ސަރުކާރުން އެކި ޚިދްމަތްތައް ދެއްވަމުން ގެންދަވަނީ، ސަރުކާރަށް ބޮޑު ފައިދާއެއް ހޯއްދެވުމަށް ނޫން ކަމަށާއި، ހަމައެކަނި އަމާޒަކީ، ރައްޔިތުންނަށް ފައިދާ ހޯއްދަވައި ދެއްވުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. މިއަދު ހަވީރު އެމަނިކުފާނު ކޮޅުމަޑުލު ގުރައިދުއަށް ވަޑައިގެން، ގުރައިދޫގެ ރައްޔިތުންނާ ބައްދަލުކުރައްވައި، މިމޭރުމުން ވާހަކަފުޅު ދައްކަވަމުން، ރައްޔިތުންނަށް ފައިދާއެއް ލިބޭ ކަމެއް ކަމަށްވާނަމަ، އެކަމެއް ކުރައްވާނެ ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މިދުވަސްވަރު އިޤްތިޞާދީ ދަތިތަކެއް ކުރިމަތިވެފައިވުމާއެކު، ގުރައިދޫ ރައްޔިތުންވެސް އެބޭފުޅުންގެ ވިޔަފާރީގައި ކުރިއަށް ވަޑައިގަތުމަށް ހިތްވަރު ދެއްވިއެވެ. އަދި ޚާއްޞަކޮށް، މަސް ކައްކާ ހިއްކުމުގެ މަސައްކަތުގައި ގުރައިދޫ ރައްޔިތުން އަދާކުރައްވަމުން ގެންދަވާ ދައުރަކީ، ވަރަށް މުހިންމު ދައުރެއް ކަމަށް ވިދާޅުވެ، އެމަސައްކަތް ހަލުވިކަމާއެކު ކުރިއަށް ގެންދެވުމަށް ރައީސުލްޖުމްހޫރިއްޔާ އެދިވަޑައިގެންނެވިއެވެ.

ގުރައިދުއަށް ސަރުކާރުން ކޮށްދެއްވުމަށް ހަމަޖައްސަވާފައިވާ ކަންތައްތަކުގެ މައްޗަށް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވަމުން، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ގުރައިދޫގައި 50 ގެ އުޅުމުގެ މަސައްކަތް، އިރާދަކުރެއްވިއްޔާ މިއަހަރުގެ ތެރޭގައި ފަށްޓަވާނެ ކަމުގައި ވިދާޅުވިއެވެ. އަދި ގުރައިދޫ މަސްމާރުކޭޓުގެ މަސައްކަތުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަން ފާހަގަކުރައްވަމުން، އެމަސައްކަތް މުޅިން ނިންމާލުމަށް ފައިސާގެ އެހީފުޅެއް ސަރުކާރުން ވެދެއްވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ޕޯސްޓަލް ބޭންކުގެ ޚިދްމަތްވެސް ގުރައިދުއަށް ލިބިގެންދާނެ ކަމުގައި ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ގުރައިދުއަށް މިކުރެއްވި ދަތުރުފުޅުގައި، ގުރައިދޫގައި ހިނގަމުންދާ ސަރުކާރުގެ އެކި އިދާރާތަކުގެ އިސްބޭފުޅުންނާ ބައްދަލުކޮށްލެއްވިއެވެ.