ސަރުކާރުން މިހާރު ވިސްނާވަޑައިގަންނަވަމުން ގެންދަވަނީ، ވީހާވެސް ބޮޑަކަށް މުވައްޒަފުންނަށް ލުއިފަސޭހަވާނެ ގޮތްތަކެއްވެސް ހޯއްދަވައިދެއްވުމަށް ކަމުގައި ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ވިދާޅުވެއްޖެއެވެ. ޑޮކްޓަރ ވަޙީދު މިހެން ވިދާޅުވީ، އަންނަ ފެބްރުއަރީ މަހުގެ 1 ވަނަ ދުވަހުން ފެށިގެން، ސަރުކާރުގެ އޮފީސްތަކުގެ ރަސްމީ ގަޑިއަށް ބަދަލު ގެންނެވުމަށް ހަމަޖެއްސެވުމާ ގުޅިގެން، އެކަމުގެ ތަފްޞީލު ދެއްވުމަށްޓަކައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސަރުކާރުގެ ރަސްމީ ގަޑި ބަދަލުކުރެއްވުމާ ގުޅިގެން ލިބޭ ވަރަށްގިނަ ފައިދާތަކެއް އެބަހުރިކަން ނާއިބު ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. އަދި ސަރުކާރަކީ ރައްޔިތުންނަށް ޚިދްމަތް ދިނުމަށްޓަކައި އުފެދިފައިވާ ތަނަކަށްވާއިރު، އޮފީސްތަކުގެ މަސައްކަތްތައް ރޭވުމުގައި، ވީހާވެސް ބޮޑަކަށް ރައްޔިތުންނަށް ލުއިވާނެ ގޮތަކަށް، ރައްޔިތުންނަށް ގިނަވަގުތު ޚިދްމަތް ދެވޭ ގޮތަކަށް މަސައްކަތްތައް ރޭވުމަކީ، މުހިންމު ކަމެއް ކަމަށް ދެކެވަޑައިގަންނަވާ ކަމުގައި ވިދާޅުވިއެވެ.

ގަޑިއަށް މިގެންނެވި ބަދަލާ ގުޅިގެން، ރައްޔިތުންނަށް ޚިދްމަތް ލިބޭ ވަގުތު އިތުރުވެގެންދާނެ ކަމަށާއި، މުވައްޒަފުންނަށްވެސް އަދި މުވައްޒަފުންގެ ޢާއިލާތަކަށްވެސް ކޮންމެވެސް ލުއިތަކެއް ލިބިގެންދާނެ ކަމަށް ނާއިބު ރައީސް ވިދާޅުވިއެވެ.

ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކުގެ ވާހަކަފުޅުގައި، ދުނިޔޭގެ އިޤްތިޞާދަށް ބޮޑެތި ބަދަލުތަކެއް އަންނަމުންދާއިރު، އޭގެ އަސަރު ރާއްޖެއަށް ނުކޮށް ނުދާނެ ކަމަށާއި، މިފަދަ ވަގުތެއްގައި އަޅުގަނޑުމެންގެ މަސައްކަތް މިހާރަށްވުރެ ވަރުގަދަކޮށް، އަޅުގަނޑުމެންގެ މަސައްކަތްތެރިން އިތުރަށް ހިތްވަރު ކުރަން ޖެހުމަކީ، ބޭނުންތެރި ކަމެއް ކަމުގައި ވިދާޅުވިއެވެ. އަދި އޭގެ ސަބަބުން، ޤައުމުގެ އިޤްތިޞާދަށް އެދެވޭ ބަދަލުތަކެއް އަންނާނެ ކަމަށް އުންމީދު ކުރައްވާކަން ހާމަކުރެއްވިއެވެ. ހަމައެހެންމެ، މަސައްކަތްތެރިންގެ އަޚްލާޤަށްވެސް ބަދަލުތަކެއް ގެންނަންޖެހޭނެ ކަމަށާއި، ކޮންމެ ޤައުމެއްވެސް ކުރިއަރާނީ، އެޤައުމެއްގެ މަސައްކަތްތެރިން ކުރި ހިތްވަރަކުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ނާއިބު ރައީސްގެ ވާހަކަފުޅުގައި، ސަރުކާރުގެ ދާއިރާގައި މަސައްކަތް ކުރައްވާ ހުރިހާ މުވައްޒަފުންވެސް، އެ މުވައްޒަފުންގެ މަސައްކަތްތަކަށް ވީހާވެސް ބޮޑަކަށް ފަރުވާ ބެހެއްޓެވުމަށާއި، ރަސްމީ ގަޑީގައި އިތުރު ވަގުތު ނަންގަވާނުލައްވައި ޚިދްމަތް ދެއްވުމަށާއި، ހުރިހާ މުވައްޒަފުންވެސް ގުޅިގެން މަސައްކަތް ކުރެއްވުމަށް އެދިވަޑައިގެންނެވިއެވެ.

ސަރުކާރުގެ ރަސްމީ ގަޑިއަށް މިގެންނެވި ބަދަލާ ގުޅިގެން، މިއަދުގެ ޕްރެސް ކޮންފަރެންސްގައި ނޫސްވެރިން ދެންނެވި ސުވާލުތަކަށް ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކު ޖަވާބު ދެއްވިއެވެ.