بِسْمِ ٱللّٰهِ ٱلرَّحْمٰنِ ٱلرَّحِيمِ‎


اللهُ سُبْحَانَهُ وَتَعَالَى އަށް ޙަމްދާއި ޝުކުރު ދަންނަވަން. މި އުންމަތުގެ މާތް ނަބިއްޔާ مُحَمَّدُ رَسُوْلُ اللهِ صَلَّى اللهُ عَلَيْهِ وَسَلَّمَ އަށް، ޞަލަވާތާއި ސަލާމް ލެއްވުން އެދި ދުޢާކުރަން. މި ޞަލަވާތާއި ސަލާމުގައި އިތުރު އެކަލޭގެފާނުގެ އާލު އަޞްޙާބުން ޝާމިލުކުރަން.


މިނިސްޓަރ އޮފް ފޮރިން އެފެއާޒް ޢަބްދުﷲ ޝާހިދު، ދުނިޔޭގެ އެކި ޤައުމުތަކުގައި ދިވެހި ދައުލަތް ތަމްސީލު ކުރައްވާ ދިވެހި ސަފީރުން، ދިވެހި ޚާރިޖިއްޔާގެ އިސް ވެރިންނާއި މުވައްޒަފުން، ހާޒިރުވެވަޑައިގެން ތިއްބެވި އެންމެހައި ބޭފުޅުން؛


السَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه


މިއަދަކީ އެތައް ގޮތަކުން ފާހަގަކޮށްލެވޭ ވަރަށް ޚާއްޞަ ދުވަހެއް. ބޭރުގެ އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމުޢިއްޔާތަކުގައި ދިވެހި ދައުލަތް ތަމްސީލު ކުރައްވާ ސަފީރުންނާ، މިފަދަ މާޙައުލެއްގައި ބައްދަލުކޮށްލުމަކީ އަޅުގަނޑަށް ލިބޭ ނުހަނު ބޮޑު އުފަލެއް. އެހެންކަމުން، މި މުހިންމު ބައްދަލުވުން އިންތިޒާމު ކުރެއްވި ކަމަށްޓަކައި ޚާރިޖީ ވަޒީރު ޢަބްދުﷲ ޝާހިދަށާއި، މިވުޒާރާގެ އެންމެހައި މުވައްޒަފުންނަށް ޝުކުރާއި މަރުޙަބާ ދަންނަވަން.


މިފަދަ ބައްދަލުވުމެއް ބޭއްވުމުގެ އެންމެ މުހިންމު މަޤްޞަދަކީ، ދިވެހިންގެ ދިރިއުޅުމާއި ފުދުންތެރިކަން އިތުރުކުރުމަށް ސަރުކާރުން ކުރާ މަސައްކަތްތަކާމެދު މަޝްވަރާކޮށް، އިތުރަށް ހަރުދަނާ ކުރެވޭނެ ގޮތްތަކެއް ހޯދުން. މިހާރަށްވުރެ ފާގަތި މަންޒިލަކަށް ރާއްޖެ ގެންދިޔުމަށްޓަކައި، ރާއްޖެއިން ލިބެންހުރި ފުރުޞަތުތަކުގެ ބޭނުން މިހާރަށްވުރެ ފުރިހަމައަށް ހިފައިގެން، ކުރިއަށްދާނެ ގޮތްތަކާމެދު މަޝްވަރާކުރުން.


