ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު، ކޮޅުމަޑުލު މަޑިފުށީ ރައްޔިތުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ. މިބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި، މަޑިފުށްޓަށް ކުރިމަތިވެފައިވާ ދަތިތަކުގެ މައްޗަށް ބައްލަވާލައްވަމުން، ސުނާމީ ކާރިސާއާ ގުޅިގެން ޢިމާރާތް ކުރަންހުރި ގެތަކުގެ ތެރެއިން ނުނިމި ހުރި ގެތައް ޢިމާރާތް ކުރެއްވުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ ދާދި އަވަހަށް ފެށިގެންދާނެ ކަމުގައި ވިދާޅުވިއެވެ. އަދި އަތްފޯރާފަށުގައި ބޯހިޔާވަހިކަން ހޯއްދަވައިދެއްވުމަށް ހިންގަވާ ޕްރޮގްރާމްގެ ދަށުން މަޑިފުށީގައި 50ގެ އިތުރަށް އަޅުއްވައިދެއްވުމުގެ މަސައްކަތް، ކުރިއަށް އޮތް ދެތިން މަހެއްހާ ދުވަހުގެ ތެރޭގައި ފެށޭނެ ކަމަށް ވިދާޅުވިއެވެ.

އަދި މަޑިފުށްޓަށްވެސް ސަރުކާރުން މަސްދޯންޏެއް ދެއްވުމަށް ހަމަޖައްސަވައިފި ކަމަށް ވިދާޅުވެ، ރައްޔިތުން ގުޅިގެން މަސްދޯނިން ފައިދާ ހޯދުމުގެ މަސައްކަތް ކޯޕަރޭޓް އުޞޫލުން ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ. މަޑިފުށްޓަށް ދިމާވެފައިވާ ޓީޗަރުންގެ ދަތިކަމުގެ މައްސަލަވެސް ޙައްލުކޮށްދެއްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.