އޮޑިޓަރ ޖެނެރަލް ނެރުއްވި ބޭންކް އޮފް މޯލްޑިވްސްގެ އޮޑިޓް ރިޕޯޓު ބެއްލެވުމަށްފަހު، ދިވެހިރާއްޖޭގެ ޤާނޫނާއި ގަވާއިދާ ޚިލާފު އެއްވެސް ޢަމަލެއް ހިންގާފައިވާކަން ފާހަގަކުރެއްވޭނަމަ، އެމައްސަލައެއް ތަޙުޤީޤު ކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، މޯލްޑިވްސް ޕޮލީސް ސަރވިސްއަށް އަންގަވައިފިއެވެ. މިކަން އަންގަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ކޮމިޝަނަރ އޮފް ޕޮލީސް އަޙްމަދު ފަސީޙަށް މިއަދު ފޮނުއްވި ސިޓީފުޅެއްގައެވެ.

އެނގިވަޑައިގަންނަވާނެ ފަދައިން، ބޭންކް އޮފް މޯލްޑިވްސްގެ އޮޑިޓް ރިޕޯޓުގެ މައްޗަށް ދިވެހި ސަރުކާރުން ދެއްވަންޖެހޭ ފުރިހަމަ ސަމާލުކަން މިހާރުން މިހާރަށް ދެއްވައި، މިކަމާ ގުޅިގެން އަޅުއްވަންޖެހޭ ފިޔަވަޅުތައް އަޅުއްވާނެ ކަމުގެ ޔަޤީންކަން ދިވެހި ރައްޔިތުންނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ. މި ޔަޤީންކަން ރައީސުލްޖުމްހޫރިއޔާ ދެއްވާފައިވަނީ، ބޭންކް އޮފް މޯލްޑިވްސްގެ އޮޑިޓް ރިޕޯޓާ ގުޅިގެން، މި މަހުގެ 19 ވަނަ ދުވަހު އެމަނިކުފާނު ނެރުއްވި ބަޔާނެއްގައެވެ.