ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، މާޅޮސްމަޑުލު އުތުރުބުރީ އުނގޫފާރު ކައުންސިލްގެ މެންބަރުންނާ މިއަދު ބައްދަލުކުރައްވައިފިއެވެ.

މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، އުނގޫފާރުގެ ރައްޔިތުން އެންމެ ބޮޑަށް ބޭނުންވެފައިވާ ކަންކަމާއި ބެހޭ މަޢުލޫމާތު ކައުންސިލްގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާ ކުރެއްވިއެވެ.

ރަށަށް ކުރިމަތިވެފައިވާ މައްސަލަތައް ފާހަގަ ކުރައްވައި އުނގޫފާރު ކައުންސިލްގެ ފަރާތުން ފާހަގަކުރެއްވި ކަންތައްތަކުގެ ތެރޭގައި، ރަށުގެ ނެރު ބައްތި އެހެން ދިމާއަކަށް ބަދަލުކުރުމުގެ މުހިންމުކަމާއި، ރަށުގެ މަގުހެދުމުގެ މަޝްރޫޢު ހުއްޓިފައިވާތީ އެކަން އަލުން ފަށާއިރު ގެންނަން ޖެހޭ ބައެއް ބަދަލުތަކުގެ ވާހަކައާއި، ހޮސްޕިޓަލް އިތުރު ވަޞީލަތްތަކާއެކު ތަރައްޤީކުރަން ބޭނުންވާ ވާހަކައާއި، ކުނި މެނޭޖްކުރުމުގައި ދިމާވާ ދަތިތަކާއި، ރަށުގެ ބިމުގެ ދަތިކަން ޙައްލުކުރުމަށް ބޭނުންވާ ވާހަކަ ހިމެނެއެވެ. މީގެ އިތުރުން ވެސް މެންބަރުން ވަނީ ރަށު ސްކޫލްގެ ޖާގައިގެ ދަތިކަމުގެ ވާހަކައާއި، ރަށުގެ ސީ އެމްބިއުލާންސް ހަލާކުވެފައި އޮތުމުގެ ސަބަބުން ދިމާވާ ދަތިތަކުގެ ވާހަކަ ރައީސުލްޖުމްހޫރިއްޔާއާއި ޙިއްޞާކުރައްވައިފައެވެ.

މި ބައްދަލުކޮށްލެއްވުމުގައި ރައީސުލްޖުމްހޫރިއްޔާ ދެއްކެވި ވާހަކަފުޅުގައި އުނގޫފާރު ކައުންސިލުން އެދިވަޑައިގެންފައިވާ ކަންކަމުގައި ކަމާގުޅޭ އިދާރާތަކާ މަޝްވަރާކުރައްވައިގެން އެކަންކަމަށް ޙައްލެއް ހޯއްދަވައިދެއްވަން މަސައްކަތްޕުޅު ކޮށްދެއްވާނެ ކަމުގައި ވިދާޅުވިއެވެ.