ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހއ. އަތޮޅު ހޯރަފުއްޓަށް މިއަދު ޒިޔާރަތް ކުރައްވައި، އެރަށު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.

ހޯރަފުށީ ރަށު ކައުންސިލްގެ އިދާރާގައި އޮތް މި ބައްދަލު ކުރެއްވުމުގައި، ރަށުގެ ހާލަތާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވިއެވެ. އަދި، ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅު ތަކުގެ ބޭނުންފުޅަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވައި، ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ ކަންކަން ބެއްލެވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުވުމުގައި، ހޯރަފުށީ ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، ބައެއް ޚިދުމަތްތައް ފުރިހަމަވެފައި ނެތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި، ކުރިއަށް އޮތްތާނގައި ރަށަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނާއިބާ ޙިއްޞާ ކުރެއްވިއެވެ. އެގޮތުން، ކުނީގެ މައްސަލަ ހައްލުކުރުމާއި ބެހޭގޮތުންނާއި، އެއަރޕޯޓް މަޝްރޫޢާ ބެހޭގޮތުންނާއި، ލޯކަލް ޓޫރިޒަމް ފުޅާކުރުމާއި، މީގެއިތުރުން ވެސް ރަށުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވެސް ޚިޔާލު ބަދަލު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތައް ހައްލުކޮށްދެއްވުމަށް ސަރުކާރުން ބާރު ދުވެއްޔެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކައުންސިލުން އިސްނަގައިގެން ދައުލަތުގެ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ. ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި އެމަނިކުފާނު ވަނީ ހޯރަފުށީގެ ސްކޫލާއި، ޞިއްޙީ މަރުކަޒާއި، ފެނަކަ އޮފީހަށް ޒިޔަރާތްކުރައްވައި އެތަންތަނުގެ މުވައްޒަފުންނާ ބައްދަލުކުރައްވައި، އެތަންތަނުގެ މަސައްކަތްތަކާބެހޭ ގޮތުން މުވައްޒަފުންނާ މަޝްވަރާ ކުރައްވާފައެވެ.