ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ފުވައްމުލަކު ސިޓީއަށާއި އައްޑޫ ސިޓީ ގެ ބައެއް ރަށްރަށަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި އައްޑޫ ސިޓީ ހުޅުމީދޫއަށް ވަޑައިގެން އެރަށުގެ ޞިއްޙީ މަރުކަޒަށް ޒިޔާރަތްކުރެއްވިއެވެ. އެރަށު މަގުހެދުމުގެ މަޝްރޫޢު ކުރިޔަށްދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެމަސައްކަތް ކުރިޔަށްދާ ގޮތް ވެސް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ބައްލަވާލެއްވިއެވެ. އަދި އައްޑޫސިޓީ ހިތަދޫއަށް ވަޑައިގެން ހިތަދޫގެ ބައެއް ސްކޫލްތަކާއި ރީޖަނަލް ހޮސްޕިޓަލާއި ޕަވަރހައުސްފަދަ ރަށުގެ މުހިންމު ތަންތަނަށް ޒިޔާރަތްކުރައްވައި އެތަންތަނުގެ މުވައްޒަފުންނާއި ބައްދަލުކުރެއްވިއެވެ. މީގެ އިތުރުން އައްޑޫ ސިޓީ ކައުންސިލާއި ބައްދަލުކުރައްވައި މަޝްވަރާކުރައްވައި ރަށުގެ ޙާލަތާއި ކުރިއަށްދާ މަޝްރޫޢުތަކާއި ދިމާވާ މައްސަލަތަކާއިބެހޭ ގޮތުން މައުލޫމާތު ހޯއްދެވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މިދަތުރުފުޅުގައި ފުވައްމުލަކަށް ވަޑައިގެން ފުވައްމުލަކު އަތޮޅު ތައުލީމީ މަރުކަޒާ އަދި އެރަށު ސްކޫލުތަކުގެ ސީނިއަރ މެނޭޖްމަންޓާ ބައްދަލުކުރައްވައި ތައުލީމީ ދާއިރާއިން ފުވައްމުލަކު ސްކޫލުތަކުގެ ހުރި ކަންބޮޑުވުންތަކާއި ކުރިޔަށް ރޭވިފައިވާ ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ސިޓީ ކައުންސިލާ ބައްދަލުކުރައްވައި ފުވައްމުލަކުގެ ތަރައްޤީއަށް ކުރެވޭ މަސައްކަތްތަކާއި އަދި ކުރިޔަށް ރޭވިފައިވާ ޕްލޭންތަކާއި ހުރި ގޮންޖެހުންތަކާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ. މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ފުވައްމުލަކު ހޮސްޕިޓަލަށް ޒިޔާރަތްކުރައްވައި އެތަނުގައި ތިބި ބަލިމީހުންނާއި ބައްދަލުކޮށްލަވައި އެމީހުންގެ ޙާލުއަހުވާލު ބައްލަވައިލައްވައިފައެވެ. އަދި ފުވައްމުލަކު މަގުހެދުމުގެ މަސައްކަތްކުރިޔަށް ދާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެމަސައްކަތް ކުރިޔަށްދާގޮތްވެސް ނައިބު ރައީސްގެ މިދަތުރުފުޅުގައި ބައްލަވައިލައްވައިފައި ވެއެވެ.