އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓްގެ ރައީސް، ހިޒް އެކްސެލެންސީ ފްރެންސެސްކޯ ރޯކޯ، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމްގެ އަރިހަށް އިޙްތިރާމުގެ ޒިޔާރަތެއް ކުރައްވައިފިއެވެ. މިބައްދަލުކުރެއްވުން އޮތީ، މިއަދު ހެނދުނު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ އިންސާނިއްޔަތަށްޓަކައި އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓްގެ ފަރާތުން ވޭތުވެ ދިޔަ އަހަރުތަކުގައި ވެދެއްވާފައިވާ ދީލަތި އެހީތަކަށާއި، މުޖުތަމަޢުގެ ކުރިއެރުމަށް ހިންގަވާފައިވާ އެކި ހަރަކާތްތަކަށާއި، ކުއްލި ނުރައްކަލުގެ ޙާލަތް ތަކުގައި ވެދެއްވާ އެއްބާރުލުމަށް ޝުކުރުއަދާކުރައްވާފައެވެ. އަދި ޤައުމުތަކުގެ މެދުގައި ހިންގާ ތަމްރީނުތަކުގެ ތެރެއިން ޚާއްޞަ ގޮތެއްގައި  'ފަސްޓް އެއިޑް' އަށް މީހުން ތަމްރީނުކުރުން ފަދަ ހަރަކާތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވަމުން ނައިބު ރައީސް ވަނީ މި ހަރަކާތް އިތުރަށް ފުޅާކުރުމުގެ ގޮތުން މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށާއި، އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިވުމަށާއި، ޒުވާނުން ބާރުވެރިކުރުވުން ފަދަ ހަރަކާތްތައް ކުރިއަށް ގެންދިއުމަށް ފްރެންސެސްކޯ ރޯކޯ އަރިހުން އެދިވަޑައިގެންފައެވެ.

އިންޓަނޭޝަނަލް ފެޑަރޭޝަން އޮފް ރެޑް ކްރޮސް އަދި ރެޑް ކްރެސެންޓްގެ ރައީސް، ފްރެންސެސްކޯ ރޯކޯ ދެއްކެވި ވާހަކަފުޅުގައި ދިވެހި ސަރުކާރުން އިސްނަންގަވައިގެން އެއްފަހަރު ބޭނުންކުރާ ޕްލާސްޓިކް މަދުކުރުމަށް ކުރައްވާ މަސައްކަތްތަކަށް ތަޢުރީފުކުރެއްވިއެވެ. އަދި މިފަދަ ހަރަކާތްތަކުގެ ސަބަބުން އެހެން ޤައުމުތަކަށް ވެސް މިކަން ތަންފީޒުކުރުމަށް ބާރަކަށްވާނެކަން ފްރެންސެސްކޯ ރޯކޯ ފާހަގަކުރެއްވިއެވެ. ފްރެންސެސްކޯ ރޯކޯ ދެއްކެވި ވާހަކަފުޅުގައި ހިލޭ ސާބަހަށް މަސައްކަތް ކުރުމަށް މީހުން ތަމްރީނުކުރުމުގެ މުހިންމުކަމާއި އެކަމުގައި ހުރި ގޮންޖެހުންތަކާއި، އެކަން ހަރުދަނާ ގޮތެއްގައި ކުރިއަށް ގެންދިއުމުން މުޅި މުޖުތަމަޢަށް ލިބިގެންދާނެ ލާބަޔާ މަންފާއަށް އަލިއަޅުއްވާލެއްވިއެވެ.

މި ބައްދަލުކުރެއްވުން ނިންމަވާލައްވަމުން ދެފަރާތުންވެސް ވަނީ ކުރިއަށް ހުރި މަސައްކަތްތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިކަމާއި އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން އަރުވާފައެވެ.