އާދައިގެ ބަލިތަކެކޭ އެއްފަދައިން ނަފްސާނީ ބަލިތަކުގެ އަސަރުކޮށްފައިވާ ބަލި މީހުންނަށް އެފަދަ ބަލިތަކުގެ ވާހަކަ ދެއްކޭނެ މާޙައުލެއް ރާއްޖޭގައި ޤާއިމުކުރަން ވެއްޖެކަމުގައި ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒުނާ އަޙުމަދު ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވީ ނަފްސާނީ ބަލިތަކަށް ހޭލުންތެރިކަން އިތުރުކުރުމުގެ ގޮތުން މެންޓަލް ހެލްތް އެވެއަރނެސް ފައުންޑޭޝަނުން ކުރިޔަށް ގެންދިޔަ "މެންޓަލް ހެލްތް އެންޑް ޔަންގ ޕީޕަލް، ވަން ޑޭ މެންޓަލް ހެލްތް އެވެއަރނަސް ވަރކްޝޮޕް ފޮރ އެޑިއުކޭޓަރސް" ނިމުމުގެ ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ވަރކްޝޮޕް ނިމުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ޝައިން ޓްރީ ބިލްޑިންގްގެ ކޮންފަރެންސް ހޯލްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ވިދާޅުވީ، މިފަދަ ވަރކްޝޮޕްތައް ބޭއްވުމަކީ ނަފްސާނީ ދުޅަހެޔޮކަމާމެދު ރައްޔިތުން ހޭލުންތެރިކުރުވުމުގައި ނުހަމު މުހިންމު ރޯލެއް އަދާކުރާނެ ކަމެއް ކަމުގައެވެ. މިކަމުގެ ސަބަބުން މުޖުތަމަޢުގައި ނަފްސާނީ ބަލިތަކާމެދު ދެކޭގޮތް ބަދަލުވެގެންދާނެކަމުގައި އެކަމަނާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި، މި ވަރކްޝޮޕަކީ ޚާއްޞަކޮށް މިއަހަރުގެ ދުނިޔޭގެ ނަފްސާނީ ދުޅަހެޔޮކަމުގެ ދުވަހުގެ ޝިއާރުކަމަށްވާ “ބަދަލުވަމުން އަންނަ ދުނިޔޭގައި ޒުވާނުން” މި މަޢުޟޫއާ ވަރަށް ގުޅޭ ވަރކްޝޮޕެއްކަން ފާހަގަކުރެއްވިއެވެ. މިގޮތުން ފުރާވަރަށް އަރަމުން އަންނަ ދުވަސްވަރަކީ ޒުވާނުންގެ ދިރިއުޅުމަށް ނުހަނު ބޮޑެތި ބަދަލުތަކެއް އަންނަ ދުވަސްވަރެއްކަން ފާހަގަކުރައްވަމުން އެކަމަނާ ވިދާޅުވީ މިފަދަ ދުވަސްވަރަކީ ސްކޫލްގެ މާޙައުލުގެ ތެރެއިން ނަފްސާނީ ކަންކަމާގުޅޭ ޚިދުމަތްތަކުގެ ބޭނުން އެންމެ ބޮޑަށް ޒުވާނުންނަށް ބޭނުންވާނެ ދުވަސްވަރު ކަމުގައެވެ.
ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުންގެ ވާހަކަފުޅުގައި އުނގަންނައިދޭ ފަރާތްތަކާއި، މުޖުތަމަޢުގެ އެކިއެކި ފަރުދުންނާއި، ޢާއިލާތަކުން ގުޅިގެން މަސައްކަތްކޮށްފިނަމަ ނަފްސާނީ ބަލިތަކުން އަރައިގަތުމަށް މަސައްކަތްކުރާ މީހުންނަށް ނުހަނު ބޮޑު އެހީތެރިކަމެއް ފޯރުކޮށްދެވޭނެ ކަމުގައި ވިދާޅުވިއެވެ.
މެންޓަލް ހެލްތް އެވެއަރނެސް ފައުންޑޭޝަންގެ އަމާޒަކީ އެކިކަލަހަ ވަސީލަތްތައް މެދުވެރިކޮށް ރާއްޖޭގެ ރައްޔިތުންގެ މެދުގައި ނަފްސާނީ ބަލިތަކާބެހޭގޮތުން މަޢުލޫމާތު ފޯރުކޮށްދީ ހޭލުންތެރިކަން އިތުރުކުރުމެވެ. އަދި، ނަފްސާނީ ބަލިތަކާމެދު ރައްޔިތުން ދެކޭގޮތް ބަދަލުކޮށް އެފަދަ ފަރާތްތަކުގެ ޙައްޤުތައް ރައްކާތެރިކުރުމަކީވެސް އެ ފައުންޑޭޝަންގެ އަމާޒެކެވެ. ނަފްސާނީ ދުޅަހެޔޮކަމާ ގުޅޭގޮތުން ތަފާތު އެކި ވަރކްޝޮޕަތަކާއި ޕްރޮގްރާމްތައް އެ ފައުންޑޭޝަނުން ހިންގަމުން ގެންދެއެވެ.
ނަފްސާނީ ބަލިތަކަށް ފަރުވާލިބޭނެ ޚާއްޞަ އިންތިޒާމުތައް ހަމަޖައްސައި ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ރިޔާސީ ވަޢުދުތަކުގެ ތެރޭގައި ވެސް ހިމެނޭ މުހިންމު ވަޢުދެކެވެ. މިގޮތުން ސަރުކާރުގެ ފުރަތަމަ މަސައްކަތު 100 ދުވަހުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނިގެން ނެޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދަވައި ނަފުސާނީ ބަލިތަކަށް އާސަންދައިގެ ދަށުން ޚިދުމަތް ލިބޭނެ ގޮތް ވެސް ވަނީ ހަމަޖައްސަވައިފައެވެ.