އަޅުގަނޑުމެންނަކީ ނިސްބަތުން ކުޑަ ޤައުމެއް ނަމަވެސް، ސާބިތުކަމާއެކު ގޮންޖެހުންތަކާ ކުރިމަތިލާ، ޢަޒުމް ވަރުގަދަ ޤައުމެއް. ޤައުމީ ފެންވަރުގަޔާއި ބައިނަލްއަޤްވާމީ މުޖުތަމަޢުގައިވެސް ރާއްޖެއިން ވަކާލާތުކުރަނީ، ޤާނޫނުގެ ބާރު ނަގަހައްޓައި، ހަމަޔާއި އިންސާފު ދަމަހައްޓަން. ދިވެހިރާއްޖޭގެ ޑިޕްލޮމަސީގެ އަސާސްތަކަކީ މިއީ. އަޅުގަނޑު ޤަބޫލުކުރާގޮތުގައި، ބައިނަލްއަޤްވާމީ މުޖުތަމަޢުގައި ދިވެހި ޤައުމުގެ ހައިބަތު އުފުލައިދެނީ، މި ދެންނެވި ހަރުދަނާ ޑިޕްލޮމަސީ. މި ޤައުމުގެ ދިފާޢަކީ ޚާރިޖީ ސިޔާސަތުގެ ހަރުދަނާކަން. ތިޔަ ސަފީރުންނަކީ، ޑިޕްލޮމަސީ ހިންގަވަން ތިއްބެވި ފަހުލަވާނުން. ޚާރިޖީ ގުޅުންތައް އިތުރަށް ހަރުދަނާކޮށް، ހީނަރުވެފައިވާ ގުޅުންތައް އަލުން ބަދަހިކުރުމުގައި، ތިޔަބޭފުޅުންގެ ދައުރު ވަރަށް މުހިންމު.


ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހީންނަށް، ޚާއްޞަކޮށް، ދިވެހި ކިޔަވާކުދިންނަށް ދޭންޖެހޭ ކޮންސިއުލަރ ޚިދުމަތްތައް ފަސޭހަކޮށްދިނުމާއެކު، އިތުރަށް ފުޅާކޮށް ހަރުދަނާ ކުރުމަކީ، ސަރުކާރުން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް. މިކަމުގައި އެންމެ މުހިންމު ދައުރެއް އަދާކުރެއްވޭނީ ތިޔަބޭފުޅުންނަށް.


ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ އިސް އަމާޒަކީ، ރާއްޖޭގެ ސިޔާދަތީ މިނިވަންކަން ޙިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުން. އެހެން ޤައުމުތަކާއެކު އަޅުގަނޑުމެން ގުޅުން އުފައްދައި ދަމަހައްޓާނީ، ރާއްޖޭގެ މިނިވަންކަމާއި އަމިއްލަވަންތަކަމަށް، ކިތަންމެ ކުޑަނަމަވެސް އުނިކަމެއް ނާންނާނެ ގޮތުގެ މަތިން.


ދިވެހިންގެ އިންސާނީ ޙައްޤުތައް ޙިމާޔަތްކުރުމާއެކު، ފުރިހަމަ ޑިމޮކްރެޓިކް ނިޒާމެއް ޤާއިމުކޮށް، އިޤްތިޞާދީ ގޮތުން ފުދުންތެރި ބަޔަކަށްވުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ މައިގަނޑު އަސާސް. ބައިނަލްއަޤްވާމީ މަސްރަޙުގައި ސާބިތުކަމާއެކު އިސްއުފުލައި، ޢަދުލުވެރިކަމާއި ހަމަޔާއި އިންސާފަށް އަޑުއުފުލުމަކީ، ރާއްޖޭގެ ޚާރިޖީ ސިޔާސަތުގެ އެންމެ މުހިންމު ރުކުން.


ސަރުކާރުން މަސައްކަތް ކުރަމުން މި އަންނަނީ، ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮ ބަދަލުތަކެއް ގެނެސްދިނުމަށް. އޭގެ ނަތީޖާވެސް ވަރަށް ރަނގަޅު. ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ ޢަދަދު މަތިވެ، ފަތުރުވެރިކަމުގެ އިންވެސްޓްމަންޓްތައް އިތުރުވެއްޖެ. ރާއްޖޭގައި ހުރި ވިޔަފާރިއާއި އިންވެސްޓްމަންޓްގެ ފުރުޞަތުތައް ދުނިޔެއަށް ހާމަކޮށްދިނުމަށް ގިނަ މަސައްކަތްތަކެއް މި އަންނަނީ ކުރަމުން.


