ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލަށް މިއަދު ފެށްޓެވި ދަތުރުފުޅުގައި، މިއަދު މެންދުރުފަހު އެއަތޮޅު ބުރުންޏަށް ވަޑައިގެން، ބުރުނީ ރައްޔިތުންނާއި އަދި ބުރުނީގައި ދިރިއުޅުއްވަމުން ގެންދަވާ ވިލުފުށީ ރައްޔިތުންނާ ބައްދަލުކުރައްވައިފިއެވެ. ރައީސުލްޖުމްހޫރިއްޔާ ބުރުންޏާއި ވިލުފުށީގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، މިވޭތުވެދިޔަ 4 އަހަރު ދުވަހު ބުރުނީގައި ދިރިއުޅުއްވަމުން ގެންދެވި ވިލުފުށީ ރައްޔިތުންނަށް، ބުރުނީ ރައްޔިތުން ވެދެއްވި ބޮޑު އެހީތެރިކަމާއި އެއްބާރުލެއްވުން ފާހަގަކުރެއްވިއެވެ. އަދި ބުރުނީގައި މިހާރު ދިރިއުޅުއްވަމުން ގެންދަވާ ވިލުފުށީ ރައްޔިތުން އަލުން ވިލުފުށްޓަށް ބަދަލުކުރެވޭނެގޮތް މިހާރު ތަނަވަސްވެފައިވާކަން ބަޔާން ކުރައްވަމުން، އިރާދަކުރެއްވިއްޔާ މިއަހަރުގެ އޭޕްރިލް މަހު ނުވަތަ އެންމެ ލަސްވެގެން މެއިމަހުގެ ތެރޭގައި، ވިލުފުށީ ރައްޔިތުންނަށް ވިލުފުށްޓަށް ބަދަލުވެވޭނެ ކަމަށް ސަރުކާރުން އުންމީދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ވިލުފުށީ ރައްޔިތުން އެނބުރި ވިލުފުށްޓަށް ބަދަލުވިނަމަވެސް، ބުރުނި އެ އޮތްގޮތުގައި އޮންނާނެ ކަމަށާއި، ބުރުނި ތަރައްޤީ ކުރައްވަމުން ގެންދެވުމަކީ، ސަރުކާރުން އެދިވަޑައިގަންނަވާ ގޮތް ކަމަށް ވިދާޅުވިއެވެ. އަދި ސަރުކާރުގެ ސިޔާސަތު ބިނާވެފައި އޮންނާނީ، ރައްޔިތުން އެދޭ ގޮތަށް ކަންކަން ކުރުމުގެ މައްޗަށް ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބުރުނީގައި މިހާރު ހިންގާ ހެލްތް ޕޯސްޓް، ހެލްތް ސެންޓަރަކަށް ބަދަލުކޮށްދެއްވުމަށް ސަރުކާރުން ވިސްނަވަމުން ގެންދަވާ ކަމަށާއި، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި އެކަން ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ. ހަމައެއާއެކު، ބުރުންޏަކީ ދަނޑުވެރިކަމުގެ ރޮނގުންވެސް ތަރައްޤީ ކުރެއްވިދާނެ ރަށެއް ކަމަށް ސަރުކާރަށް ފާހަގަކުރެއްވޭތީ، އަންނަ ފެބްރުއަރީ މަހުގެ ތެރޭގައި ބުރުނީގައި ދަނޑުވެރިކަމުގެ މަޝްރޫޢުތަކެއް، ސަރުކާރުން ހިންގަވަން ފަށްޓަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ބުރުނީގައި ގެދޮރު ބޭނުންވާ ފަރާތްތަކަށް، ދިގު މުއްދަތުގައި ކުޑަ އެއްޗެއް ދައްކައިގެން، އެ ޚަރަދު ޚަލާޞްކުރާ އުޞޫލުން ބުރުނީ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުއްވައިދެއްވާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.