ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް ތިލަދުންމަތީ އުތުރުބުރީގެ ބައެއް ރަށްރަށަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އެއަތޮޅު ހޯރަފުއްޓަށް މިއަދު ޒިޔާރަތްކުރައްވައިފިއެވެ.
އެމަނިކުފާނުގެ މި ޒިޔާރަތުގައި ހޯރަފުއްޓަށް ވަޑައިގެން އެމްޓީސީސީން އެރަށުގައި ފަށާ ސްޕީޑް ފެރީގެ ޚިދުމަތް އިފްތިތާޙް ކޮށްދެއްވިއެވެ. މި ޚިދުމަތް އިފްތިތާޙް ކޮށްދެއްވައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވިދާޅުވީ އެމަނިކުފާނު އަދި ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅުތަކަކީ ރައްޔިތުންގެ ކަންކަން ވީހާވެސް ގާތުން ބައްލަވައި ރައްޔިތުންނަށް އެންމެ ބޭނުންވާ ކަންކަން ދެެނެގަނެ އެކަންކަމަށް ފޯރުކޮށްދެވެން ހުރި އެހީތެރިކަން ދެނެގަތުމަށް ކުރައްވާ ދަތުރުފުޅުތަކެއް ކަމަށެވެ. އަދި ދަތުރުފަތުރުގެ ލުއި ފަސޭހަކަން ޤާއިމުކޮށްދިނުމަކީ ސަރުކާރުން އެންމެ އިސްކަމެއް ދެއްވާ އެއްކަންތައްކަން އެމަނިކުފާނު ފާހަގަކުރެެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މި ދަތުރުފުޅުގައި ހޯރަފުށީ އެއަރޕޯޓް އަޅާ ސަރަހައްދަށް ޒިޔާރަތްކުރައްވައި އެ ސަރަހައްދުގައި މަސައްކަތް ކުރިޔަށްދާގޮތް ބައްލަވާލެއްވިއެވެ. އަދި ނައިބު ރައީސްގެ މިދަތުރުފުޅުގައި ރަށު ކައުންސިލާއި ރަށުގެ އެކިއެކި މުއައްސަސާތަކަށް ޒިޔާރަތްކުރައްވައި އެތަންތަނުގައި މަސައްކަތްކުރައްވާ މުވައްޒަފުންނާ ބައްދަލުކުރެއްވުމަށް ވެސް ހަމަޖެހިފައި ވެއެވެ.