ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، ހއ.އަތޮޅު އުލިގަމަށް މިއަދު ޒިޔާރަތް ކުރައްވައި، އެރަށު ކައުންސިލާ ބައްދަލު ކުރައްވައިފިއެވެ.

އުލިގަމު ރަށު ކައުންސިލްގެ އިދާރާގައި އޮތް މި ބައްދަލު ކުރެއްވުމުގައި، ރަށުގެ ހާލަތާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާބެހޭ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބު އޮޅުންފިލުއްވިއެވެ. އަދި، ރާއްޖޭގެ ރަށްރަށަށް ކުރައްވާ ދަތުރުފުޅު ތަކުގެ ބޭނުންފުޅަކީ، ރައްޔިތުންގެ ކަންބޮޑުވުންތައް އަޑު އައްސަވައި، ރައްޔިތުންނާ ވީހާވެސް ގާތުން ރައްޔިތުންގެ ކަންކަން ބެއްލެވުން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި އުލިގަމު ކައުންސިލަރުން ދެއްކެވި ވާހަކަފުޅުގައި، ބައެއް ޚިދުމަތްތައް ފުރިހަމަވެފައި ނެތުމުން ރައްޔިތުންނަށް ދިމާވަމުންދާ ދަތިތަކާއި، ކުރިއަށް އޮތްތާނގައި ރަށަށް ބޭނުންވާ ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާގެ ނައިބާ ޙިއްޞާ ކުރެއްވިއެވެ. އަދި، ރަށުގެ ބަނދަރު މަޝްރޫޢާއި، ސްކޫލާއި، ޞިއްޙީ މަރުކަޒުގައި ހުރި ދަތިތަކާއި، އަދި، ރަށްގިރުމުގެ މައްސަލަ ފާހަގަ ކުރައްވައި، ރަށުގެ ތަރައްޤީއަށް ކުރެވިދާނެ ކަންކަމާ ބެހޭގޮތުން ވެސް ޚިޔާލު ބަދަލު ކުރެއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ދެއްކެވި ވާހަކަފުޅުގައި، ރާއްޖޭގެ ރައްޔިތުންނަށް ކުރިމަތިވެފައިވާ ތަފާތު މައްސަލަތައް ޙައްލުކޮށްދެއްވުމަށް ސަރުކާރުން ބާރު ދުވެއްޔެއްގައި މަސައްކަތް ކުރައްވަމުން ގެންދަވާ ކަމުގައި ވިދާޅުވިއެވެ. އަދި، ސަރުކާރުގެ ސިޔާސަތުތައް ތަންފީޒު ކުރުމުގައި ކައުންސިލުން އިސްނަގައިގެން ދައުލަތުގެ އެހެން އިދާރާތަކާ ގުޅިގެން މަސައްކަތް ކުރުމަށް އެމަނިކުފާނު އެދިވަޑައިގެންނެވިއެވެ