ޤާނޫނީ ގޮތުން މަޑުޖައްސާލަންޖެހޭ ކަންތައްތައް ފިޔަވައި ތަރައްޤީގެ އެހެން ކަންތައްތައް ކުރިއަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދު ވިދާޅުވެއްޖެއެވެ. ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ސަރަޙައްދީ ތަރައްޤީއަށް ބޭނުންވާ ޚިދްމަތްތައް ދިނުމުގައި ބައިވެރިވުމަށް ޝައުޤުވެރިކަން ފާޅުކޮށްފައިވާ އިންޑިޔާގެ ސީ.އައި.އައި.އާއި، އިންޑިޔާގެ އެހެން ބައެއް ކުންފުނިތަކާއެކު، 15 މެމޮރަންޑަމް އޮފް އަންޑަރސްޓޭންޑިންގއެއްގައި ސޮއިކުރެއްވުމާ ގުޅިގެން، އެކަމާ ބެހޭގޮތުން މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި ޕްރެސް ކޮންފަރެންސެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.

މިއަދު ފެނިގެން މިދިޔައީ، ރާއްޖޭގެ ތަރައްޤީއަށް ސަރުކާރުން ހިންގެވުމަށް ހަމަޖެހިފައިވާ ތަރައްޤީގެ މަޝްރޫޢުތަކުގައި ބައިވެރިވާނެ ބޭރުގެ ފަރާތްތައް ހޯއްދެވުމަށް ކުރެއްވި މަސައްކަތްތަކުގެ ނަތީޖާ ކަމަށާއި، އެފަރާތްތަކުން ހާމަކުރި ޝައުޤުވެރިކަން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި މިއީ އެމަނިކުފާނު އިންޑިޔާއަށް ކުރެއްވި ދަތުރުފުޅާ ގުޅިގެން، އުފެއްދުނު ޝައުޤުވެރިކަމެއް ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، މި ފެބްރުއަރީ މަހުގެ 14 ވަނަ ދުވަހު އެމަނިކުފާނު އިޓަލީއަށް ދަތުރުފުޅެއް ފަށްޓަވާކަންވެސް ހާމަކުރެއްވިއެވެ. އެ ދަތުރުފުޅުގެ ބޭނުންފުޅަކީ، ރާއްޖޭގައި މިހިންގާ ތަރައްޤީގެ އެކިކަންކަމުގައި ބައިވެރިވާނެ ފަރާތްތައް ހޯއްދެވުމުގެ މަސައްކަތް ކުރެއްވުން ކަމުގައި ވިދާޅުވިއެވެ.

މިއަދުގެ ޕްރެސް ކޮންފަރެންސްގައި، އެމް.އޯ.ޔޫ.ގައި ސޮއިކުރެއްވުމާ ގުޅިގެންނާއި، ރާއްޖޭގެ ތަރައްޤީގެ ކަންކަމާ ގުޅޭގޮތުން ނޫސްވެރިން ދެންނެވި ސުވާލުތަކަށް ރައީސުލްޖުމްހޫރިއްޔާ ޖަވާބު ދެއްވިއެވެ.

މި ޕްރެސް ކޮންފަރެންސްގައި ނާއިބު ރައީސް ޑޮކްޓަރ މުޙަންމަދު ވަޙީދު ޙަސަން މަނިކާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓް އަލްފާޟިލް އިބްރާހީމް ޙުސައިން ޒަކީވެސް ވާހަކަފުޅު ދެއްކެވިއެވެ.