ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ތިލަދުންމަތީ އުތުރުބުރީ މާރަންދޫއަށް މިއަދު ޒިޔާރަތް ކުރައްވައި، އެރަށު ކައުންސިލާ ބައްދަލުކުރައްވައިފިއެވެ.

މާރަންދޫ ޕްރީ ސްކޫލްގައި އޮތް މި ބައްދަލުކުރެއްވުމުގައި، ރަށުގެ ޙާލަތާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި, މާރަންދޫ ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، ބައެއް އަސާސީ ޚިދުމަތްތައް އަދިވެސް ފުރިހަމަވެފައި ނެތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި، ކުރިއަށް އޮތްތާނގައި ރަށަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙިއްޞާ ކުރެއްވިއެވެ.

މިގޮތުން ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރޭގައި، ރަށުގެ ފަޅުގެ ދަތިކަމާއި، ސްކޫލް ޢިމާރާތުގެ ހުރި ދަތިތައް ފާހަގަ ކުރައްވައި، ރަށުގެ ޒުވާނުންނަށް ފުޓުބޯޅަ ދަނޑެއްގެ މުހިންމުކަން ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ސަރުކާރުން ވަކި ރަށެއް ތަފާތު ނުކުރައްވާނެކަމަށާއި، މާރަންދޫ ކައުންސިލާއި މުއައްސަސާތަކުން ފާހަގަކުރެއްވި ކަންކަން ވީހާވެސް އަވަހަށް ޙައްލުކުރެއްވުމަށް މަސައްކަތް ކުރައްވާނެކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.