ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ ހުޅުދުއްފާރު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، ހުޅުދުއްފާރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި ހުޅުދުއްފާރު ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށްގިރުމުގެ މައްސަލައާއި، ރަށުގައި ކުށްގިނަވަމުންދާތީ ފުލުހުންގެ ޚިދުމަތް ނެތުމުގެ ސަބަބުން ދިމާވާ މައްސަލަތަކާއި، ރަށުގައި ބޯޓުފަހަރާއި އޮޑިފަހަރު އެހެލޭނެ ވަކި ޚާއްޞަ ސަރަޙައްދެއް ނެތުމުން ދިމާވާ ގޮންޖެހުންތަކާއި، ރަށުގައި އެކަށީގެންވާގޮތަށް ކުނި މެނޭޖްކުރެވޭނެގޮތެއް ނެތުމުން ދިމާވާ މައްސަލަތަށް ހިމެނެއެވެ. އަދި ރަށުގެ ޒުވާނުންނަށް ކުޅިވަރު ކުޅެވޭނެ ގޮތެއް ހޯދުމުގެ މުހިންމުކަމާއި، ގެސްޓްހައުސް ވިޔަފާރި ކުރިއެރުވުމަށް ސަރުކާރުގެ އެއްބާރުލުން ބޭނުންވާކަމުގައި މެންބަރުން ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން ވެސް މެންބަރުން ވަނީ ރަށުގެ ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ވާހަކައާއި، ރަށުގެ ހެލްތް ސެންޓަރަށް ބޭނުންވާ ކަންތައްތަކުގެ މަޢުލޫމާތު ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވައިފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި ހުޅުދުއްފާރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.