ނަމަވެސް، ޤައުމުގެ ޙާލަތު މިހާރަށްވުރެ ރަނގަޅުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް އަދިވެސް ނުހަނު ގިނަ. ދިވެހި ޚާރިޖިއްޔާގެ މަސައްކަތަކީވެސް ޖަޒީރާ ރާއްޖޭގެ މެނިފެސްޓޯ ފުރިހަމަކުރާނެ ގޮތްތަކެއް ހޯދުން. އަދި، ތަރައްޤީގެ މަޝްރޫޢުތަކުގެ ފައިދާ، ރައްޔިތުންނަށް ފޯރުކޮށްދިނުމަށްޓަކައި، ބޭރުގެ ޤައުމުތަކާއެކު މުޢާމަލާތުކޮށް، ދިވެހިރާއްޖޭގެ ތަރައްޤީގައި ބައިވެރިވެ، އެހީވެދޭނެ ފަރާތްތަކެއް ހޯދުން.


މިކަމުގައި ޢަމަލީގޮތުން، އެންމެ އިސް ދައުރެއް އަދާކުރެއްވޭނެ އެއްބަޔަކީ، ދިވެހި ސަފީރުން. ރާއްޖެއަށް މަންފާހުރި ގޮތްތައް ހޯދުމުގެ އެންމެ މުހިންމު މޭސްތިރިންނަކީވެސް ތިޔަބޭފުޅުން. އެހެންކަމުން، ތިޔަބޭފުޅުންގެ މަސްއޫލިއްޔަތަކީ، ޤައުމުގެ ކުރިއެރުމަށާއި، ރައްޔިތުންގެ މުސްތަޤްބަލަށް، ދެމެހެއްޓެނިވި ހެޔޮ ބަދަލުތަކެއް ގެނައުމަށް މަސައްކަތް ކުރެއްވުން.


އަޅުގަނޑު ޤަބޫލުކުރާގޮތުގައި، އެ މަސައްކަތް ކުރައްވާނެ ގޮތުގެ ވަރަށް ގިނަ މަޢުލޫމާތުތައް، އިއްޔެ ނިމުނު "މޯލްޑިވްސް ޕާރޓްނަރޝިޕް ފޯރަމް"ގެ ތެރެއިން ތިޔަބޭފުޅުންނަށް ވާނީ ލިބިވަޑައިގެންފައި. އެ މަޢުލޫމާތު ހެޔޮގޮތުގައި ބޭނުންކުރައްވައި ނަތީޖާ ނެރެދެއްވުމަކީ، ތިޔަބޭފުޅުންގެ ކޮނޑުފުޅުގައި އެޅިފައިވާ ވަރަށް މުހިއްމު ޒިންމާއެއް.


މިހާރުގެ ޙާލަތަށް ބަލާއިރު، އިންވެސްޓަރުންނާއި ފަތުރުވެރިންގެ ޢަދަދު އިތުރުކުރުމަށްޓަކައި ކުރަން ޖެހިފައިވާ އެންމެ މުހިންމު އެއްކަމަކީ، ރާއްޖޭގެ ތަޞައްވުރު ރަނގަޅުކުރުން. ރާއްޖޭގައި ހިނގާ އެކި ކަންކަމާމެދު، ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބަޙުޘްތައް ކުރެވެމުންދާއިރު، ކަމުގެ ޙަޤީޤަތްތަކާއި، ރާއްޖޭގައި ކަން ހިނގާ އުޞޫލުތައް އޮޅުންފިލުވައިދިނުމަކީ، އަޅުގަނޑު ދެކޭގޮތުގައި އަޅުގަނޑުމެންގެ ޒިންމާއެއް.


ތަރައްޤީގެ ކަންކަމުގައި ބޭރުގެ ޤައުމުތަކާ ގުޅުން އުފައްދާއިރު، ރާއްޖޭގެ ޤަދަރާއި ޝަރަފު ހިފެހެއްޓުމަކީވެސް އެހާމެ މުހިންމު ކަމެއް. ރާއްޖެއަކީ މިނިވަން ޤައުމެއް. ރާއްޖޭގެ ކަންތައްތައް ބައްޓަންކުރަންވާނީ، ރާއްޖޭގެ ޤާނޫނުތަކާއި ޤަވާޢިދުތަކާ އެއްގޮތަށް. އަދި ދިވެހި ރައްޔިތުން އެދޭ، ރައްޔިތުންނަށް ފައިދާހުރި ގޮތްތަކަށް.


