ދިވެހިރާއްޖެއަކީ ތިމާވެށީގެ ގޮތުން އެންމެ ނާޒުކު އެއްޤައުމުކަން ފާހަގަކުރައްވައި، ދުނިޔޭގެ ތިމާވެށްޓަށް ކުރިމަތިވެފައިވާ ނުރައްކާތަކާއި ގޮންޖެހުންތަކުން ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތަކުގައި އެމެރިކާއިން އިސްދައުރެއް އަދާކުރާނެ ކަމަށް އުންމީދު ކުރައްވާ ކަމުގައިވެސް ވިދާޅުވެފައިވެއެވެ. އަދި ދިވެހިރާއްޖެއާއި އެމެރިކާއާ ދެޤައުމުގެ ދެމެދުގައި އޮތް ގާތް ގުޅުން، އެ ބޭފުޅުންގެ ޒަޢާމަތުގައި އިތުރަށް ތަރައްޤީވެ، ކުރިއަރަމުންދާނެ ކަމަށް ޔަޤީން ކުރައްވާ ކަމުގައިވެސް ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެފައިވެއެވެ.