އަސާސީ ޚިދްމަތްތައް ފޯރުވައިދެއްވުމަށް އުފައްދަވާ ޔުޓިލިޓީޒް ކުންފުނިތަކުގެ ޢަމަލީ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ މެދެއްހާ ތާނގައި ފެށިގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮޅުމަޑުލު ވޭމަންޑޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

މި ކުންފުނިތައް ފެށިގެން ދިޔައިމާ، ރަށްރަށުގެ ރައްޔިތުންނަށް ބޭނުންވާ ނަރުދަމާއާއި ފެނާއި ގޭހާއި ކަރަންޓްގެ ޚިދްމަތް، ފަސޭހަކަމާއެކު ފޯރުއްވައިދެއްވޭނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، އެރަށުގެ ކަރަންޓްވެސް އަދި އަތޮޅުގެ އެހެން ރަށްރަށުގެ ކަރަންޓްވެސް ސީދާ ސަރުކާރުން ހިންގާ ކުންފުންޏެއްގެ ދަށަށް ގެނެސް، ވިޔަފާރީގެ އުޞޫލުން އެ ކުންފުނި ތަރައްޤީކޮށް ހިންގުމަކީ، ސަރުކާރުގެ ސިޔާސަތު ކަމުގައި ވިދާޅުވިއެވެ. މިރޮނގުން ވާހަކަފުޅު ދައްކަވަމުން، ސްޓެލްކޯ ހިންގެވުންވެސް ވިޔަފާރީގެ އުޞޫލުން ބަޔަކާ ޙަވާލު ކުރެއްވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ.

ވިޔަފާރި އުޞޫލުން ސްޓެލްކޯ، ބަޔަކާ ހިންގަން ޙަވާލު ކުރައްވާއިރު، ސަރުކާރުގެ ސިޔާސަތަކީ ކަރަންޓްގެ އަގަށް ބަދަލެއް އަތުވެއްޖެނަމަ، ބިލް ނުދެއްކޭ މީހާއަށް ސަރުކާރުން އެހީތެރިކަން ފޯރުއްވައިދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. ސްޓެލްކޯ މިހާރު ހިންގަމުންދާ ގޮތުން ސަރުކާރަށް ވަރަށް ބޮޑެތި ގެއްލުންވަމުންދާކަން ބަޔާންކުރައްވަމުން، މިހާރު އެ ކުންފުނި ހިނގަމުންދަނީ، ކަރަންޓަށް ނަގާ އަގުގެ ދެބައިކުޅަ އެއްބައި ސަރުކާރުން ދައްކާ ގޮތަށް ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މިހެން އޮތުމުން، އެންމެ ނިކަމެތި މީހާއާއި ފޯރާ މީހާއާ ދެމެދު އެއްވެސް ތަފާތެއް ނުވާ ކަމަށާއި، ވިޔަފާރީގެ އުޞޫލުން އެ ކުންފުނީގެ ހިންގުން ބަދަލުވުމުން، ކަރަންޓް ބިލްގެ ޢަދަދު މައްޗަށް ޖެހުނަސް އަދި އެ އަގުގައި ހިފެހެއްޓުނަސް ބިލް ނުދެއްކޭ މީހާއަށް ސަރުކާރުން ބިލް ދެއްކުމަށް އެހީތެރިވެދެއްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ކޮޅުމަޑުލު ވޭމަންޑޫ ރައްޔިތުންނާ ރޭ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، އެއަތޮޅުގެ ހުރިހާ ރަށެއްގެ ކަރަންޓް ވިއުގަވެސް ވިޔަފާރީގެ އުޞޫލުން ހިންގުމަށްޓަކައި ސަރުކާރުން ކުންފުންޏެއް އުފައްދަވައި، އެތަން ވިޔަފާރީގެ އުޞޫލުން ހިންގަން ބޭނުންވާ ފަރާތްތަކަށް ދޫކޮށްލައްވަން ގަސްދު ކުރައްވާ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވޭމަންޑުއަށް މިކުރެއްވި ދަތުރުފުޅުގައި، ކޮޅުމަޑުލު ވަންދޫގެ ވަފްދަކާއި ކަނޑޫދޫ ވަފްދަކާއި އަދި އޮމަދޫ ވަފްދަކާ ރޭ ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި، އެރަށްރަށަށް ދިމާވެފައިވާ ދަތިތަކާ ބެހޭގޮތުން ރައީސުލްޖުމްހޫރިއްޔާ މަޢްލޫމާތު އޮޅުންފިލުއްވިއެވެ. އަދި އެ ރަށްރަށުގެ ތަރައްޤީއަށްޓަކައި ކޮށްދެއްވެން ހުރި ކަންތައްތައް ސަރުކާރުން ކޮށްދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.