ކުޑަކުދިންގެ ހިޔާއާއި ފިޔަވައްޗާއި ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒުގެ ޙާލަތު ދެނެގަތުމަށް އެތަންތަނުގެ އިސްވެރިންނާ ސޯޝަލްކައުންސިލުން މިއަދު ބައްދަލުކުރައްވައި މަޝްވަރާކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރައީސުލް ޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް އަދި ސޯޝަލް ކައުންސިލުގެ މެންބަރުން ވަނީ ވިލިމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާއާއި މާލެ އަތޮޅު ގުރައިދޫގައި ހުންނަ ޚާއްޞަ އެހީއަށް ބޭނުންވާ މީހުންގެ މަރުކަޒާއި ހުޅުމާލޭގައި ހުންނަ ފިޔަވަތީގެ އިސްވެރިންނާ ބައްދަލުކުރައްވައި އެތަންތަނުގެ ޙާލަތު އޮޅުން ފިލުއްވައިފައެވެ.

މި ބައްދަލުވުމުގައި މި 3 މަރުކަޒުގެ ވެރިންވަނީ އެތަންތަނުގެ މިހާރުގެ ޙާލަތާއި ވަޞީލަތުގެ ގޮތުންނާއި އަދި އެހެނިހެން ގޮތްގޮތުން ކުރިމަތިވާ ދަތިތައް ސޯޝަލް ކައުންސިލުގެ މެންބަރުންނާއި ޙިއްޞާކުރައްވާފައެވެ.