ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުވެގެންދާއިރު، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް މިހާރަށް ވުރެ މާ އުފާވެރި މާ ހިތްފަސޭހަ ދިރިއުޅުމެއް ފެނިގެން ދާނެކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ މިނިސްޓްރީ އޮފް ޖެންޑަރ، ފެމެލީ އެންޑް ސޯޝަލް ސާރވިސަސް އާއި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ޙައްޤުތައް ހިމާޔަތްކުރާ ކައުންސިލުން ގުޅިގެން ދޭ “ރިވެލި އެވޯޑް 2019” ދިނުމުގެ ޙަފުލާގައި ވާހަކަފުޅު ދައްކަވަމުންނެވެ.
އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި މި ޙަފުލާގައި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި، މިދާއިރާގައި މަސައްކަތްކުރައްވާ އެކިއެކި ފަރާތްތަކުގެ މަސައްކަތުގެ އަގުވަޒަންކުރުމުގެ ގޮތުން ދެވޭ ޚާއްޞަ އެވޯޑްތައް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙެވެ. މި އެވޯޑްތަކުގެ ތެރޭގައި ރިވެލި އެވޯޑާއި ރައީސުލްޖުމްހޫރިއްޔާ ދެއްވާ އެވޯޑް ހިމެނެއެވެ. ޖުމްލަ 21 ފަރާތަކުން މިއެވޯޑްތައް މިފަހަރު ހާޞިލްކޮށްފައިވެއެވެ.
މި ޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އެންމެ މުހިންމު އެއް ވަޢުދަކީ، ރައްޔިތުންގެ މެދުގައި ތަފާތުކުރުމެއް ނެތި ޚިދުމަތް ދިނުންކަމަށާ އަދި ސަރުކާރުގެ ސިޔާސަތަކީ، ނުކެދުންތެރިކަން ހުންނަ މީހުންނަށް ޚާއްސަ ރައްކާތެރިކަމާއި އަޅާލުން ދިނުންކަމަށެވެ. އެގޮތުން މި އަހަރުގެ ކުރީކޮޅު އައި.ޖީއެމް. ހޮސްޕިޓަލުގައި ހުޅުވި މެންޓަލް ހެލްތު ސެންޓަރަކީ މި ސިޔާސަތުގެ ތެރެއިން ޤާއިމުކުރި މަރުކަޒެއްކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޚިދުމަތް ދިނުމަށް، އައި.ޖީ.އެމް. ހޮސްޕިޓަލުގައި މިހާރު އެންސްޕާ އާއި އާސަންދައިގެ ޚާއްސަ ކައުންޓަރެއް ޤާއިމުކޮށް ޚިދުމަތް ދޭން ފަށާފައިވާކަން ވެސް ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިން ނިސްބަތްވާ ޢާއިލާތަކަށް ދިރިއުޅުމުގެ ޚަރަދުތައް ފުއްދުމާއި، ބޯހިޔާވަހިކަން ލިބުމުގައި ވެސް، ވަރަށް ގިނަ ހުރަސްތައް ހުރިކަން ފާހަގަކުރައްވަމުން އެފަދަ ޢާއިލާތަކަށް އެކަށީގެންވާ ބޯހިޔާވަހިކަމެއް ފޯރުކޮށްދިނުމަށް، އިތުރު މަސައްކަތްތަކެއް ކުރުމަށް ސަރުކާރުން ނިންމާފައިވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހުނަރާއި ޤާބިލުކަން އިތުރުކުރުމުގެ ގޮތުން، އެފަދަ މީހުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ފެށުމަށް، އިންޓްރެސްޓް ކުޑަ ލޯނު ލިބޭނެ މަގު، ސަރުކާރުން ތަނަވަސްކޮށްދެއްވަމުން އަންނަކަންވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މީގެ އިތުރުން ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވަޒީފާގެ ދާއިރާތަކުން ޚާއްޞަ ކޯޓާއެއް ހަމަޖައްސައި، ފަސޭހައިން ވަޒީފާ ލިބޭނެ އުޞޫލެއް ކަނޑައެޅުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަންވެސް ރައީސް މިއަދު ފާހަގަކުރެއްވިއެވެ. މީގެ އިތުރުން އެފަދަ ފަރާތްތަކަށް އެހީތެރިވުމުގެ ގޮތުން، ސަރުކާރުގެ އޮފީސްތަކުންނާއި ސަރުކާރުގެ ކުންފުނިތަކުން މިހާރުވެސް ވަޒީފާގެ ފުރުޞަތުތައް ފަހިކޮށްދެއްވަމުން ގެންދަވާކަން ރައީސްގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ބޭނުންވާ ޞިއްޙީ ޚިދުމަތްތަކާއި، ރިހެބިލިޓޭޓް ކުރުމުގެ ވަޞީލަތްތަކާއި ޚިދުމަތްތައް ރާއްޖެއިން ލިބެން ހުރި މިންވަރު މަދުކަމާއި ޚިދުމަތްތަކުގެ އަގު ބޮޑުވުމާއި އަދި މި ނޫންވެސް ބޮޑެތި ގޮންޖެހުންތަކެއް މި ދާއިރާގައި ހުރިކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި މި ގޮންޖެހުންތަކަށް ޙައްލެއް ހޯއްދެވުމަށް ކުރެވޭ މަސައްކަތުގެ ދަށުން ކޮމިޔުނިޓީ ބޭސްޑް ރިހެބިލިޓޭޝަން ނިޒާމެއް ޤާއިމުކުރަން ސަރުކާރުން މިހާރު ނިންމާފައިވާކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ. މީގެ ބޭނުމަކީ، ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންނަށް، އަމިއްލަ ރަށުގައި ތިބެގެން، ތަފާތު ތެރަޕީތަކާއި ތަޢުލީމާއި ތަމްރީނުތައް ފަސޭހަކަމާ އެކު ހޯދޭނެ އިންތިޒާމެއް ހަމަޖެހިގެން ދިއުންކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މި ދާއިރާގެ ފަންނީ މީހުން ތަމްރީންކޮށް އުފެއްދުމަށް ސަރުކާރުން ޚާއްޞަ ސަމާލުކަމެއް ދެއްވާކަމުގައިވެސް ވިދާޅުވިއެވެ.
އެންސްޕާގެ ދަފްތަރުގައި ރަޖިސްޓްރީނުވެ ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުން ދެނެގަނެ، އެ މީހުންނަށް ދެވެން ހުރި ޢިނާޔަތްތައް ދިރާސާ ކުރުމުގެ މަސައްކަތްވެސް މިހާރު ކުރައްވަމުން ގެންދަވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިހާރު ތިބި ނުކުޅެދުންތެރިކަން ހުންނަ މީހުންނާއި ކުދިންގެ ޢަދަދު 15360އަށް އަރާއިރު އޭގެ ތެރެއިން އެންސްޕާގެ ދަފްތަރުގައި ރަޖިސްޓްރީކޮށްގެން 7771 ފަރާތަކަށް ދައުލަތުން މިހާރު ޢިނާޔަތް ދެމުން ގެންދަވައެވެ.
މި ޙަފުލާގައި ރައީސުލްޖުމްހޫރިއްޔާގެ އިތުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމާއި ވަޒީރުންގެ މަޖުލީހުގެ ބައެއް މެންބަރުންނާއި ދައުލަތުގެ އެކި އިދާރާތަކުގެ ޢިއްޒަތްތެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ.