ސަރުކާރުން ދޭ ސްކޮލަޝިޕްތަކުގެ ޙަޤީޤީ މަޤުޞަދު ޙާޞިލްވެގެން ދާނީ، ދަރިވަރުންނަކީ ޤާބިލް، ހުނަރުވެރި އަދި ޤައުމު އާރާސްތުކުރުމުގައި މުހިންމު ދައުރެއް އަދާކުރާ ބަޔަކަށް ވެގެންކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ 2018ވަނަ އަހަރު ޖީސީއީ އޭ-ލެވެލް އިމްތިޙާނުގައި ބައިވެރިވި ދަރިވަރުންގެ ކާމިޔާބީ ފާހަގަކޮށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްޞަ ސްކޮލަރޝިޕާއި، ހައި އެޗީވަރސް ސޮކްލަރޝިޕް ލިބުނުކަމުގެ ލިޔުން ޙަވާލުކޮށްދެއްވުމަށް ސްޓެލްކޯ އޮޑިޓޯރިއަމްގައި މިއަދު ހަވީރު ބޭއްވެވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުންނެވެ.

"ޤައުމީ ތަރައްޤީގައި އަޅުގަނޑުމެން ގެންގުޅޭ އެންމެ އިސް ސިޔާސަތަކީ މީހުން ބިނާކުރުން. ރައްޔިތުން އެދޭ ފަދަ ކުރިއެރުން ޙާޞިލްކުރުމަށްޓަކައި ފުރަތަމަ ކުރަންޖެހޭ ކަމަކީ، ތަޢުލީމާއި ތަޖުރިބާ ލިބިފައިވާ ޤާބިލު ޖީލެއް ބިނާކުރުން. މި ސަރުކާރުގެ ތަޢުލީމީ ސިޔާސަތު އަމާޒުކުރެވިފައިވަނީ މި ދެންނެވި މިސްރާބަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ޙަފުލާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މީގެ ކުރިން ރައީސްގެ އެވޯރޑް ލިބޭ ދަރިވަރުން ކިޔަވަން ޖެހެނީ، ސަރުކާރުން ކަނޑައަޅާފައި ހުންނަ ދާއިރާތަކުގެ ތެރެއިން ކޮންމެވެސް ދާއިރާއަކުންކަމަށާއި، ނަމަވެސް މިހާރުވާނީ އެ އުޞޫލު ބަދަލުކުރައްވާފައި ކަމުގައެވެ. އެގޮތުން މިއަހަރުން ފެށިގެން ރައީސްގެ އެވޯޑް ލިބޭ ދަރިވަރުންނަށް، އެކުދިން ބޭނުން ދާއިރާއަކުން، ބޭނުން ޤައުމެއްގައި ކިޔެވުމުގެ ފުރުޞަތު ލިބިގެންދާގޮތަށް އުސޫލު ބަދަލު ކުރައްވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ދެން ސަރުކާރުން ބަދަލު ގެނައީ ހައި އެޗީވަރސް ސްކޮލަޝިޕްގެ އުޞޫލުތަކަށް. މީގެ ކުރިން ހައި އެޗީވަރސް ސްކޮލަޝިޕް ދެމުން އައީ ވަކި ދާއިރާތަކަކުން އަދި ވަރަށް މަދު ޤައުމުތަކަކުން. ނަމަވެސް ސަރުކާރުން މިހާރު ހަމަޖައްސާފައި ވާނީ އޯ.އީ.ސީ.ޑީ ޤައުމުތަކުން ވެސް އެ ދަރިވަރުންނަށް ކިޔެވޭ ގޮތަށް." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މިމޭރުމުން ވާހަކަފުޅުދައްކަވަމުން އެމަނިކުފާނު ވަނީ، ސަރުކާރުން މި ގެނައި ބަދަލާ ގުޅިގެން، ހައި އެޗީވަރސް ސްކޮލަރޝިޕް ޙާޞިލްކުރާ ދަރިވަރުންނަށް، އިތުރު 36 ޤައުމަކުން ކިޔެވުމުގެ ފުރުޞަތު ލިބިގެންދާނެކަން ފާހަގަ ކުރައްވާފައެވެ. އޭގެ ތެރޭގައިވެސް ގިނައީ، ޔޫރަޕްގެ ޤައުމުތަކާއި، އެމެރިކާ އާއި އޭޝިޔާގެ ކުރިއަރާފައިވާ އެހެން ބައެއް ޤައުމުތައްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި، މި ދެ ބަދަލަކީ ވެސް ޒުވާން ޖީލު ބިނާކުރުމަށް އެޅުނު ވަރަށް މުހިންމު ފިޔަވަޅެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

"ތިޔަ ދަރިވަރުންގެ ކިބައިން އަޅުގަނޑު މިއަދު އެދެނީ، ކޮންމެ ދާއިރާއަކުން މަތީ ތަޢުލީމް ޙާޞިލްކުރި ކަމުގައި ވިޔަސް، ދިވެހި ޤައުމަށް ޚިދުމަތް ކުރުމަކީ، ތިޔައިން ކޮންމެ ކުއްޖެއްގެ އެންމެ އިސް ވާޖިބުކަމުގައި ހެދުމަށް. ތިޔައިގެ ތެރެއިން ހަމަ ކޮންމެ ދަރިއަކީ، މި ޤައުމަށް ނުހަނު ބޮޑަށް ބޭނުންޖެހިފައިވާ ކުއްޖެއް. އަންނާން އޮތް ޖީލަށް މި ޤައުމު ގެންގޮސްދޭނެ ބަޔަކީ ހަމަ ތިޔަ ދަރިވަރުން." ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.