ރާއްޖެއަށް ޑޮލަރުގެ ދަތިކަން މިހާރު ވަރަށް ބޮޑުވެފައިވުމާއެކު، ޑޮލަރުގެ ދަތިކަން ފިލުއްވުމަށް ކުރައްވާ މަސައްކަތްތަކުގެ ދަށުން، ރާއްޖޭގައި އިތުރު ބޭންކްތަކެއް ހުޅުއްވުމަށް ސަރުކާރުން މަސައްކަތް ކުރައްވަމުން އެބަގެންދަވައެވެ.

ރާއްޖޭގައި އޮޕަރޭޓް ކުރުމުގެ ލައިސަންސަށް އެދި ބޭރުގެ ތިން ބޭންކަކުން މިހާރުވެސް ހުށަހަޅުއްވާފައި ވުމާއެކު، މިކަން އަވަސް ކުރެއްވުމަށްވެސް ސަރުކާރުން ވަރަށްބޮޑު ސަމާލުކަމެއް ދެއްވުމަށް ވަނީ ނިންމަވާފައެވެ. މިގޮތުން، މި ބޭންކްތައް ރާއްޖޭގައި ހިންގުމަށް ދެއްވަންޖެހޭ ލައިސަންސް ދެއްވުމުގެ ކަންތައްތައް އަވަސް ކުރެއްވުމުގެ މަސައްކަތް، މިނިސްޓްރީ އޮފް ފިނޭންސް އެންޑް ޓްރެޜަރީން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީއާ ގުޅުއްވައިގެން މިހާރު ގެންދަވަނީ ކުރައްވަމުންނެވެ.