ގާދިއްފުށީގެ މަސްވެރިކަން ތަރައްޤީ ކުރެއްވުމަށްޓަކައި އެރަށަށް ސަރުކާރުން ދޯންޏެއް ހަދިޔާ ކުރެއްވުމަށް ނިންމަވައިފިއެވެ. 85 ފޫޓުގެ މި ދޯނި ޙަވާލުކުރެއްވުމަށް ސަރުކާރުން ނިންމެވިކަން އިޢްލާނު ކުރެއްވީ، ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު މިއަދު މެންދުރުފަހު ގާދިއްފުށްޓަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. މި ދޯނި މި ޙަވާލުކުރައްވަނީ، ގާދިއްފުށީ ރައްޔިތުން ގުޅިވަޑައިގެން، މަސައްކަތް ކުރެއްވުމަށާއި، ހެޔޮގޮތުގައި މަސްވެރިކަމަށް ބޭނުން ކުރައްވައިގެން، ރަށުގެ ތަރައްޤީއަށް ފައިސާ ހޯއްދެވުމަށް ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އަދި ކުރިއަށް އޮތް ދެހަފްތާގެ ތެރޭގައި، އެ ދޯނި ޙަވާލުކުރައްވާނެކަންވެސް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.

ގާދިއްފުށީގެ ތަރައްޤީއަށް ސަރުކާރުން ކޮށްދެއްވުމަށް ހަމަޖެހިފައިވާ އެހެން ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ބޯހިޔާވަހިކަން ފޯރުއްވައިދެއްވުމުގެ ސިޔާސަތުގެ ދަށުން މިއަހަރުގެ ތެރޭގައި، ގާދިއްފުށީގައި 25ގެ އަޅުއްވައި، ރައްޔިތުންނާ ޙަވާލު ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ. އަދި އަންނަ އަހަރު ގާދިއްފުށީގައި ގްރޭޑް 8 އުފެއްދެވުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. ސަރުކާރުން އެ ސަރަޙައްދުގައި ހިންގަވާ މަޝްރޫޢުތައް ފެށުނީމާ، ގާދިއްފުށްޓަށް ވަރަށްބޮޑު ދިރުމެއް އަންނާނެ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ގާދިއްފުށްޓަށް މިކުރެއްވި ދަތުރުފުޅުގައި، ގާދިއްފުށީ އޮފީހަށް ވަޑައިގެން، އޮފީހުގެ މަސައްކަތްތައް ހިނގަމުންދާގޮތް ބައްލަވާލައްވައި، ޢިއްޒަތްތެރިން ސޮއިކުރައްވާ ފޮތުގައި ސޮއި ކުރެއްވިއެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ރަށު ކޯޓަށްވެސް ޒިޔާރަތް ކުރެއްވިއެވެ.