ރާއްޖޭގައި ރަޖިސްޓްރީ ކޮށްގެން ހިންގާ ހުރިހާ އެއަރލައިންތަކަށް ރާއްޖެއިން ބޭރަށް އުދުހުމުގެ ފުރްޞަތު ހުޅުވާލެއްވުމަށާއި، މާލޭ ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށް އަންނަ ބޭރުގެ އެކިއެކި އެއަރލައިންތަކަށްވެސް ރާއްޖޭގެ އެތެރޭގެ ދަތުރުތައް ހުޅުއްވާލެއްވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ.

މިގޮތަށް މި ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، ބައިނަލްއަޤްވާމީ ފަސިންޖަރުން އުފުލުމުގައި ރާއްޖޭގައި ޢަމަލު ކުރަމުންދާ ވައިގެ ދަތުރުފަތުރުގެ ސިޔާސަތު އިޞްލާޙު ކުރެއްވުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ސިވިލްއޭވިއޭޝަން އެންޑް ކޮމިއުނިކޭޝަނުން ތައްޔާރު ކުރެއްވި ކަރުދާހެއްގެ މައްޗަށް މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

މީގެކުރިން ކަނޑައަޅުއްވާފައިވާ ވައިގެ ދަތުރުފަތުރުގެ ސިޔާސަތުގެ ދަށުން، މުދާ އުފުލުން ފިޔަވައި އެހެން ބޭނުންތަކަށް، ރާއްޖޭގައި އެއަރލައިން ރަޖިސްޓަރީ ކޮށްގެން، ބައިނަލްއަޤްވާމީ ވައިގެ ދަތުރުފަތުރު ކުރުމުގެ ހުއްދަ އަމިއްލަ ފަރާތްތަކަށް ދެއްވާ ގޮތަކަށް ހަމަޖެހިފައެއް ނުވެއެވެ. އެހެން ނަމަވެސް، މި ސިޔާސަތު ބަދަލުކުރެއްވުމަކީ، ރާއްޖޭގެ ރައްޔިތުންނަށް އެކަމުން އިތުރު ލުއިފަސޭހަކަން ލިބިގެންދާނެ ކަމެއް ކަމަށްވާތީއާއި، މިގޮތަށް ހުޅުއްވާލެއްވުމަކީ، އެކަމުން ރާއްޖެއަށް ފައިދާތައް ކުރާނެ ކަމެއް ކަމަށް ފެނިވަޑައިގަންނަވާތީ، ވަޒީރުންގެ މަޖިލީހުން މިގޮތަށް މިއަދު ނިންމެވީއެވެ.