ދިޔަމިގިއްޔަކީ ޚާއްޞަ ގޮތެއްގައި އާޓްސްގެ ދާއިރާއިން ތަޢްލީމުދޭ ރަށެއްގެ ގޮތުގައި، އެރަށުގެ ތަޢްލީމީ ނިޒާމު ކުރިއަށް ގެންދެވުމަކީ، ސަރުކާރުގެ ސިޔާސަތެއް ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ކޮޅުމަޑުލުގެ ބައެއް ރަށްރަށަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި، މިއަދު ވަރަށް ހަވީރު ދިޔަމިގިއްޔަށް ވަޑައިގެން، އެރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ. ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިގޮތުގައި، ތާރީޚާއި ސިޔާސަތާއި ޤާނޫނާ މިބާވަތުގެ ޢިލްމު، ޚާއްޞަ ގޮތެއްގައިދޭ ރަށެއްގެ ގޮތުގައި، ދިޔަމިގިލި ތަރައްޤީ ކުރެއްވުމަކީ، ސަރުކާރުގެ ވިސްނުންފުޅެކެވެ. ސަރުކާރުގެ ސިޔާސަތެކެވެ.

ދިޔަމިގިއްޔަކީ ތާރީޚީ ގޮތުން ވަރަށް ޚާއްޞަ ރަށެއްކަން ރައީސުލްޖުމްހޫރިއްޔާ ބަޔާން ކުރައްވަމުން، ދިޔަމިގިލީ ގަނޑުވަރު އަލުން އާރާސްތު ކުރުމުގެ މަޝްރޫޢު އެކުލަވާލެއްވުމަށް ދިވެހިބަހާއި ތާރީޚަށް ޚިދްމަތްކުރާ ޤައުމީ މަރްކަޒަށް މިހާރު އަންގަވާފައިވާ ކަމަށާއި، ބޭނުންފުޅަކީ މި ތާރީޚު އެއަށްވުރެ ރިވެތި ގޮތުގައި ދުނިޔޭގެ އެކި ކަންކޮޅުތަކަށް ފެންނާނެ ގޮތް ހެއްދެވުން ކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ބޯހިޔާވަހިކަން ފޯރުއްވައިދެއްވުމުގެ މަޝްރޫޢުގެ ދަށުން، ދިގު މުއްދަތުގައި ފައިސާ ދައްކައި ޚަލާޞްކުރާ އުޞޫލުން ދިޔަމިގިލީގައި މަދުވެގެން 50 ފްލެޓް އެޅުއްވުމަށް ހަމަޖެހިފައިވާ ކަމަށާއި، މިއަހަރުގެ މެދެއްހާ ތާނގައި އެމަސައްކަތް ފެށޭނެ ކަމުގައި ވިދާޅުވިއެވެ. އަދި ރަށުގެ ބޯފެނާއި ނަރުދަމާއާއި ކަރަންޓްފަދަ އަސާސީ ޚިދްމަތްތަކުގެ މަތިން، ސަރުކާރުން ހަނދާން ނުނެތޭނެ ކަމަށާއި، ސަރުކާރުން މިހާރު ހިންގަވަމުން ގެންދަވާ އަސާސީ ޚިދްމަތްތައް ރައްޔިތުންނަށް ފޯރުއްވައިދެއްވުމުގެ މަޝްރޫޢުގެ ތެރެއިން އިރާދަކުރެއްވިއްޔާ މިކަންކަން ޒަމާނީ ފެންވަރަށް ބަދަލުވެގެންދާނެ ކަމަށް ވިދާޅުވިއެވެ. އަދި ލަސްވެގެން މިއަހަރުގެ މެދުތެރޭގައި މިކަންކަމުގެ ޢަމަލީ މަސައްކަތްތައް ފެށިގެންދާނެ ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ދިޔަމިގިއްޔަށް މިކުރެއްވި ދަތުރުފުޅުގައި، ދިޔަމިގިލީ ޒުވާނުންނާވެސް ބައްދަލުކުރެއްވިއެވެ.