ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިޞަލް ނަސީމް، "ދިވެހި ތާރީޚުގެ ތެރެއިން ތިމާވެށި" ފޮޓޯ މައުރަޒު ހުޅުއްވައިދެއްވައިފިއެވެ. މި މައުރަޒަކީ މިނިސްޓްރީ އޮފް އެންވާރަމަންޓް އަދި މިނިސްޓްރީ އޮފް އަރޓްސް، ކަލްޗަރ އެންޑް ހެރިޓޭޖްގެ އިސްނެންގެވުމުގެ ދަށުން މިއަހަރުގެ ބައިނަލްއަޤްވާމީ ތިމާވެށީގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ކުރިއަށްގެންދިޔަ ހަރަކާތެކެވެ.

ނެޝެނަލް އަރޓް ގެލެރީގައި ކުރިއަށްދިޔަ މި ޙަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ރާއްޖޭގެ ޤުދުރަތީ ރީތިކަން ދެމެހެއްޓޭތޯ މަސައްކަތްކުރުމަށް ދިވެހި އެންމެހާ ރައްޔިތުންނަށް އިލްތިމާސްކުރައްވާފައެވެ. އަދި އެމަނިކުފާނު ވަނީ ރާއްޖޭގެ ތަރިކައާއި ސަޤާފަތް ދިރުވުމަށް އެންމެހާ ރައްޔިތުންގެ ކިބައިން އެދިވަޑައިގެންފައެވެ.

މިޙަފުލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ ވައި ތަޣައްޔަރުވުން ހައްލުކުރުމަށްޓަކައި ކޮންމެ މީހަކުވެސް އެމީހެއްގެ ފަރުދީ ޒިންމާ އަދާކުރުމަށް ގޮވާލައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ ވާހަކަފުޅު ނިންމަވާލައްވަމުން އެމަނިކުފާނު ވަނީ މިރޭ ހުޅުއްވައިދެއްވި މައުރަޒުން ފެންނަންހުރި ފޮޓޯތަކުން ދޭހަވާ މެސެޖުތައް ނުވަތަ އިންޒާރުތައް ބަލައިގަނެ އެދުވަހު އެއޮތް ޖަޒީރާ ރާއްޖެ އެގޮތުގައި ދެމެހެއްޓޭތޯ މަސައްކަތްކުރުމަކީ ކޮންމެހެން ކުރަންޖެހޭކަމެއް ކަމުގައި ފާހަގަކުރައްވާފައެވެ.