ރާއްޖެއަކީ ވެސް ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ޙިއްޞާދާރެއް. ދުނިޔޭގެ ތަފާތު ކަންކޮޅުތަކުގައި ނަގާ ވަރުގަދަ ރާޅުތައް، މި ރާއްޖޭގެ ގޮނޑުދޮށްތަކަށްވެސް ބިންދަމުން ދާނެ. ބައިނަލްއަޤްވާމީ ސިޔާސީ ހަލަބޮލިކަމުގެ ތެރޭގައި، މި ރާއްޖެއަށް އަމާންކަމާއެކު ދަތުރުކުރެވޭނީ، އަޅުގަނޑުމެން އެންމެން އެކުގައި ވިސްނުންތެރިކަމާއެކު، އެއް އަމާޒަކަށް މަސައްކަތްކޮށްގެން.


ބޭރު ދުނިޔޭގައި ދިވެހި ދައުލަތް ތަމްސީލު ކުރައްވާ ބޭފުޅުންނަކީ ތިޔަ ސަފީރުން. ތިޔަބޭފުޅުންގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންގެ މަޞްލަޙަތު ހިމާޔަތް ކުރެއްވުން. ތިޔަބޭފުޅުން ތިއްބަވާ ޤައުމުތަކުގައި ދިރިއުޅޭ ދިވެހީންނާއި، އެކި ބޭނުންތަކުގައި ޒިޔާރަތްކުރާ ދިވެހީންނަށް ދިމާވާ ދަތިތައް ޙައްލުކޮށްދެއްވުމަކީ، ދިވެހި އެމްބަސީތަކުގެ އެންމެ މުހިންމު މަސައްކަތް.


އެކަމުގައި ތިޔަބޭފުޅުން މިހާރުވެސް ތިޔަ ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް ޝުކުރު ދަންނަވަން. އަދި އެ މަސައްކަތްތަކުގައި ދެމިތިއްބެވުމަށް ހިތްވަރުދެން. މިއަދު މި ފެށޭ މުހިންމު ބައްދަލުވުމުގެ އެންމެ މައިގަނޑު އެއް މަޤްޞަދަކީ، ތިޔަބޭފުޅުންގެ ޒިންމާތައް އަދާކުރެއްވުމުގައި ދިމާވާ ގޮންޖެހުންތައް ދެނެގަނެ، އެކަންކަމަށް ހައްލު ހޯދުމަށް މަޝްވަރާކުރުން.


ތިޔަބޭފުޅުންގެ މި ބައްދަލުވުމަކީ، އަޅުގަނޑުމެން ބޭނުންވާ މަންޒިލަށް ޤައުމުގެ މިސްރާބު ބަދަލުކުރުމަށް އެޅޭ މުހިންމު ފިޔަވަޅަކަށް ވެގެންދާނެ ކަމަށް އަޅުގަނޑު އުންމީދުކުރަން. މި ބައްދަލުވުމުގެ ފޮނި މޭވާ، ދިވެހި ޤައުމާއި ރައްޔިތުންނަށް އަވަސް ފުރުޞަތެއްގައި ލިބިގެންދިޔުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެއް.


އަޅުގަނޑުގެ ދުޢާއަކީ، ދިވެހި ޤައުމަށް ހެވާއި ލާބަ ހުރި މަގަށް މަސައްކަތް ކުރުމުގެ ހެޔޮ ތައުފީޤު، މާތްﷲ އަޅުގަނޑުމެންނަށް މިންވަރުކުރެއްވުން. މާތްﷲ ތިޔަބޭފުޅުންގެ މަސައްކަތުގައި ބަރަކާތް ލައްވައި، ކާމިޔާބީ މިންވަރު ކޮށްދެއްވާށި! އާމީން.


وَالسَّلَامُ عَلَيْكُمْ وَرَحْمَةُ اللهِ وَبَرَكَاتُه.