ނޭޝަނަލް ޕްލޭނިންގ ކައުންސިލެއް އުފެއްދެވުމަށް ވަޒީރުންގެ މަޖިލީހުން މިއަދު ނިންމަވައިފިއެވެ. މިކަން މިގޮތަށް ނިންމެވީ، މިއަދު ބޭއްވެވި އެ މަޖިލީހުގެ ޖަލްސާގައި، މިފަދަ ކައުންސިލެއް އުފެއްދެވުމުގެ މުހިންމުކަމާ ބެހޭގޮތުން މެންބަރުން ވާހަކަފުޅު ދެއްކެވުމަށްފަހުގައެވެ.

ނޭޝަނަލް ޕްލޭނިންގ ކައުންސިލްގެ މައިގަނޑު މަސައްކަތްތަކުގެ ތެރޭގައި، ޤައުމީ ތަރައްޤީ ބައްޓަން ކުރުމަށް ސިޔާސަތު ކަނޑައަޅައި، މަގު ދައްކައިދިނުމާއި، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކާއި މުއްދަތުތައް ކަނޑައެޅުމާއި، ރާއްޖޭގެ ސަރަޙައްދުތަކުގައި ހުރި މުހިންމު ވަސީލަތްތަކާއި ތަންތަން ކަނޑައަޅައި، އެތަންތަން ތަރައްޤީ ކުރުމަށް ލަފާދިނުން ހިމެނެއެވެ. އަދި ޤައުމީ ތަރައްޤީ ކުރުމަށް ބޭނުންވާ ޤާނޫނުތަކާއި ގަވާއިދުތައް ކަނޑައެޅުމާއި، ރާއްޖޭގެ އެކި ސަރަޙައްދުތަކުގެ ތަރައްޤީ ޙާޞިލުވާ މިންވަރު ދެނެގަނެ، އިތުރަށް ހަރުދަނާ ކުރުމަށް ލަފާދިނުމާއި، އިޤްތިޞާދީ ޙާލަތަށް ރިޢާޔަތްކޮށް، ޤައުމީ ތަރައްޤީގެ ލަނޑުދަނޑިތަކަށް ގެންނަންޖެހޭ ބަދަލުތައް ގެނައުން ހިމެނެއެވެ.

ނޭޝަނަލް ޕްލޭނިންގ ކައުންސިލްގެ ރައީސަކީ، ރައީސުލްޖުމްހޫރިއްޔާއެވެ. ކައުންސިލްގައި ހިމެނިވަޑައިގަންނަވާ އެހެން މެންބަރުންގެ ތެރޭގައި، ނާއިބު ރައީސާއި، ވަޒީރުން ހިމެނިވަޑައިގަންނަވައެވެ. މީގެއިތުރުން، ސިވިލް ސޮސައިޓީ ތަމްސީލު ކުރައްވާނެ ދެމެންބަރަކާއި، ޕްރައިވެޓް ސެކްޓަރ ތަމްސީލު ކުރައްވާނެ ދެމެންބަރަކުވެސް މި ކައުންސިލްގައި ހިމެނިވަޑައިގަންނަވާނެއެވެ.

ވަޒީރުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި، ސަރަޙައްދީ ތަރައްޤީގެ މަސައްކަތްތައް ހިންގުމަށް މަގުފަހިވާނެ މޭރުމުން ބަޖެޓު ތައްޔާރު ކުރުމާ ބެހޭގޮތުން މަޝްވަރާ ކުރެއްވިއެވެ. އަދި ރާއްޖޭގެ އެއްވެސް ރަށަކަށް ބޯފެނުގެ ދަތިކަން މެދުވެރިވެއްޖެނަމަ، ސަރުކާރުގެ ކަމާބެހޭ ދާއިރާތަކުން އަވަސް ފިޔަވަޅު އަޅުއްވާނެ ގޮތްތަކަކާމެދުވެސް މަޝްވަރާ ކުރެއްވިއެވެ.

ވަޒީރުންގެ މަޖިލީހުގެ ޖަލްސާތަކުގައި ވަޒީރުން ރައީސުލްޖުމްހޫރިއްޔާއާ ކުރައްވަން ބޭނުންފުޅުވާ ސުވާލު ކުރެއްވުމުގެ ފުރްޞަތު ދެއްވާ ގޮތަށް މިހާރު ހަމަޖައްސަވާފައިވުމާއެކު، މިއަދުގެ ޖަލްސާގައިވެސް އެކަމަށް ފުރްޞަތު ހުޅުއްވާލެއްވިއެވެ.