ރައީސުލްޖުމްހޫރިއްޔާ މުޙަންމަދު ނަޝީދާއި އެމަނިކުފާނުގެ އަނބިކަނބަލުން ލައިލާ ޢަލީ މިރޭ މުލީއާގެއަށް ބަދަލުވެވަޑައިގެންފިއެވެ. މިރަސްމިއްޔާތު އޮތީ މިރޭ 8 ޖެހިއިރުއެވެ.

މުލީއާގޭ ކުރިމަތީގައި މި ރަސްމިއްޔާތު ފެށުނީ، ރަސްމިއްޔާތު ބާއްވާ ސަރަޙައްދަށް ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުންނެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ވަޑައިގަތުމުން، ޝަރަފްގެ ގާޑް ސަމާލަށް ގެނެވުނެވެ. އަދި ރިޔާސީ ކުރުނީހެއް އަރުވައި، ބޭންޑްގައި ޤައުމީ ސަލާމް ކުޅުނެއެވެ. އެއަށްފަހު، ރައީސުލްޖުމްހޫރިއްޔާގެ ޝަރަފްގައި އޮތް ޝަރަފްގެ ގާޑް، އެމަނިކުފާނު ބަލައި ފާސްކޮށްދެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މުލީއާގެއަށް ވެދެވަޑައިގަތުމަށް ދެންނެވީ، ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ މޫސާ ޢަލީ ޖަލީލެވެ. ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މުލީއާގެއަށް ވެދެވަޑައިގަތުމާއެކު ދިދަ ނެގުން އޮތެވެ.

ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން މުލީއާގެއަށް ވެދެވަޑައިގެންނެވިއިރު، އެދެކަނބަލުންގެ އިސްތިޤްބާލުގައި ނާއިބު ރައީސާއި، ސްޕެޝަލް އެންވޯއި އޮފް ދަ ޕްރެޒިޑެންޓާއި، ދިވެހިރާއްޖެގެ އުއްތަމަ ފަނޑިޔާރާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސާއި، ވަޒީރުންގެ މަޖިލީހުގެ މެންބަރުންނާއި، ސްޓޭޓް މިނިސްޓަރުންނާއި، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ސެކްރެޓަރީން ތިއްބެވިއެވެ.